ޕީޕީއެމްއަށް ދައުލަތުގެ ބަޖެޓުން ދޭން ޖެހޭ 18 މިލިއަން ރުފިޔާގެ ތެރެއިން ދޫނުކޮށް ހިފެހެއްޓި 8.6 މިލިއަން ރުފިޔާ ފިނޭންސް މިނިސްޓްރީއިން އެންމެ ފަހުން ދޫކޮށްފި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު "ސަން"އަށް ވިދާޅުވީ، މިދިޔަ ހަފްތާގެ ތެރޭގައި އެ މިނިސްޓްރީއިން ޕީޕީއެމްއަށް ދޭން ޖެހޭ ފައިސާ ދޫކޮށްފައިވާ ކަމަށެވެ.

އެހެން ނަމަވެސް، ޕީޕީއެމް އިން ބުނީ، އަދި ފައިސާ ޖަމާވި ކަމުގެ އެއްވެސް ލިޔުމެއް ލިބިފައި ނުވާ ކަމަށެވެ. އަދި ފައިސާ ޖަމާވި ކަން އެ ޕާޓީއަށް ކަށަވަރެއް ނުކުރެވޭ ކަމަށެވެ.

އެ ޕާޓީއިން ބުނީ ފައިސާ ޖަމާ ކުރަން އެމްއެމްއޭއަށް ފޮނުވިކަން އަންގައި މި މަހުގެ ދެވަނަ ދުވަހު ފިނޭންސްއިން ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައި ވަނީ ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ކަނޑައަޅާ ފައިސާ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ދޭންޖެހޭނެ ކަމަށެވެ. ނަމަވެސް ޕީޕީއެމްގެ ފައިސާ ދޫނުކޮށް ފުރަތަމަ ހިފެހެއްޓީ ޕީޕީއެމްގެ ހިންގުމާ ގުޅޭ ގޮތުން ކޯޓަށް ހުށަހެޅި މައްސަލަތަކަކާ ގުޅިގެން ކަމަށް މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ކޯޓުގައި އޮތް މައްސަލަތައް ނިމުމުން ފައިސާ ދޫކުރަން އިލެކްޝަނުން ފިނޭންސްގައި އެދެމުން، ފަހުން އެ ފައިސާ ދޫނުކޮށް ވަނީ ގިނަ ދުވަސްތަކެއް ވެފައެވެ.

އެ ފައިސާ ދޫނުކޮށްގެން ޕީޕީއެމް އިން ވަނީ ސިވިލް ކޯޓަށް މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ. ފައިސާ ދޫނުކުރުމުގެ ސަބަބުން އެ ޕާޓީގެ ހިންގުމަށްވެސް ދަތިތަކެއް ކުރިމަތިވިއެވެ.