07 May 2019, 13:56
ކޮލޮމްބޯ (މެއި 7): ސްރީލަންކާގައި މިދިޔަ މަހުގެ 21ގައި ދިން ބޮމުގެ ހަމަލާތަކާ ގުޅުން ހުރި އެންމެން ހައްޔަރުކޮށްފި ކަމަށް އެގައުމުގެ ފުލުހުންގެ ވަގުތީ ވެރިޔާ، ޑެޕިއުޓީ އިންސްޕެކްޓަރު ޖެނެރަލް ޗަންދަނާ ވިކްރަމަރަތުނަ ވިދާޅުވެއްޖެއެވެ.
ލަންކާގެ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިކްރަމަރަތުނަ ވިދާޅުވި ގޮތުގައި، އީސްޓާ ސަންޑޭގެ ހަމަލާތަކާ ގުޅުން ހުރި މީހުންގެ ތެރެއިން ދިރި ތިއްބި އެންމެން މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އަދި އެމީހުން އިތުރު ހަމާލަތައް ދޭން ބޭނުންކޮށްފާނެ ތަކެތިވެސް ފުލުހުން ވަނީ އަތުލާފައެވެ.
ލަންކާގެ ސަރުކާރުން ބުނާ ގޮތުގައި އެގައުމުގެ ފައްޅިތަކަށާއި ހޮޓާތަކަށް އަމާޒުކޮށް ހަމަލާތައް ދިނީ ހަނގުރާމަވެރި ދެ ޖަމާއަތް ކަމަށްވާ ނެޝަނަލް ތައުހީދު ޖަމާއަތު (އެންޓީޖޭ) އާއި ޖަމާއަތު މިއްލަތު އިބްރާހިމް ގުޅިގެން، ބޭރުގެ އެހީއާ އެކުގައެވެ. އަދި އޭގެ ތެރެއިން އެންޓީޖޭގެ ލީޑަރު ޒަހްރާން ހާޝިމް ވަނީ އެހަމަލާތަކުގައި އަމިއްލައަށް މަރުވެފައެވެ.
މީގެ އިތުރުން އިސްލާމިކް ސްޓޭޓް (އައިއެސް)އިން ވަނީ އެހަމަލާތަކުގެ ޒިންމާ ނަގާފަ އެވެ. އެޖަމާއަތުގެ ލީޑަރު އަބޫ ބަކުރު އަލް ބަޣުދާދީ ފެންނަ ވީޑިއޯއެއްގައި އޭނާ ވަނީ އެހަމަލާ ދިނީ، ސީރިއާގައި އައިއެސްއަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ކަމަށް ބުނެފަ އެވެ. އެހަމަލާތަކުގައި 250އަށް ވުރެ ގިނަ މީހުން މަރުވެ، 500 މީހުންނަށް އަނިޔާވި އެވެ.