07 May 2019, 14:17
އިއްޔެ ހުޅުމާލޭގައި ހިނގި ބަސް އެކްސިޑެންޓުގައި މަރުވި ޔުކްރެއިންގެ އަންހެން މީހާގެ އާއިލާއިން ރާއްޖެ އަންނަން ނިންމައިފި އެވެ.
އިއްޔެ އެ އަންހެން މީހާ މަރުވި ހާދިސާ ހިނގައި ދިޔައީ، ބަސް ދުއްވަން އިން މީހާ ނިދި ޖެހިގެން ބަސް ކޮންޓްރޯލުން ނައްޓާލައި، އަންހެން މީހާގެ ގައިގައި ޖެހުމުންނެވެ. އެ ހާދިސާ ހިނގައި ދިޔައީ އަންހެން މީހާ ލޯބިވެރިޔާއާ އެކު ޖޮގިން އަށް ނުކުމެ އުޅެނިކޮށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި އަންހެން މީހާގެ ހަށިގަނޑު މިހާރު އޮތީ ގަލޮޅު މޯޗަރީގަ އެވެ.
އޭނާގެ ހަށިގަނޑާ މެދު ގޮތެއް ނިންމާނީ އާއިލާއިން ކަމަށާއި އާއިލާއިން މާދަމާ މާލެ އަންނާނެ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
"އެ މީހާގެ އާއިލާއިން މާދަމާ މާލެ އައިސް ގޮތެއް ނިންމާނެ،" އޮފިޝަލު ވިދާޅުވި އެވެ.
އަންހެން މީހާ މަރުވި ހާދިސާއަށް ފަހު ބަސް ޑްރައިވަރު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ފުލުހުން ވަނީ އެ މައްސަލައިގެ ތަހުގީގު ފަށައިފައެވެ.
ޑްރައިވަރުގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފަ އެވެ. އެ ކޯޓުން ވަނީ އޭނާގެ ބަންދަށް ތިން ދުވަސް ޖަހައިދީފަ އެވެ.
ބަސް ދުއްވަން އިން ޑްރައިވަރަކީ ލައިސެންސް އޮތް މީހެކެވެ. އޭނާ އަކީ އެމްޕީއެލްގައި މަސައްކަތްކުރާތާ ދެ އަހަރުވެފައިވާ ތަޖުރިބާކާރު ޑްރައިވަރެެއް ކަމަށްވެ އެވެ.