މި އަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން އިސްލާމިކް މިނިސްޓްރީއިން ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީގެއމީޑިއާ އޮފިޝަލު އިސްމާއިލް އަފްރާހު "ސަން" އަށް ވިދާޅުވި ގޮތުގައި މިއަދު ހެނދުނު 9:30 އިން ފެށިގެން ފިތުރު ޒަކާތް ބަލައިގަތުން ވަނީ ފަށައިފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފިތުރު ޒަކާތް ބަލައިގަންނާނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރު 13:00 އަށެވެ. ރޯދަ މަހުގެ 28 ވަނަ ދުވަހާ ހަމައަށް ފިތުރު ޒަކާތް ބަލައިގަންނާނެ އެވެ.

ވިލިމާލޭގައި ފިޠުރު ޒަކާތް ބަލައިގަންނަމުންދާނީ ސިޓީ ކައުންސިލްގެ ވިލިމާލެ ޔުނިޓުންނެވެ. އަދި ހުޅުމާލޭގައި، ހުޅުމާލެ ކޮމިއުނިޓީ ސެންޓަރުންނެވެ. މާލެ ފިޔަވައި އެހެނިހެން ސިޓީތަކާއި ރަށްތަކުގައި ފިޠުރު ޒަކާތް ނެގުމާއި ބެހުމުގެ އިންތިޒާމް ހަމަޖައްސާނީ އެތަނެއްގެ ކައުންސިލް އިދާރާއިން އެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ދޭން ޖެހޭނީ އަހަރު ތެރޭގައި އެ ރަށެއްގައި ބަނޑުކެއުމުގެ ގޮތުގައި ޢާއްމުކޮށް ކައިއުޅުނު ބާވަތަކުން 2.4 ކިލޯގެ އަގެވެ.

މާލޭ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ޒަކާތް ދައްކަން ޖެހޭނީ އާދައިގެ ހަނޑުލުން ނަމަ، 15ރ.، ތައިލެންޑް ހުދު ހަނޑުލުން ނަމަ 45ރ.، ބާސްމަތީ ހަނޑުލުން ނަމަ، 95ރ.، ރަތް ހަނޑޫ 75ރ.، އާދައިގެ ފުށް 16ރ.، އަދި އާޓާ ފުށް ނަމަ 60 ރުފިޔާއިންނެވެ.

އެ ނޫން ސަރަހައްދުތަކުގައި ޒަކާތުގެ ގޮތުގައި ނަގާނެ މިންވަރު ކަނޑައަޅާނީ އެ ރަށެއްގެ ކައުންސިލުންނެވެ.