މޮސްކޯ (މޭ 7) : ވެނެޒުއެލާގެ މުސްތަގްބަލް ކަނޑައެޅުމުގައި ރައްޔިތުން އިޚްތިޔާރުކޮށްފައިވާ ގޮތާ ދެކޮޅަށް ވެނެޒުއެލާގެ އެތެރޭގައި ހަމަނުޖެހުން އުފެއްދުމުގެ ފުރްސަތު އެމެރިކާއަށް ނުދޭނެ ކަމަށް ވެނެޒުއެލާގެ ޚާރިޖީ ވަޒީރު ޖޯޖް އަރެޒާ ވިދާޅުވެއްޖެ އެވެ.

ރަޝިޔާއަށް ކުރައްވާ ދަތުރުފުޅެއްގައި މޮސްކޯގައި ދެއްވި ބަޔާނެއްގައި އަރެޒާ ވިދާޅުވީ އެމެރިކާ ވެނެޒުއެލާއަށް އަސްކަރީ ގޮތުން އަރައިގަންނަން މަސައްކަތްކޮށްފި ނަމަ އެމެރިކާއަށް ހަރުކަށި ރައްދެއްދޭނެ ކަމަށާއި އެމެރިކާއަކީ ގައުމުތަކަށް އަރައިގަތުމާއި ގައުމުތަކުގެ ވެރިކަން ގަދަބާރުން ވައްޓާލުމުގެ ހަރުކަށި ސަގާފަތެއް ގެންގުޅޭ ގައުމެއްކަމުގަ އެވެ.

ވެނެޒުއެލާގެ ކަންތައްތަކުގެ ތެރެއަށް ވަދެގަތުމުގެ ހައްގު އެމެރިކާއަށް ނޯންނާނެކަން ބަޔާން ކުރައްވަމުން އަރެޒާ ވިދާޅުވީ އެމެރިކާ އަސްކަރީ ރޮނގު ޚިޔާރުކޮށްފި ނަމަ ވެނެޒުއެލާގެ ސިފައިންނާއި ރައްޔިތުން އަމިއްލަ ނަފްސުގެ ދިފާއުގައި އެމެރިކާއާ ކުރިމަތިލާނެ ކަމަށްކަށް އަރެޒާ ވިދާޅުވި އެވެ. އަނެއްކޮޅުން ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯވް ވެސް ވަނީ ވެނެޒުއެލާގެ މައްސަލާގައި އެމެރިކާއަށް ފާޑުވިދާޅުވެފަ އެވެ.

ރަޝިޔާއަށް ވަޑައިގެން އުޅުއްވާ ވެނެޒުއެލާގެ ޚާރިޖީ ވަޒީރު ޖޯޖް އަރެޒާ އާ މޮސްކޯގައި ބައްދަލުކުރެއްވުމަށް ފަހު ބޭއްވި ނޫސްކޮންފަރެންސެއްގައި ލާވްރޯވް ވިދާޅުވީ އެމެރިކާ މަސައްކަތް ކުރަނީ ވެނެޒުއެލާގެ ޝަރުއީ ސަރުކާރު ވައްޓާލަންކަމަށާއި އެއީ ބައިނަލްއަގްޥާމީ ގާނޫނާ ޚިލާފު އަމަލެއް ކަމުގަ އެވެ. އަދި އެމެރިކާއަށް ވެސް ބައިނަލްއަގްޥާމީ ގާނޫނުން ބޭރުގައި ނޫޅެވޭނެ ކަމަށާއި ގާނޫނުގެ އިމުގެ ތެރެއަށް އެމެރިކާ ވަންނަން ޖެހޭ ކަމަށް ލާވްރޯވް ވިދާޅުވި އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ރަޝިޔާގެ ރައީސް ވްލަޑިމީރު ޕޫޓިން އާ ހުކުރު ދުވަހު ވަނީ ފޯނުން ގުޅުއްވައި ވެނެޒުއެލާގެ މައްސަލައާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ. މިމަޝްރާތަކަށް ފަހު ވައިޓް ހައުސް އިންވަނީ ވެނެޒުއެލާއާ މެދު އެމެރިކާ އާއި ރަޝިޔާގެ ސިޔާސަތު ވަރަށް ތަފާތުކަމަށް އެއްބަސްވެފަ އެވެ. އަންނަ ހަފްތާގައި އެމެރިކާއާއި ރަޝިޔާގެ ޚާރިޖީ ވަޒީރުން ފިންލެންޑްގެ ހެލްސިންކީގައި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ އިރު އެބައްދަލުކުރެއްވުމުގައި މަޝްވަރާކުރާ މައްސަލަތަކުގެ ތެރޭގައި ވެނެޒުއެލާގެ މައްސަލަ ހިމެނުން ގާތްކަމަށް މުރާސިލުން ބުނެ އެވެ. (އިންޓާފެކްސް)