ފ. ބިލެތްދޫގައި އެކްސްކެވޭޓަރެއް ބޭނުންކޮށްގެން ކޮންނަމުން ދަނީ ވެވެއް ހޯދަން ނޫން ކަމަށާއި، ކޮންނަމުން ދަނީ ފެން ވަޅެއް ހެދުމަށް ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.

މިއަދު އެކްސްކެވޭޓަރެއް ބޭނުންކޮށްގެން ބިލެތްދޫގައި އާސީރީ ވެވެއް ހުރި ކަމަށް ބުނާ ސަރަހައްދެއް ކޮންނަމުންދާ ކަމަށް އާންމުންގެ މީހަކު ވަނީ ޓްވީޓުކޮށްފައެވެ.

އެއީ ހަގީގަތެއް ކަމަށް ވާ ނަމަ، އެކްސްކެވޭޓަރު ބޭނުންކޮށްގެން އެތަން ނުކޮނުމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވަނީ އެދިވަޑައިގެންފައެވެ. އަދި އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި މިނިސްޓަރު ވަނީ ޓްވީޓު ކުރައްވާފައެވެ.

ބިލެތްދޫ ކައުންސިލުގެ ރައީސް މިއަދު "ސަން"އަށް ވިދާޅުވީ، އެ ކައުންސިލުން އެ ރަށުގައި ކޮންނަމުން ދަނީ ވެވެއް ހޯދާކަށް ނޫން ކަމަށެވެ. އަދި ކޮންނަމުން ދަނީ ދަނޑުވެރިކަމަށް ބޭނުންކުރަން ވަޅެއް ހެދުމަށް ކަމަށެވެ.

"ކައުންސިލުގެ ބޭނުމަށް ފެން ވަޅެއް ހެދުމަށް ކޮންނަމުން ދަނީ. އެއީ ދަނޑުވެރިކަން ކުރުމަށް،" ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

ކައުންސިލުގެ ރައީސް ވިދާޅުވީ، ކޮންނަމުންދާ ސަރަހައްދުގައި ވެެވެއް ހުރިކަން އެނގިފައި ނުވާ ކަމަށެވެ.

ބިލެތްދޫއިން ވާހަކަ ދެއްކި އާންމުންގެ މީހަކު ބުނީި އެ ރަށުގެ މަސްޖިދުލް ޒިކުރާ އާ މާ ދުރުނޫން ސަރަހައްދެއްގައި މީގެ ކުރިން ވެވެއް އޮންނަ ކަމަށް ރަށުގެ އިސް ރަށްވެހިން ބުނެ އުޅޭ ކަމަށެވެ.

ވެވަކީ ކުރީ ޒަމާނުގައި މީހުން އެރި ފެންވަރާ ހެދުމަށް ކޮނެ، ގާ އަޅައި ކައިރި ހަދައިފައި ހުންނަ ފެންގަނޑުތަކެވެ.

ތާރީހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ބައެއް ރަށްރަށުގައި 1940ގެ އަހަރުތަކާ ޖެހެންދެން ވެވު ބޭނުން ކުރިއެވެ. ވެވު ބޭނުން ކުރަން ހުއްޓާލަން ފެށުނީ ޝަމްސުއްދީން ރަދުންގެ ދުވަސްވަރު މަދިރި އާލާވާ ކަމަށް ބުނެ އެތަންތަނަށް ފަސް އަޅައި ފޮރުވަން ފެށުމުން ކަމަށްވެއެވެ.