07 May 2019, 18:51
ހެޔޮކަމުގެ މޫސުންތައް ލައްވާފައިވުމީ ކީރިތި ވަންތަ ﷲ ގެ ފަޟުލުވަންތަވެރިކަމެވެ. އެދުވަސްތަކުގައި ނަފްސުތައް ޞާލިޙު ޢަމަލުކުރުމަށް ތައްޔާރުވަމުންދެއެވެ. އަދި ހިތްތައްވަނީ މާތް ﷲ ގެ ރުއްސެވުމާއި ފުއްސެވުމަށް އެދިއެދިއެވެ. މިފަދަ މޫސުންތަކުގެ ތެރެއިން އެންމެ މަތިވެރި އެއް މޫސުމަކީ ބަރަކާތްތެރިވެގެންވާ ރަމަޟާންމަހެވެ.
ތިމާގެ ދިރިއުޅުމަށް އިޞްލާޙީ ހެޔޮ ބަދަލުގެންނަން އެދޭމީހަކަށް ރަމަޟާންމަހަކީ ރަނުގެ ފުރުޞަތެކެވެ. ނަމާދަށް ފަރުވާކުޑަކޮށް ނަމާދު އަޅާ މީހުންނަށެވެ. ނޫނީ ކަންނެއްކަމާއެކު ނަމާދުގެ އެންމެ ފަހުވަގުތާއި ހަމައަށް ލަސްކޮށްލާ މީހުންނަށެވެ. ނޫނީ މިސްކިތުގެ ޖަމާޢަތަށް ދާން ކަންނެއްވާތީ ޖަމާޢަތަށް ނަމާދަށް ނުދެވޭ މީހުންނަށެވެ. ދަންނާށެވެ! ޤިޔާމަތްދުވަހު އަޅުތަކުންގެ ޢަމަލުތަކުގެ ތެރެއިން އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނީ ނަމާދެވެ. ނަމާދުތައް ޤަބޫލު ކުރެވިއްޖެނަމަ އޭނާގެ އެހެން ހުރިހާ ޢަމަލެއް ޤަބޫލުވެވިގެންވެއެވެ.
ޝަހާދަތުގެ ދެކަލިމަކިޔައި އިސްލާމްވުމަށްފަހު ކުރެވޭ އެންމެ ހެޔޮ ޢަމަލަކީ ނަމާދު އޭގެ ވަގުތުގައި އަދާކުރުމެވެ. އިބްނު މަސްޢޫދުرضي الله عنه، ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ތިމަންނާ ދެންނެވީމެވެ. އޭ ﷲ ގެ ރަސޫލާއެވެ. ﷲ ގެ ޙަޟުރަތުގައި އެންމެ މާތްކަންބޮޑު ޢަމަލަކީ ކޮބައިތޯއެވެ؟" ޙަދީޘް ކުރެއްވިއެވެ.«الصَّلاَةُ عَلَى وَقْتِهَا» قُلْتُ: ثُمَّ أيُّ؟ قَالَ: «بِرُّ الوَالِدَيْنِ» قلتُ: ثُمَّ أيُّ؟ قَالَ: «الجِهَادُ في سَبيلِ اللهِ». متفقٌ عَلَيْهِމާނައީ: "އެއީ ފަރުޟު ފަސްނަމާދު، އެ ނަމާދުގެ ވަގުތުގައި ކުރުމެވެ." ތިމަންދެންނެވީމެވެ. "ދެން ކޮންކަމެއްތޯއެވެ؟" ޙަދީޘްކުރެއްވިއެވެ. "މައިންބަފައިންނަށް ކަމޭހިތުމެވެ." ތިމަންދެންނެވީމެވެ. "ދެން ކޮންކަމެއްތޯއެވެ؟" ޙަދީޘްކުރެއްވިއެވެ. "ﷲގެ މަގުގައި ޖިހާދު ކުރުމެވެ."
ރަމަޟާންމަހު ނަމާދަށް ތިމާގެ ނަފްސު ހާނުވައި، ނަމާދު ކުރުމަށް ފަރުވާތެރިވާ މީހަކަށްވޭތޯ ގަދައަޅައި މަސައްކަތްކުރާށެވެ! ހަމައެފަދައިން ދޫ ރައްކާތެރި ކުރާށެވެ! ވާހަކަދައްކައި އުޅުމުގައި ބެލުމެއްނެތި ތިމާގެދުލުން ތާއަބަދުމެ ވިޔާނުދާ ވާހަކަތައް ދައްކައިހެދި މީހުންނަށް ރަމަޟާންމަހަކީ ރަނުގެ ފުރުޞަޠެކެވެ. ދުލުން ހެޔޮބަހެއް ނޫނީ ނުބުނުމަށް ނުވަތަ ހަނުހުރުމަށް ކީރިތި ރަސޫލާصلى الله عليه وسلمވަނީ އިރުޝާދު ދެއްވާފައެވެ. އަދި ކިއެއްތޯއެވެ! ހެޔޮވެގެންވާ ބަހަކީވެސް ޞަދަޤާތެކެވެ. ދަރުމަޔާއި ޘަވާބު ލިބޭކަމެވެ. ހަމައެފަދައިން ދޫރައްކާތެރި ކުރުމަކީ ސުވަރުގެ ވަނުމަށް މަގުފަހިކޮށްދޭކަމެވެ.
ކީރިތި ރަސޫލާصلى الله عليه وسلمޙަދީޘް ކުރައްވާފައިވެއެވެ. "مَنْ يَضْمَنْ لِي مَا بَيْنَ لَحْيَيْهِ وَمَا بَيْنَ رِجْلَيْهِ أَضْمَنْ لَهُ الجَنَّةَ" متفق عَلَيْهِމާނައީ: "އެމީހެއްގެ ދެ ކޯކަށިގަނޑުގެ ދެމެދުގައިވާ ތަނާއި (އެބަހީ: ދުލާއި) އެ މީހެއްގެ ދެފައިގެ ދެމެދުގައިވާ ތަން (އެބަހީ: ލަދުވެތި ގުނަވަން) ރައްކައުތެރިކުރުމުގައި ދެމިހުންނާނޭކަމަށް ތިމަންކަލޭގެފާނަށް ޔަޤީންކަން އަރުވައިފި މީހަކަށް ސުވަރުގެ ލިބޭނެކަމުގެގައި ތިމަންކަލޭގެފާނު ޖާމިނުވެވަޑައިގަންނަވަމެވެ."
ދަންނާށެވެ! ރޯދައިގެ އަޅުކަމުގައި ހޭދަކުރާ ވަގުތުތަކުގައި ފާސިޤު ޢަމަލުތަކާއި އެފަދަ ބަސްތައް ދުލުން ބޭރުކުރުމުން އެއްކިބާވާށެވެ. ނޫނީ ތިމާގެ ރޯދައިން ބަނޑުހައި ހޫނުކަމާއި ކަރުހިއްކުން ނޫންކަމެއް ޙާޞީލެއް ނުވާނެއެވެ.
ރޯދަމަހަކީ މައްސަލައެއް ޖެހިފައިވާ ދެމީހުން އެކަކު އަނެކަކަށް މާފުކޮށް އިޞްލާޙުވުމަށް އޮތް ރަނުގެ ފުރުޞަތެކެވެ.
ދޮގުހެދުމާއި މަކުރުހެދުމާއި ޣީބަބުނުން ކަށީގައި ހިފާފައިވާ މީހަކަށް ރަމަޟާންމަހަކީ، އެކަންކަމުން ދުރުހެލިވުމަށް ލިބޭ ރަނުގެ ފުރުޞަތެކެވެ. ދަންނާށެވެ! ދޮގުހެދުމަކީ ނުބައިކަމަށް މަގުދައްކާ ކަމެކެވެ. ނުބައިކަންތައް މަގުފަހިކުރަނީ ނަރަކައަށެވެ. އަދި ދޮގުހެދުމުގައި ދެމިހުރެއްޖެމީހާ މާތް ﷲ ގެ ޙަޟުރަތުގައި ކައްޛާބަކު ކަމުގައި ލިޔުއްވޭނެތެވެ. ހަމައެފަދައިން ތެދުވެރިކަން މަގުދައްކަނީ ހެޔޮ ކަމަށެވެ. އަދި ހެޔޮ ޢަމަލުތައް މަގުފަހިކޮށްދެނީ ސުވަރުގެއަށެވެ. އަޅަކު ތެދުބުނުމުގައި ދެމިހުރެއްޖެނަމަ މާތް ﷲ ގެ ޙަޟުރަތުގައި ޞިއްދީޤަކު ކަމުގައި ލިއްޔުވޭނެކަމުގައިވެސް ރިވާވެގެންވެއެވެ.
ރަމަޟާންމަހަކީ ފާފައިގެ ކަނޑުތަކުގައި ޣަރަޤުވަމުންދާ މީހުންނަށް ތައުބާވުމަށް އޮތް ތަނަވަސް ފުރުޞަތެކެވެ. އެމަހުގައި ސުވަރުގޭގެ ދޮރުކޮޅުތައްވަނީ ހުޅުވިފައެވެ. އެއިން އެއްވެސް ދޮރުކޮޅެއް ބަންދު ނުކުރެއްވޭނޭކަމުގައި ރިވާވެގެވެއެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދުކުރެވި، އެމައްސަރުގައި އެއިން އެވެސް ދޮރެއް ނުހުޅުވޭނޭކަމުގައިވެސް ރިވާވެގެންވެއެވެ.
އެމައްސަރުގެ ކޮންމެ ރެއެއްގައިމެ ކީރިތިވަންތަ ﷲ އެކަލާނގެ އަޅުތަކުންކުރެ ބަޔަކު، ނަރަކައިން މުއްތިކުރަވާނޭކަމުގައި ވެސްރިވާވެގެންވެއެވެ. ތިބާވެސް އޭގެ ތެރެއިން ހިމެނޭތޯ މަސައްކަތް ކުރުމަށް ވަސިއްޔަތް ކުރަމެވެ.