07 May 2019, 15:49
ދައުޙާ (މޭ 7) : އިސްރާއީލުގެ އުދުވާނުގެ ސަބަބުންނާއި އެމެރިކާގެ އެހީތައް ކަނޑާލުމުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޮޑެތި ދަތިތައް ހައްލުކުރުމަށް ފަލަސްތީނަށް ވަނީ މާލީ އެހީތައް ވަރަށް ބޮޑަށް ބޭނުންވެފައި ކަމަށާ ގަތަރުން ދޭން ނިންމި ފައިސާއަށް ފަލަސްތީނުން މަރްހަބާ ކިޔާ ކަމަށް ފަލަސްތީނުން ބުނެފިއެވެ.
ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާއަތުގެ ސިޔާސީ އޮޕީހުގެ ރައީސް އަދި ފަލަސްތީނުގެ ބޮޑުވަޒީރު އިސްމާއީލް ހަނިއްޔާވިދާޅުވި ގަތަރުން އެހިދިނުމަށް ނިންމީ އިސްރާއީލުގެ އުދުވާންގެ ސަބަބުން ޣައްޒާގެ ރައްޔިތުން ވަރަށް ނިކަމެތިވެ ހިތާމައާއި ހިތްދަތިކަމާއި އަތްމަތި ދަތިވުމުގެ މައްސަލަ ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި ކަމަށާ އެ އެހީއަށްޓަކައި ގަތަރުގެ އަމީރަށާއި ގަތަރު ރައްޔިތުންނަށް ފަލަސްތީނުން ވަރަށް ބޮޑަށް ޝުކުރު އަދާ ކުރައްވާ ކަމުގައެވެ.
ގަތަރުން ފަލަސްތީނަށް ދޭން ނިންމި 450 މިލިޔަން ޑޮލަރަކީ ޣައްޒާއާ އަދި ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުންވެސް ހިމެނޭގޮތަށް އެދެބައި މީހުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އަންނައުނާއި ބޭސްފަދަ ތަކެތި ފޯރުކޮށްދިނުމަށްޓަކައި ދޭން ނިންމި މާލީ އެހީއެއްކަމަށް ގަތަރުގެ ޚާރިޖީ ވުޒާރާއިން ބުނެފައިވެއެވެ.
މި ފައިސާގެ ތެރެއިން ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުންނަށް ދޭ އެހީގެ ފައިސާ ހަވާލުކުރާނީ ފަލަސްތީނުގެ ސަރުކާރާ ކަމަށާ ޣައްޒާގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުންނަށް ދޭ އެހީގެ ފައިސާ ނަގުދުގެ ގޮތުގައި ހަވާލުކުރާނީ ޣައްޒާގައި ވެރިކަންކުރާ ހަމާސް ޖަމާއަތާ ކަމަށް ގަތަރުގެ މަސްއޫލުވެރިންނާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.
ގަތަރުން މީގެ ކުރިންވެސްވަނީ އެކިފަހަރު މަތިން ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާ (އެމެރިކާ ޑޮލަރު) ނަގުދުގެ ގޮތުގައި ޙަމާސް ޖަމާއަތާ ހަވާލުކޮށްފައެވެ. މިކަން ކުރަނީ މިސްރު ސަރުކާރާ ވާހަކަ ދައްކައިގެން މިސްރާއި ޣައްޒާގެ ސަރަހައްދީ ރޮނގު ހުރަސްކޮށް ގަތަރުގެ މަސްއޫލުވެރިން ފައިސާ ހިއްޕަވައިގެން ޣައްޒާއަށް ވަޑައިގެންނެވެ.
ގަތަރުން ފަލަސްތީނަށް ދޭން ނިންމި 450 މިލިޔަން ޑޮލަރުގެ ތެރެއިން ޣައްޒާއަށް ކަނޑައަޅާފައިވަނީ ކިހާވަރެއްކަން އަދި ހުޅަނގު އައްސޭރިއަށް ކަނޑައަޅާފައިވަނީ ކިހާވަރެއްކަން ހާމަކޮށްފައެއް ނުވެއެވެ. ގަތަރުން މިފައިސާ ފަލަސްތީނަށް ދޭން ނިންމީ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން އަނިޔާވެރި ލާއިންސާނީ އުދުވާނެއް ހިންގައި ފަލަސްތީނުގެ 21 މީހުން ޝަހީދުކޮށް ސަތޭކައަށްވުރެ ގިނަ މީހުން ޒަޚަމްކޮށްލާފައިވާ ދަނޑިވަޅެއްގައެވެ.
މިދިޔަ ހުކުރުދުވަހު ޣައްޒާއާ ދެކޮޅަށް ދޭންފެށި އުދުވާން ހުއްޓުމަކަށް އައިސްފައިވަނީ ހޯމަދުވަހުއެވެ. އެ އުދުވާނުގައި ޣައްޒާގެ އެތަށް އިމާރާތެއް އިސްރާއީލުން ހަލާކުކޮށްލާފައިވާއިރު އެތަށް ކުޑަކުދިންނެއް ޔަތީމްވެ އެތަށް ބަޔަކުވަނީ ހުވަފަތްވެ ހާލުގައިޖެހިފައެވެ. މީގެއިތުރުން އިސްރާއީލުން ގެދޮރު ހަލާކުކޮށްލި ޣައްޒާގެ އާއިލާތައްވަނީ ރެފިއުޖީންގެ ގޮތުގައި މަގުމަތިވެފައެވެ.
އިސްރާއީލުގެ އުދުވާނުގައި 21 މީހުން ޝަހީދުވެފައިވާއިރު 121 މީހުން ޒަޚަމްވެފައިވެއެވެ. 520 މީހުންގެ ގެދޮރު ގެއްލިފައިވެއެވެ. 75 އިމާރާތް ދިރިނޫޅޭވޭ ވަރަށް ހަލާކުކޮށްލާފައިވާއިރު މަރާމާތުކޮށްގެންނޫނީ ބޭނުން ނުކުރެވޭ ވަރަށް 420 އިމާރާތް ހަލާކުކޮށްލާފައިވެއެވެ. މީގެއިތުރުން އިސްރާއީލުގެ އުދުވާނުގައި ޣައްޒާގެ ފަސް މިސްކިތަކަށާއި 4 ކްލިނިކަކަށްވެސް އިސްރާއީލުން ބޮޑެތި ގެއްލުންތަކެއް ދީފައިވެއެވެ.
ޣައްޒާގައި ހުންނަވާ އަލްޖަޒީރާގެ މުރާސިލް ވާއިލް އައްދަޙްދޫހް ވިދާޅުވީ އިސްރާއީލުގެ އުދުވާނުގެ ސަބަބުންނާ އަދި ޣައްޒާގެ ރައްޔިތުން އިސްރާއީލުގެ ޙިސާރުގެ ދަށުގައި ދިގުމުއްދަތަކަށް ދިރިއުޅެން ޖެހުމުގެ ސަބަބުން ރަމަޟާން މަހާ ކުރިމަތިލާފައިވާއިރު ޣައްޒާގެ ރައްޔިތުންވަނީ ވަރަށްބޮޑަށް ފަގީރުވެ ނިކަމެތިވެ ހާލުގައި ޖެހިފައި ކަމުގައެވެ. މީގެއިތުރުން އިސްރާއީލުގެ އުދުވާނާއެކު ޣައްޒާގެ އާއިލާތަކުގެ އެތަށް ބަޔަކު މަރުވެދިޔުމުގެ ބޮޑު ހިތާމައަކާވެސް ކުރިމަތިލާންޖެހިފައިވާތީ ޣައްޒާގެ ރައްޔިތުން ވަނީ ކާބޯތަކެއްޗާއި ބޭހާއި ތެލާއި އެނޫންވެސް އަސާސީ އެހީތަކަށް އިންތިހާއަށް ބޭނުންވެފައި ކަމުގައެވެ. އަދި މިހާލަތާގުޅިގެން ޣައްޒާއިން ފެންނަމުންދަނީ ހިތްދަތިކަމާއި ހިތާމައާއި ވޭނާއި ކެކުޅުންތައް ކަމަށްވެސް އަލްޖަޒީރާގެ މުރާސިލު ވިދާޅުވިއެވެ. (ނޫސްއެޖެންސީތައް)