ހުޅުމާލޭގައި އިއްޔެ ދުއްވި ބަހެއްގެ ދަށުވެ ޓޫރިސްޓަކު މަރުވި މައްސަލައިގައި ހައްޔަރު ކޮށްފައިވާ ބަސް ޑްރައިވަރުގެ ބަންދުގެ މުއްދަތު ކޯޓުން މިއަދު ޖަހައިދީފަ އެވެ.

އިއްޔެ ހެނދުނު ހުޅުމާލޭގައި ހިނގި އެ އެކްސިޑެންޓްގައި ބަސް ޑްރައިވަރަށް ނިދިގެން ގޮސް، ބަސް ކޮންޓްރޯލުން ނެއްޓި މަގުމަތިން ހިނގާފައި ދިޔަ ޔޫކްރެއިންގެ އަންހެނެއްގެ ގައި މައްޗަށް އަރައި އޭނާ ވަނީ މަރުވެފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރަކު މިއަދު ވިދާޅުވީ، ބަސް ދުއްވި ޑްރައިވަރުގެ ބަންދުގެ މުއްދަތު ޖެހުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުުރުމުން އޭނާގެ ބަންދުގެ މުއްދަތު ތިން ދުވަހަށް ޖަހައިދީފައިވާ ކަމަށެވެ.

ފުލުހުން އިއްޔެ ބުނެފައިވާ ގޮތުގައި ބަސް ދުއްވަން އިން މީހާ އަކީ ބަސް ދުއްވުމުގެ ލައިސަންސް އޮތް ދިވެހި ޑްރައިވަރެކެވެ.

މަރުވި ޔޫކްރެއިންގެ 31 އަހަރުގެ އަންހެން މީހާ އަކީ އޭނާގެ ލޯބިވެރިޔާއާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިއެކެވެ.