20 Oct 2011, 17:48
ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާގެ ނަމުގައިވާ ލޯނަކަށް ފައިސާ ދެއްކުމަށް ކުރީގެ މަދަނީ ކޯޓުން ކުރި ހުކުމްގައި މުސްތަފާގެ ނަމާއި އެޑްރެސް ހިމެނިފައިވަނީ "ނަންއިތުރެއް"ގެ ގޮތުގައި ކަމަށް ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި މުސްތަފާ ވިދާޅުވެއްޖެއެވެ.
މުސްތަފާގެ މައްޗަށް ސާބިތު ދަރަންޏެއް އޮވެ ހުކުމާއި އެއްގޮތަށް އެ ދަރަނި އަދާކުރައްވަމުން ނުގެންދަވާކަމަށް ބުނެ މުސްތަފާ މެމްބަރުކަމުން ވަކިކޮށްދެއްކޮށްދެއްވުމަށް އުމަރު ނަސީރު ސްޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ އަޑު އެހުން ނިމި މިއަދު އޮތީ ހުކުމް އިއްވުމުގެ މަރުހަލާގަ އެވެ. ނަމަވެސް މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި މަޖިލީހުގައި ފަނޑިޔާރުން ވިދާޅުވީ މިއަދު މަޖިލީހެއް ބޭއްވީ ޝަރީއަތަށް ސާފުކުރަން ބޭނުންވާ ބައެއް މައުލޫމާތު އޮޅުން ފިލުވަން ކަމަށެވެ. ޝަރީއަތުގެ މަޖިލީހުގައި ސްޕްރީމް ކޯޓުގެ ފަނޑިޔާރުން، ކުރީގެ މަދަނީ ކޯޓުން ކުރި ހުކުމްގައި މުސްތަފާގެ ނަމާއި އެޑްރެސް ހިމެނިފައިވަނީ ކީއްވެގެންތޯ ސުވާލު ކުރެއްވުމުން މުސްތަފާ ވިދާޅުވީ އޭނާގެ ނަން އެ ހުކުމުގައި ލިޔެވިފައިވަނީ "ނަން އިތުރެއް" ގެ ގޮތުގައި ކަމަށެވެ.
"އެއީ ނަންއިތުރެއް. އިއްޒަތްތެރި ގާޒީ 100 ފަހަރު ތިޔަ ސުވާލުކުރިޔަސް އަޅުގަނޑު ދަންނަވާނީ އެއީ ނަންއިތުރެކޭ،" މުސްތަފާ ވިދާޅުވިއެވެ.
http://sun.mv/albums/l_2070.jpg
މުސްތަފާ ވިދާޅުވީ ކުރީގެ މަދަނީ ކޯޓުން ކުރި ހުކުމް ރައްދުވަނީ އޭނާ ގެ ހިއްސާ އޮންނަ ސީފުޑް ކުންފުންޏަށް ކަމަށެވެ. އެހެންކަމުން އެ ފައިސާ އަކީ އޭނާ ދައްކަންޖެހޭނެ ފައިސާއެއް ނޫންކަމަށް ވެސް ވިދާޅުވިއެވެ. އަދި ކުންފުނިތަކަކީ މުދާ ގަތުމާއި ލިބިގަތުމުގެ ހައްގު ލިބިގެންވާ ތަނަކަށްވުމުން ކުންފުނިތަކުން ލޯން ނަގަންޖެހޭނެ ކަމަށްވެސް މުސްތަފާ ވިދާޅުވިއެވެ.
ލޯނަށް ފައިސާ ނުދައްކައިގެން މަދަނީ ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައިވާ ލޯނަކީ މުސްތަފާ ނެގި ލޯނެއްތޯ ފަނޑިޔާރު ސުވާލު ދެންނެވުމުން މުސްތަފާވިދާޅުވީ އެލޯނަކީ އޭނާ ނަގާފައިވާ ލޯނެއް ނޫންކަމަށެވެ.
"އަޅުގަނޑު ލޯނެއް ނުނަގަން،" މުސްތަފާވިދާޅުވި އެވެ.
މުސްތަފާ އެ ލޯނަށް ޕާސަނަލް ގެރެންޓީ ދިނިންތޯ ފަނޑިޔާރު ސުވާލުދެންނެވުމުން މުސްތަފާ ވިދާޅުވީ އެ ލޯނަށް ގެރެންޓީ ދީފައި ވެސް ނުވާނެކަމަށެވެ. އެ ހުކުމްގައި ވަނީ ކީއްކޭތޯ ސުވާލު ދެންނެވުމުން މުސްތަފާ ވިދާޅުވީ އެ ހުކުމްގައި ވާ "ކޮމާކޯޅި ފިލިފިލި ތައް ދަންނަވަން ނޭނގޭ" ކަމަށެވެ.
މުސްތަފާ ވިދާޅުވީ އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހަށް މުސްތަފާ ހާޒިރުކުރައްވާފައިވަނީ އޭނާ އަކީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުންކަމަށެވެ.
ދައުވާ ކުރާ އުމަރު ނަސީރުގެ ވަކީލު، މުހައްމަދު ވަހީދު އިބުރާހިމް ވިދާޅުވީ، ދަރަނީގެ ޒިންމާ މުސްތޮފާ ނަގަންޖެހޭކަން ކުރީގެ މަދަނީ ކޯޓުގެ ހުކުމުން ސާފުވާ ކަމަށެވެ.
މި މައްސަލައިގެ ޝަރީއަތުގެ މަޖިލިސް ރޫޅައިލައްވަމުން ފަނޑިޔާރުން އިތުރު ކަމެއް އިއުލާން ކުރައްވާފައެއް ނުވެއެވެ.
މުސްތޮފާގެ މައްސަލަ މިއަދު ސުޕްރީމް ކޯޓުގައި ތާވަލު ކުރުމާއެކު އެމްޑީޕީން ވަނީ ސުޕްރީމް ކޯޓުކައިރިއަށް އެއްވެ، ޝަރުއީ ނިޒާމާ ދެކޮޅަށް މުޒާހަރާ ކޮށްފައެވެ. އެގޮތުން ގިނަ އަދަދެއްގެ ބަޔަކު ސުޕްރީމް ކޯޓު ކައިރީގައި އަޑުގަދަ ކުރާ ބޭނުންކޮށް ޝަރުއީ ނިޒާމް މިނިވަން ކުރުމަށް ގޮވާލައި މުޒާހަރާ ކުރި އެވެ. އަދި ޝަރީއަތް ނިމުނު ވަގުތު ބައެއް އެއްވެފައިވާ މީހުން ކޯޓުގެ ދޮރާށި ކުރިމަތީގައި ތިބުމުން ބޭރަށް ނުނުކުމެވި އެތައް އިރަކު ތިބެން ޖެހުނެވެ.