ރާއްޖެ އަށް ބޭނުންވާ އިންވެސްޓްމަންޓްތައް ހޯދުމުގެ ގޮތުން ބައިނަލްއަގުވާމީ ޕާޓްނާޝިޕް ފޯރަމެއް ބާއްވަން ނިންމައިފި އެވެ.

ފޮރިން މިނިސްޓްރީގެ ޑައިރެކްޓާ އޮފް ކޮމިއުނިކޭޝަން މިއުވާން މުހައްމަދު މިއަދު ވިދާޅުވީ އެ ފޯރަމް ބާއްވާނީ އަންނަ މަހުގެ 17 އަދި 18 ވަނަ ދުވަހު ކަމަަށެވެ.

މިއީ ރާއްޖޭގެ ފޮރިން މިނިސްޓްރީ އާއި ރައީސް އޮފީހުގެ އިތުރުން ސަރުކާރުގެ އެހެން މިނިސްޓްރީތަކާ ގުޅިގެން ބާއްވާ ފޯރަމެކެވެ. އެ ފޯރަމްއެއް ބޭއްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދެއް ވެސް މެ އެވެ.

މިއުވާން ވިދާޅުވީ އެ ފޯރަމްއަށް މިހާތަނަށް 105 ފަރާތަކަަށް ދައުވަތު އަރުވައިފައިވާ ކަމަށެވެ.

"އެ ފޯރަމްގައި ރާއްޖޭގެ ތަރައްގީއަށް އެންމެ ބޮޑަށް ބޭނުންވާ ކަންތައްތަކާ މެދު މަޝްވަރާ ކުރެވޭނެ. ބޯހިޔާވަހިކަމަށް ބޭނުންވާ އިންވެސްޓްމަންޓްތަކާ މެދު މަޝްވަރާކުރެވޭނެ. ހަމަ އެކަނި އެހީއެއް ނޫން ބޭނުންވަނީ ރާއްޖެއަށް. އިންވެސްޓްމަންޓްތައް ގެންނާނެ ގޮތްތަކާ ބެހޭ ގޮތުން މަޝަވަރާކުރެވޭނެ." މިއުވާން ވިދާޅުވި އެވެ.

މިއުވާން ވިދާޅުވީ ރާއްޖެ އޮތީ ބައިނަލްއަގުވާމީ އިންވެސްޓަރުންނަަށް ހުޅުވާލައިފައިވާކަން އަންގަން ބޭނުންވާ ކަމަށެވެ. އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މީގެ ކުރިން އެކި ގައުމުތަކާ ދެމެދު ބޭއްވި ބައިލެޓަރަލް ވާހަކަތަކުގައި ވެސް އެކަން ފާހަގަކޮށްފައިވާ ކަމަށް މިއުވާން ވިދާޅުވި އެވެ.