އެއްވެސް މުބާރާތަކުން ޗެމްޕިއަން ޓްރޮފީ ނުލިބުނު ކަމުގައި ވިޔަސް ޖުމްލަ ގޮތެއްގައި މި ސީޒަނަކީ ހުރިހާ ގޮތަކުންވެސް ލިވަޕޫލަށް ކާމިޔާބު ސީޒަނެއް ކަަމަށް އެ ޓީމުގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގު ނުލިބި ލިވަޕޫލަށް އެތަކެއް އަހަރުތަކެއް ވެފައިވާ އިރު މި ސީޒަނުގައި އެ ޓީމުން ވަނީ ތަށި ހޯދަން ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. ލީގުގައި ބާކީ އެއްމެޗު އިތުރަށް ކުޅެން އޮތް އިރު 94 ޕޮއިންޓް އެ ޓީމުން ވަނީ ހޯދާފަ އެވެ. ނަމަވެސް އެ ޓީމުގެ ކުރީގައި އޮތް މެންޗެސްޓާ ސިޓީއިން ވަނީ 95 ޕޮއިންޓް ހޯދާފަ އެވެ.

ނަމަވެސް އެންމެ ލީގުގެ އެންމެ ފަހު މެޗުގައި ސިޓީ ބަލިވެއްޖެ ނަމަ ނުވަތަ އެއްވަރު ވިޔަސް ލިވަޕޫލްއަށް ތަށި ހޯދުމުގެ ފުރުސަތު އޮންނާނެ އެވެ.

ވޭތުވެ ދިޔަ ސީޒަނުގައި ޔޫރަޕުގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅެ ލިވަޕޫލް ވަނީ ބަލިވެފަ އެވެ. މި ސީޒަނުގައި މިހާތަނަށް އެ ޓީމު ވަނީ ސެމީ ފައިނަލަށް ދަތުރު ކޮށްފަ އެވެ. ނަމަވެސް ފުރަތަމަ ލެގުގައި ބާސެލޯނާ ގާތުން 0-3 ގެ ބޮޑު ނަތީޖާއަކުން ބަލިވެފައި ވުމުން ކުރިއަށް އޮތް މެޗު ކާމިޔާބުކޮށް ފައިނަލަށް ދަތުރު ކުރުމަކީ އުނދަގޫވާނެ ކަމެކެވެ.

ކަން މިހެން އޮތް ނަމަވެސް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނީ މި ސީޒަނުގައި ލިވަޕޫލަށް ތަށްޓެއް ނުލިބުނު ކަމުގައި ވިޔަސް މިއީ ކާމިޔާބު ސީޒަނެއް ކަމަށެވެ.

"އިނގިރޭސި ގިނަ ކުލަބުތަކުން ވަރަށް އުފާ ވާނެ އަހަރުމެނަށް ތަށި ނުލިބިއްޖެޔާ. އެކަމު އެ ގިނަ ޓީމުތައް އޮތީ އަހަރަމެނަށް ވުރެން މާ ފަހަތުގައި. ހަމައެކަނި މެންޗެސްޓާ ސިޓީ އޮތީ ކުރީގަ. އެ ވެސް އެންމެ ޕޮއިންޓެއްގެ ތަފާތުން،" އިނގިރޭސި ނޫހެއް ކަމަށްވާ ޔޫކޭ ނިއުސްޕޭޕާރއަށް މައުލޫމާތު ދެމުން ކްލޮޕް ބުންޏެވެ.

އޭނާ ބުނީ ލިވަޕޫލާއި އޭނާ ހަވާލުވުމަށްފަހު ބޮޑެތި ކުރިއެރުންތައް ޓީމަށް ލިބިއްޖެ ކަމަށާއި ސަޕޯޓަރުންނާއި ކުލަބުން ވެސް އެކަން ފާހަގަ ކުރާ ކަމަށެވެ. އަދި ނަސީބަކީ އަބަދު ލިބޭނެ އެއްޗެއް ނޫން ކަމަށާއި ލިވަޕޫލް ކުރިއަށްދާނީ އުނދަގުލާ ވެސް އެކުގައި ކަމަށް ކްލޮޕ ވަނީ ބުނެފަ އެވެ.

"ކޮންމެ ގޮތަކަށް ސީޒަން ނިމުނު ކަމުގައި ވިޔަސް ލިވަޕޫލަށް މިއީ ކާމިޔާބު ސީޒަނެއް. ކުޅުންތެރިން ދެއްކި ހިއްވަރުން އެކަން ސާބިތު ކޮށްދީފި. މި ދަނޑިވަޅުގައި ތަށްޓެއް ނުލިބުނު ނަމަވެސް މީހުންގެ އިހުތިރާމު ވަނީ ކުލަބަށް ލިބިފަ"