07 May 2019, 13:08
މިރޭ ކުޅޭ މެޗުގައި ގޯލު ޖެހުނު ނަމަވެސް ފުރަތަމަ ލެގުގައި އުފާ ފާޅު ކުރި ގޮތަށް އުފާ ފާޅު ނުކުރާނެ ކަމަށް ކުރީގެ ލިވަޕޫލް ކުޅުންތެރިޔާ އަދި މިހާރު ބާސެލޯނާގެ ފޯވާޑަކަށް ކުޅެމުން އަންނަ ލުއިސް ސުއަރޭޒް ބުނެފި އެވެ.
ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ލިވަޕޫލް ކޮޅަށް ގޯލު ޖެހުމަށް ފަހު ސުއަރޭޒް ވަނީ ވަރަށް ބޮޑަށް އުފާ ފާޅު ކޮށްފަ އެވެ. އަދި އެކަމާ ގުޅިގެން ލިވަޕޫލްގެ ގިނަ ސަޕޯޓަރުންތަކެއް ވަނީ ސުއަރޭޒްއަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ.
ސުއަރޭޒް ބާސެލޯނާއަށް ބަދަލު ވުމުގެ ކުރިން ތިން އަހަރާއި ބައި ވަންދެން ކުޅުނީ ލިވަޕޫލަށެވެ. އޭނާ ވަނީ އެ ކުލަބާ އެކު މޮޅު ކުޅުމެއް ދައްކާ ޔޫރަޕުގެ ރަން ބޫޓު ވެސް ހޯދާފަ އެވެ. މީގެ އިތުރުން ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް އޭނާ ވަނީ ލިވަޕޫލާ އެކު ހޯދާފަ އެވެ. ލިވަޕޫލާ އެކު ބޮޑެތި ކާމިޔާބީތައް ހޯދުމަށްފަހު އޭނާ ބާސެލޯނާއާއި ގުޅުނީ 2014 ވަނަ އަހަރު އެވެ.
ނަމަވެސް ލިވަޕޫލް ކޮޅަށް ގޯލު ޖެހުމަށްފަހު ސުއަރޭޒް އުފާ ފާޅު ކުރުމުން ލިވަޕޫލްގެ ސަޕޯޓަރުންގެ ވަނީ ހިތްހަމަ ނުޖެހުން ފާޅު ކޮށްފަ އެވެ. އެކަމާ ސުއަރޭޒް ވަނީ މެޗު ނިމުމަށް ފަހު މާފަށް އެދިފަ އެވެ. އޭނާ ބުނީ މިރޭ ލިވަޕޫލްގެ އެންފީލްޑުގައި ކުޅޭ މެޗުގައި ގޯލެއް ޖެހުނަސް އޭނާ އުފާ ފާޅު ނުކުރާނެ ކަމަށެވެ.
"ފުޓުބޯޅަ ބަލާ މީހަކަށް ވެއްޖެޔާ އިނގޭނެ ޗެމްޕިއަންސް ލީގުގެ މިހާ ހިސާބުގައި ގޯލެއް ޖެހުމުން ލިބޭ އުފާ. އެ ފޯރީގައި ގޮސް އުފާ ފާޅު ކުރުމަކީ ވެދާނެ ކަމެއް،" ނޫސްވެރިންނާ ވާހަކަ ދައްކަމުން ސުއަރޭޒް ބުންޏެވެ.
"އަހަރެންގެ ހިތުގައި ލިވަޕޫލަށާއި ލިވަޕޫލްގެ ސަޕޯޓަރުންނަށް ވަރަށް ބޮޑު ގަދަރެއް ދެވިފައި އެބެއް. އެ އިހުތިރާމް ދުވަހަކުވެސް ބަދަލެއް ނުވާނެ. މިރޭގެ މެޗުގައި ގޯލެއް ޖެހުނަސް އަހަރެން އުފަލެއް ނުކުރާނަން،"
މީގެ އިތުރުން ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހުއަށް ލިބުނު އަނިޔާއަކާއި ގުޅިގެން މިރޭގެ މެޗުގައި އޭނާ ނުފެނުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާއި އަބަދުވެސް އެދެނީ ލިވަޕޫލްއަށް ރަނގަޅު ގޮތް ވުން ކަމަށް ސުއަރޭޒް ބުންޏެވެ.