ސަރުކާރުން ނުވަތަ އެމްޑީޕީން ބޭނުންވާ ގޮތަކަށް ކަންތައްތައް ކުރިއަށް ނުދަންޏާ ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވައި ޝަރުއީ ދާއިރާގެ އަގުވައްޓާލަން މިސަރުކާރުން މަސައްކަތް ކުރަމުން ގެންދާ ކަމަށް ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވިދާޅުވި އެވެ.

ތަސްމީން މިހެން ވިދާޅުވީ މިއަދު ދި ޓީވީ އަށް ދެއްވި އިންޓަވިއެއްގަ އެވެ.

ޝަރުއީ ދާއިރާގެ މިނިވަން ކުރުމަށް ކަމަށް ބުނެ ވެރިކަން ކުރާ އެމްޑީޕީން މިއަދު ސުޕްރީމް ކޯޓު ކައިރިއަށާއި މ. އެންދެރިމާގެ ކައިރީގަ އާއި އަދި އަލިވާގޭ ދޮށަށް އެއްވެ، ކުރި މުޒާހަރާ ކުށްވެރިކުރައްވައި ތަސްމީން ވިދާޅުވީ އެކަންކަމަކީ އެއްގޮތަކަށް ވެސް ކުރެވިގެންވާނެ ކަންތައްތަކެއް ނޫން ކަމަށާއި އެ މަސައްކަތަކީ ޝަރުއީ ދާއިރާ އަށް ބިރުދައްކައި ނުފޫޒު ފޯރުވައި ވަކި ކަމެއް ހާސިލް ކުރުމުގެ ބޭނުމުގައި ކުރާ ކަންތައްތައް ކަމުގައިވާ ނަމަ އެކަންކަމަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ.

"އެއްވެސް މީހެއްގެ ގެދޮރަށް އެގޮތަށް ގޮސް ގެއްލުން ދީގެން ނުވާނެ. މިކަމަކީ ވަކި ކަމެއް ހާސިލް ކުރުމުގެ ބޭނުމުގައި ކުރި ކަމެއް ކަމުގައިވާ ނަމަ އެކަމެއް ވެސް ނުކުރެވޭނެ،" ތަސްމީން ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތޮފާގެ ޝަރީއަތުގެ އަޑު އެހުމެއް ބޭއްވުމަށް ސުޕްރީމް ކޯޓުގައި ޝެޑިއުލްކޮށްފައި ވަނިކޮށް، އެމްޑީޕީން މިއަދު ވަނީ ޝަރުއީ ދާއިރާ އިންސާފުން އެއްކިބާވެގެން މަސައްކަތް ކުރާ ކަމަށް ބުނެ، އެ ޕާޓީން ފާސްކުރި ގަރާރެއްގެ ދަށުން ސުޕްރީމް ކޯޓު ކައިރިއަށާއި ރައީސް މައުމޫން ދިރިއުޅުއްވާ އެންދެރިމާގެ ކައިރިއަށް އެއްވެ، މުޒާހަރާކޮށްފަ އެވެ.