08 May 2019, 10:00
ފުލުހުންގެ ވެރިޔާ އާދައިގެ މަތީން ބާޒާރުމަތި ބައްލަވައިލައްވާން ނުކުމެވަޑައިގަތެވެ. ގާޒީ ޞަފިއްޔުއްދީނުގެ ގެކޮޅުގައި އުޅޭ ވަދީދާ ވެސް ހުރީ ބާޒާރުގައެވެ. ފުލުހުންގެ ވެރިޔާއަށް ވަދީދާ ފެނިވަޑައިގަތުމުން ވަދީދާއަށް ގޮވައިލެއްވިއެވެ.
"ވަދީދާ! ހާލު ކިހިނެއް؟" ފުލުހުންގެ ވެރިޔާ އެއްސެވިއެވެ.
"އެންމެ ހެޔޮ ހާލުގައި. ސާހިބާ!" ވަދީދާ ޖަވާބު ދިނެވެ.
"ހާދަ ބައިވަރު މާ ތަކެއް!" ވަދީދާ އަތުގައި ހުރި މާތަކަށް އިޝާރާތް ކުރައްވަމުން ފުލުހުންގެ ވެރިޔާ ވިދާޅުވިއެވެ.
"މިއީ އަޅުގަނޑުގެ ސާހިބާ ވިދާޅުވެގެން ގަނެފައި ހުރި މާ." ވަދީދާ ބުންޏެވެ.
"ތިހާ ގިނަ މާ!" ހައިރާންކަމާއި ސުވާލުގެ ރާގު ހިމެނޭ ގޮތުން ފުލުހުންގެ ވެރިޔާ ވިދާޅުވިއެވެ.
"އާދެ! މި މާތައް ގެންދިއުމުން އަޅުގަނޑުގެ ސާހިބާ އެ މަނިކުފާނުގެ ހާއްސަ ލެބޯޓަރީގައި މި ތަކެތި ހުވަނދު ކުރައްވާނެ. އެއިން މީރުވަސް ދުވާ އަތަރާއި ސެންޓު ހައްދަވާނެ." ވަދީދާ ކިޔައިދިނެވެ.
"ފަނޑިޔާރު މަނިކުފާނު އަތަރު ހައްދަވަނީއޭ!" ހައިރާންކަމާ އެކު ފުލުހުންގެ ވެރިޔާ ވިދާޅުވިއެވެ.
"އެއީ ވަރަށް ކުރީއްސުރެ ޝައުގުވެރިވާ އާދައެއްގެ ގޮތުން އެމަނިކުފާނު ކުރައްވަމުން އަންނަ ކަމެއް." ވަދީދާ ބުންޏެވެ.
"ސާހިބާގެ އިޒުނައާ އެކު އަޅުގަނޑު ދާނަން. އެހެން ނޫނީ ލަސްވެދާނެ." ވަކިވެލުމުގެ ގޮތުން ވަދީދާ ބުންޏެވެ.
*****
ދުވާލުގެ މަސައްކަތްތައް ނިންމަވައިލެއްވުމަށް ފަހު ގެއަށް ވަޑައިގެން ގާޒީ ޞަފިއްޔުއްދީން ހުންނެވީ އެމަނިކުފާނުގެ ހާއްސަ ލެބޯޓަރީގައި ހުވަނދު ހެއްދެވުމުގެ މަސައްކަތް ކުރައްވާންށެވެ. މުޅި އެ ތަނުގެ ތެރޭގައި ހުރީ މީރުވަސް ދުވާ މާމެލާމެލީގެ ހުވަނދުގެ ވަހެވެ.
އެތެރެއަށް ނޭވާފުޅެއް ލެއްވުމަށް ފަހު ގާޒީ ﷲ އަށް ޙަމްދު ކުރެއްވިއެވެ. "އަލްޙަމްދު ލި ﷲ."
އެއަށް ފަހު ގާޒީ ނުކުމެވަޑައިގަތީ ގުރަޔަށް ކާން ދޭން ހުރި ދަރިކަނބަލުން ސަލްމާއަށް ދެއްވުމަށް ސެންޓު ފުޅިއެއް ހިއްޕަވައިގެންނެވެ.
"މިއޮތީ ސަޕްރައިޒެއް!" ގާޒީ އެމަނިކުފާނުގެ ދަރިކަނބަލުންނަށް ވިދާޅުވިއެވެ.
"އާ ސެންޓުފުޅިއެއް!" ސަލްމާ ބުންޏެވެ.
"ކިހިނެއް ދަރިފުޅަށް އެނގުނީ؟" ގާޒީ ސުވާލު ކުރެއްވިއެވެ.
"އޭގެ މީރުވަހުން އެނގުނީ. ބައްޕާ! އެ ވަހުން އިޝާރާތް ކުރަނީ ބައްޕަ ހެދުމުގެ ތެރޭގައި ފޮރުވައިގެން ތިޔަ ހުންނެވި ސެންޓުފުޅި." ސަލްމާ ބުންޏެވެ.
"ހައްހައްހައް. ބައްޕަ އެދެނީ ދަރިފުޅުގެ ރުހުން ހޯދުމަށް." ގާޒީ ނުހަނު ލޯތްބާ އެކު ދަރިކަނބަލުންނަށް ވިދާޅުވިއެވެ.
"ބައްޕަގެ ރުހުން ހޯދުން އެއީ އަޅުގަނޑުގެ ވެސް އެންމެ ބޮޑު އުއްމީދު. ހޫމ. ހާދަ މީރުވަސް ދުވާ ސެންޓެކޭ!" ސަލްމާ ބުންޏެވެ.
އެ ވަގުތު މީހަކު ދޮރުގައި ޓަކި ޖަހައިލި އަޑު އިވުނެވެ.
"ކާކު؟" ގާޒީ ސުވާލު ކުރެއްވިއެވެ.
"މައާފް ކުރައްވާ ސާހިބާ! މަނިކުފާނާ ބައްދަލު ކުރާން އައިސް ހުރި މެހުމާނަކު އެބަ ހުރި." ވަދީދާ ބުންޏެވެ.
"ރޭގަނޑުގެ މި ވަގުތު މެހުމާނެއް؟" ސުވާލުގެ ރާގެއްގައި ސަލްމާ ބުންޏެވެ.
"ވެދާނެ ކުއްލި ކަމެއްގައި ޝަކުވާއެއް ހުށަހަޅާން އައި މީހަކަށް ވެސް." އެހެން ވިދާޅުވަމުން ގާޒީ ނުކުންނެވީ ބޭރަށެވެ.
ގާޒީ ބޭރަށް ނުކުންނެވި އިރު، އެ މަނިކުފާނު ކުރީން ދެކެވަޑައި ނުގަންނަވާ މީހަކު ބޭރުގައި ހުށްޓެވެ. ގާޒީ ނުކުންނެވުމާ އެކު އެމީހާ ދެންނެވިއެވެ.
"ސާހިބާ! މަނިކުފާނާ އެކު ހިއްސާދާރަކަށް ވާން އަޅުގަނޑު ބޭނުން."
"ނިޔާގެ ކަންކަމަކީ އެ ކަމުގައި އެހެން މީހަކަށް ހިއްސާ ވެވޭނެ ކަމެއް ނޫން." ގާޒީ ވިދާޅުވިއެވެ.
"އަޅުގަނޑު މި ދަންނަވަނީ ސަރިޔަތާއި ނިޔާގައި ހިއްސާ ބޭނުން ވާ ވާހަކައެއް ނޫން. އަޅުގަނޑު ބޭނުން ވަނީ ވިޔަފާރީގައި މަނިކުފާނާ ހިއްސާ ވާން." އެމީހާ ބުންޏެވެ.
"އަހަރެން އަތަކު ނެތް ފައިސާއެއް." ގާޒީ ވިދާޅުވިއެވެ.
"މަނިކުފާނު ހިއްސާ ވެ ވަޑައިގަންނަވާނީ މަނިކުފާނުގެ މަސައްކަތްޕުޅާއި ހުނަރުފުޅުން. މަނިކުފާނު ފެންވަރު ރަނގަޅު އަދި މީރުވަސް ދުވާ ސެންޓު ތައްޔާރު ކުރެއްވުމުން އަޅުގަނޑު އެތަކެތި ވިއްކާނީ. އެއީ ވަރަށް ވަރަށް ފައިދާ ހުރި ވިޔަފާރިއަކަށް ވާނެ. މީހުން ނުހަނު އިތުބާރާ އެކު ގަންނާނެ. އިންސާފުވެރި ފަނޑިޔާރަކު އަމިއްލަ އަތްޕުޅުން ތައްޔާރު ކުރައްވާ އެއްޗެއް. އަޅުގަނޑުމެން އެއަށް ކިޔާނީ -އިންސާފުގެ ޢަބީރު- " އެމީހާ ބުންޏެވެ.
"އަހަރެންގެ ކުރިމަތީން ދުރަށް ދޭ. އަހަރެންގެ ކެތްތެރިކަން ކޮޅުން ލުމުގެ ކުރީން." ގާޒީ ކޯފާ އިސްކުރައްވައި ވިދާޅުވިއެވެ. ގާޒީ އެހެން ވިދާޅުވުމާ އެކު ސިހި ހައިރާން ވެގެން އެމީހާ ހިނގައިގަތެވެ.
"މަޑުކޮށް ބަލަ! އޭ މީހާ!" ގާޒީ އެ މީހާއަށް ވިދާޅުވިއެވެ.
"މަނިކުފާނުގެ ޚާދިމު އަރްނޫސް އަޅުގަނޑަކީ." އެމީހާ ބުންޏެވެ.
"އަހަރެން އަތަރު ތައްޔާރު ކުރާ ވާހަކައިން ކަލެއަށް ޚަބަރު ދިނީ ކާކު؟" ގާޒީ ސުވާލު ކުރެއްވިއެވެ.
"އަޅުގަނޑަށް ޚަބަރު ދިނީ ކާކު ތޯ އޭ؟ މުޅި މި ޝަހަރުގެ އެންމެންނަށް އެނގޭ މަނިކުފާނު އަތަރު ތައްޔާރު ކުރައްވާކަން." އެމީހާ ބުންޏެވެ.
އިތުރު ވާހަކައެއް ދެއްކެވުމެއް ނެތި ގާޒީ ގެކޮޅާ ދިމާއަށް ވަޑައިގަތެވެ. އަދި އެމީހާ ވެސް ގާޒީގެ ގޯތިކޮޅުތެރެއިން ނުކުމެގެން ދާން ފެށިއެވެ.
*****
ގެކޮޅުގެ އެތެރެއަށް ވެދެ ވަޑައިގެން ސަލްމާއާއި ވަދީދާއަށް ގާޒީ ގޮވައިލެއްވިއެވެ.
"ދަރިފުޅާ ސަލްމާ! އާދެ ބަލަ! ވަދީދާ! އާދެ ބަލަ!"
"އަހަރެން އަމިއްލަ ޝައުގީ އާދައެއްގެ ގޮތުން ހުވަނދު ތައްޔާރު ކުރާ ވާހަކަ މުޅި ޝަހަރުގެ ތެރޭގައި ދައްކަނީ ކީއްވެ؟ މީހުންނަށް އެ ޚަބަރު ދިނީ ކާކު؟" ގާޒީ ސުވާލު ކުރެއްވިއެވެ.
"އަޅުގަނޑު އެ ވާހަކަ ބުނީ ފުލުހުންގެ ވެރިޔާގެ އަރިހުގައި. އަދި އެ ވަގުތު އެ ވާހަކަ ބަޔަކަށް އަޑު އިވުނު ކަމެއް ނުވަތަ އޭނާ އެ ވާހަކަ ދެއްކެވީ ކަމެއް އަޅުގަނޑަކަށް ނޭނގޭ. އަޅުގަނޑު ހިއެއް ނުކުރަން އޭނާ އެހެން މީހުންނަށް އެ ޚަބަރު ދޭނެ ކަމެއް." ވަދީދާ ބުންޏެވެ.
"ތިއީކީ ގަބޫލު ކުރެވޭ ފަދަ އުޒުރެއް ނޫން. އަހަރެންގެ ގޭގެ ތެރޭގައި ހިނގާ ކަންކަމުގެ ވާހަކަ ބޭރު ތެރޭގައި ދެއްކުމުގެ ހުއްދަ ކަލެއަށް ދިނީ ކާކު؟" ގާޒީ ކޯފާގެ ރާގެއްގައި ވިދާޅުވިއެވެ.
"އަޅުގަނޑުގެ އެއްވެސް ނުބައި ނިޔަތެއް ނެތް. ސާހިބާ!" ވަދީދާ ދެރަވެފައި ހުރެ ބުންޏެވެ.
"ޖަޒީމާއެއް ހިންގާ ކޮންމެ މީހަކު ވެސް ތަކުރާރު ކުރަނީ ހަމަ ތިޔަ އިބާރާތް." ގާޒީ ވިދާޅުވިއެވެ.
"ޖަރީމާއެކޭތޯ؟" ސުވާލުގެ ރާގެއްގައި ވަދީދާއަށް ބުނެވުނެވެ.
"އެއްވެސް ޝައްކެއް ނެތް. އަހަރެންގެ އަމިއްލަ ކަންކަމުގެ ވާހަކަ ދައްކައިގެން ނުވާނެކަން އެނގޭން ވާނެ. ނުވަތަ މި ގޭ ތެރޭގައި ހިނގާ ކަމެއްގެ ވާހަކަ އަހަރެންގެ އިޒުނަ ނެތި ދައްކައިގެން ނުވާނެކަން އެނގޭން ވާނެ." ގާޒީ ވިދާޅުވިއެވެ.
"އަޅުގަނޑު ...." ދިފާއުގައި ކޮންމެވެސް އެއްޗެކޭ ބުނެވޭތޯ ވަދީދާ އުޅުނެވެ.
"ކަލޭގެ އަމަލުތައް ތިހިރީ ނޫހުގެފާނުގެ އަންހެންކަމަނާގެ އަމަލުތައް ހުރި ގޮތަށް." ގާޒީ ވިދާޅުވިއެވެ.
"ތިހާ ބޮޑަށް އަޅުގަނޑު ކުށްވެރިވީ ތޯ؟ ސާހިބާ!" ވަދީދާ ވަރަށް ދެރަވެފައި ހުރެ ބުންޏެވެ.
"ފުލުހުންގެ ވެރިޔާއާ ބައްދަލު ވި ވާހަކަ، ކީއްވެ އަހަރެންގެ ގާތުގައި ނުބުނީ؟ އަދި އެހާ ފަސޭހައިން އަހަރެންގެ ޒާތީ ކަންކަމުގެ ވާހަކަ މީހުން ގާތުގައި ދައްކަނީ؟" ގާޒީ ކޯފާގެ އަސަރު އެކުލެވޭ އަޑުފުޅަކުން ވިދާޅުވިއެވެ. އެހެން ވިދާޅުވެފައި ގާޒީ ކޮޓަރިކޮޅާ ދިމާއަށް ހިންގަވައިގަތެވެ. ވަދީދާ ވެސް އިސް ޖަހައިގެން ހުރެ އޭނާގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.
*****
"ބައްޕާ! އެއީ ވަދީދާ ގަސްތުގައި ދެއްކި ވާހަކައެއް ނޫން. މާތަކުގެ ވާހަކައިން އެމީހާ ސުވާލު ކުރީމާ ގަސްތަކާ ނުލައި ބުނެވުނީ." ގާޒީގެ ދަރިކަނބަލުން ސަލްމާ ގާޒީގެ އަރިހުގައި އިށީނދެގެން އިނދެ ވާހަކަ ދައްކަމުން ދިޔައެވެ.
"އެކަމަކު އޭނާ އެބަ ޖެހޭ އޭނާގެ ދޫ ހިފަހައްޓާން ދަސް ކުރަން." ގާޒީ ވިދާޅުވިއެވެ.
"ތިޔަ ވިދާޅުވީ ހަމަ މުޅީން ވެސް ރަނގަޅަށް. އެކަމަކު ވެސް އޭނާއަކީ ނިކަމެތި އަދި ރަނގަޅު މީހެއް. އޭނާ ވަނީ އެތައް އަހަރެން ވާން ދެން އަހަރެމެންނަށް ޚިދުމަތް ކުރުމުގައި އުޅެފައި. އަޅުގަނޑަށް ހީވަނީ މާ ހަރުކަށިކޮށް ހެން ބައްޕަ އޭނާއާ ދިމާއަށް އެއްޗެހި ވިދާޅުވީ." ސަލްމާ ހިކުމަތްތެރިކަމާ އެކު ބައްޕަގެ އަރިހުގައި ވާހަކަ ދަންނަވަމުން ގެންދިއައެވެ.
"މިފަދަ ހާލަތުގައި ގިނަ ފަހަރު އެންމެ ހަރުކަށިކޮށް މުހާތަބު ކުރެވޭނީ އެންމެ ގާތްކޮށް އުޅޭ މީހުންނާ." ގާޒީ ވިދާޅުވިއެވެ.
"އޭނާ އަދިވެސް ރޮނީ. އަދި އަބަދު ކިޔަނީ ތިމަންނާއަކީ ނޫހުގެފާނުގެ އަންހެންކަމަނާ ފަދަ ނުބައި މީހެކޭ." ބައްޕައަށް ކިޔައިދެމުން ސަލްމާ ބުންޏެވެ.
"ހަގީގަތުގައި ވެސް މާ ބޮޑަށް ހަރުކަށި ވެވިއްޖެ. ﷲ މިއަޅާގެ ފާފަ ފުއްސަވާށި! ނޫޙުގެފާނުގެ އަންހެންކަމަނާގެ މިސާލުން މިސާލު ޖެހީ ގޭ ތެރޭގެ ވާހަކަތައް ބޭރު ތެރޭގައި މީހުންނާ ހިއްސާ ކުރީތީ." ގާޒީ ވިދާޅުވިއެވެ.
"ނޫހުގެފާނުގެ އަނބިކަނބަލުންނޭ ވިދާޅު ނުވެ، ނޫޙުގެފާނުގެ އަންހެންކަމަނާއޭ ތިޔަ ވިދާޅުވަނީ ކީއްވެގެން ތޯ؟ އަދި އޭނާގެ ވާހަކައަކީ ކޮބައިތޯ؟ ނުބައިކަމުގައި މިސާލު ޖެހެވޭ ފަދަ މީހަކަށް އޭނާވީ ކީއްވެގެން ތޯ؟" ސަލްމާ އެހިއެވެ.
"ކީރިތި ޤުރްއާނުގައި ތިން ކަލިމައެއް އައިސްފައި ވޭ. އެއީ ޞާޙިބާ ނުވަތަ އަންހެން އެކުވެރިޔާ. ދެން އިމްރައާ ނުވަތަ އަންހެނުން. ދެން ޒައުޖް. މި ކަލިމަ ބޭނުން ކުރައްވައިފައި ވަނީ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް. ޞާޙިބާ ބޭނުން ކުރައްވައިފައި ވަނީ ކައިވެނީގެ ކުރިޔަށް. އިމްރައާ ބޭނުން ކުރައްވައިފައި ވަނީ އަނބީންނަށް. ކައިވެންޏަށް ފަހު އޭނާ ފިރިމީހާއަށް ކިޔަމަން ނުވާ ނަމަ. އަދި އަނބީންނަށް ޒައުޖް ބޭނުން ކުރައްވައިފައި ވަނީ ކައިވެންޏަށް ފަހު އޭނާ ފިރިމީހާއަށް ކިޔަމަން ވާ ނަމަ. ޤުރްއާނުގައި އައިސްފައިވަނީ އިމްރައަތު ނޫޙު. އެހެން ވެގެން ނޫޙުގެފާނުގެ އަންހެންކަމަނާއޭ މިކިޔަނީ. ދަރިފުޅަކަށް ނޭނގޭތަ ނޫހުގެފާނުގެ އަންހެންކަމަނާގެ ވާހަކަ؟"
*****
"ނޫޙުގެފާނުގެ އަންހެންކަމަނާއަކީ ފިރިކަލުންނަށް އިޙްތިރާމް ނުކުރާ، ހަރުކަށި އަންހެނެއް. ނުބުއްވަތުގެ ނޫރުފުޅު އެ ގޭގައި ވުޖޫދު ވެގެން ވުމާ އެކު ވެސް އެ ނޫރުފުޅުން އަލިކަން ލިބިގަންނާކަށް އޭނާ މަސައްކަތެއް ނުކުރޭ!" ގާޒީ އެމަނިކުފާނުގެ ދަރިކަނބަލުން ސަލްމާއަށް ނޫހުގެފާނުގެ އަންހެންކަމަނާގެ ވާހަކަ ކިޔައިދެއްވާން ފެށްޓެވިއެވެ.
ނޫޙުގެފާނު އޭނާއާ ކައިވެނި ބައްލަވައިގެން ހުންނެވި ނަމަވެސް އޭނާ ނޫޙުގެފާނަށް ކިޔަމަންތެރިއެއް ނުވެއެވެ. ނޫޙުގެފާނުގެ ރިސާލަތު ގަބޫލެއް ނުކުރެއެވެ. އޭނާ އިޚްތިޔާރު ކުރީ ގައުމުގެ އެހެން މީހުންނެކޭ އެއްފަދައިން ކާފިރުކަން މަތީގައި ދެމި ހުންނާންށެވެ. ނޫޙުގެފާނުގެ އަންހެންކަމަނާގެ ނަމަކީ ވާޣިލާއެވެ. އަދި އޭނާގެ ނަމަކީ ވާލިހާ ކަމަށް ވެސް އަދި ނަޢުމާ ކަމަށް ވެސް އިހުގެ ފަތްފުށްތަކުގައި އައިސްފައި ހުރެއެވެ.
ވާޣިލާގެ މަންމަގެ ނަމަކީ ޒައިލާއެވެ. ބައްޕަގެ ނަމަކީ ލަމަކްއެވެ. ނޫޙުގެފާނުގެ ބައްޕާފުޅުގެ ނަމަކީ ވެސް ލަމަކްއެވެ. ވާޣިލާއާ އެއްބަނޑު އެއްބަފާ ދެ މީހުންނަކީ ތޫބާލް އާއި ޤާބީލް ނަމަކަށް ކިޔާ މީހެކެވެ. އެއްބަނޑު އެއްބަފާ ނޫން ދެ އަޚުންނަކީ ޔޫބާލް އާއި ޔާބާލްއެވެ.
އިހުގެ ފަތްފުށްތަކުން ފެންނަ ގޮތުގައި ވާޣިލާގެ ބައްޕަ ލަމަކް އަކީ އާދަމުގެފާނުގެ ޤާބީލުގެ ޚަނޫޚްގެ ޢީރާދުގެ މަހްވިޔާއީލުގެ މަތުވިޝާއީލުގެ ލަމަކްއެވެ. ނޫޙުގެފާނުގެ ބައްޕާފުޅު ލަމަކް އަކީ އާދަމުގެފާނުގެ ދަރިކަލުން ޝީސްގެފާނުގެ އަނޫޝްގެ ޤައިނާންގެ މަހްލާއީލްގެ ޔާރިދުގެ އަނޫޝްގެ (އިދްރީސްގެފާނުގެ) މައްތޫޝަލަޚްގެ ލަމަކްއެވެ.
ވާޣިލާއާއި ނޫޙުގެފާނަށް ލިބިވަޑައިގެންފައިވަނީ ހަތަރު ބޭފުޅުންނެވެ. އެއީ ސާމް އާއި ޙާމް އާއި ޔާފިޘް އާއި ކަންޢާން (ޔާމް) އެވެ. އެ ބޭފުޅުން ދިރިއުޅުއްވީ މިހާރުގެ ޢިރާޤާއި ޝާމާއި ތުރުކީ ހިމެނޭ ސަރަޙައްދުގައެވެ.
*****
"އޭ އަޚާ ސާމު! އެއީ އަޅުގަނޑުމެންގެ ބައްޕާފުޅު ނޫޙުގެފާނުގެ އަނބިކަނބަލުން އަދި އަހަރެމެންގެ މަންމަ ވާޣިލާއެއް ނޫންތަ؟" ނޫޙުގެފާނުގެ ދަރިކަލުން ޙާމު އޭނާގެ ސާމު އަރިހުގައި ވިދާޅުވިއެވެ.
"ނޫން. އެއީ އޭނާ." ސާމު ވިދާޅުވިއެވެ.
"އޭނާ ﷲ ފިޔަވައި، ގައުމުގެ މީހުން އަޅުކަން ކުރާ ތަކެއްޗަށް އަޅުކަން ކުރާން އެ އިނީ. އޭނާގެ އެ ޢަމަލުތައް ހުއްޓުވުމަކީ އަހަރެމެން ކުރާން ޖެހޭ ކަމެއް." ޙާމު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ބައްޕަ އަދި ﷲ ގެ ނަބިއްޔާ ނޫޙުގެފާނަކީ އޭނާގެ ފިރިކަލުން ކަމުގައި ވުމާ އެކު ވެސް އެކަލޭގެފާނު އެ އަންހެންމީހާއަށް މަޖުބޫރު ކުރައްވައިގެން އެކަންކަން ނުހުއްޓުވާ ކަމެއް، މަނާކޮށް ހުއްޓުވުމަކީ އަހަރެމެން ކޮށްގެން ވާނެ ކަމެއް ނޫން. އެކަލޭގެފާނު އެ ވަނީ އޭނާ އަޅުކަން ކުރާނެ ފަރާތަކާއި އުޅޭނެ ދީނެއް އިޚްތިޔާރު ކުރުމުގެ ފުރިހަމަ މިނިވަންކަން އޭނާއަށް ދެއްވައިފައި. ހައްގު ދީނަށް ތަބާ ވުމަށް އެއްވެސް މީހަކަށް މަޖުބޫރު ކުރުމެއް ނެތް." ސާމު ވިދާޅުވިއެވެ.
"ބައްޕާފުޅުގެ ކެތްތެރިކަން ހާދަހާ ވާ ބޮޑޭ. ކާފިރުންގެ ގޯނާއާއި ދުއްތުރާތަކަށް ކެތް ކުރެއްވުމުގައި އެ ގޮތުގައި ހުންނަވާތާ މިހާރު 900 އަށް ވުރެ ގިނަ އަހަރު ވީ." ޙާމު ވިދާޅުވިއެވެ.
"އާނ. އަޚާ ޙާމު. އަދި ބައްޕާފުޅަށް އެންމެ ބޮޑު ހިތްދަތިކަމެއް ލިބިވަޑައިގަންނަވަނީ ބައްޕާފުޅުގެ އަހުލުންގެ ތެރެއިން ބައެއް މީހުން ކާފިރުންނާ ގުޅިގެން އުޅޭތީ. އަހަރެމެންގެ މަންމަ ވާޣިލާ ފާޅުގައި އެ އުޅެނީ ކާފިރުންނާ އެކު. އަދި އަޚް ކަންޢާނު ވެސް ބައްޕާފުޅުގެ އަމުރުފުޅުތަކަކަށް ފަރުވާތެރިއެއް ނުވޭ." ސާމު ވިދާޅުވިއެވެ.
"ހިނގާ އަވަހަށް މި ތަނުން ދާން. އެ ބުދުތަކަށް މީހުން އަޅުކަން ކުރާ ތަން ބަލާކަށް އަހަންނަކަށް ކެތެއް ނުކުރެވޭނެ. އަހަރެންގެ ކެތްތެރިކަން ކޮޅުން ލައިގެން ގޮސް އަތުން ފައިން ގޯހެއް ހެދިދާނެ." ޙާމު ވިދާޅުވިއެވެ.
"އެނގޭތަ އެ ބުދުތަކުގެ އަސްލަކީ ކޮބައިކަން." ސާމު ވިދާޅުވިއެވެ.
"އެ ވާނީ ޖައްބާރު ވެރީންތަކެއްގެ ސިފައިގައި ހެދިފައިވާ ބުދުތަކަކަށް." ޙާމު އޭނާއަށް ހީފުޅުވާ ގޮތަށް ވިދާޅުވިއެވެ.
"ނޫނޭ އަޚާ. އެއީ ކުރީން މި ރަށުގައި އުޅުއްވި ޞާލިޙް ފަސް ބޭފުޅެއްގެ ސިފައިގައި ހެދިފައިވާ ބުދުތަކެއް. އެއީ ވައްދު އާއި ސުވާޢު އާއި ޔަޣޫޘު އާއި ޔަޢޫޤު އާއި ނަސްރު." ސާމު ވިދާޅުވިއެވެ.
"އެ ޞާލިޙް ބޭފުޅުންނަށް މި ބުދުތައް ނިސްބަތް ކުރެވެނީ؟" ސުވާލުގެ ރާގެއްގައި ޙާމު ވިދާޅުވިއެވެ.
"އާނ. އެ ޞާލިޙް ބޭފުޅުން އަވަހާރަ ވުމުން މީހުން ބޭނުން ވީ އެ ބޭފުޅުންގެ ހަނދާންތައް ދެމިހުންނާނެ ގޮތް ހެދުމުގެ ގޮތުން އެ ބޭފުޅުންގެ ސިފައިގައި ބުދުތަކެއް ހަދާން. ދެން ބުދުތަކެއް ހެދީ. އަޅުކަން ކުރާކަށް ނޫން. އެކަމަކު ފަހުން އައި ޖީލުތަކުގެ މީހުން އެ ބުދުތަކަށް އަޅުކަން ކުރާން ފެށީ." ސާމު ވިދާޅުވިއެވެ.
"އަހަރެމެންނަށް އީމާންކަމުގެ ނިޢުމަތް ދެއްވި ކަމަށް ޓަކައި ﷲ އަށް ޙަމްދު ކުރަން." ޙާމު ވިދާޅުވިއެވެ.
*****
"ކާކު؟ ވާޣިލާތަ؟ މުޅި ދުވަސް ތިޔަ ހޭދަ ކުރަނީ އަހަރެމެންގެ އިލާހުންނަށް އަޅުކަން ކުރުމުގައި ތަ؟" ބުދަށް އަޅުކަން ކުރާން އިން ވާޣިލާއާ މުހާތަބުކޮށް ތާޢިބާ ބުންޏެވެ.
"އާނ. ތާޢިބާ." ވާޣިލާ ބުންޏެވެ.
"އަހަންނަށް މި އާދެވުނީ ތަންކޮޅެއް ލަހުން. އަޅުކަމުގެ ކަންތަކަށް ލަހުން އާދެވުނީ ތީ ކައްފާރާއެއްގެ ގޮތުގައި ބައެއް ގަހަނާ ހިފައިގެން މިއައީ. އެ ތަކެތި އިލާހުންތަކަށް ހަދިޔާ ކުރަން." ތާޢިބާ ބުންޏެވެ.
"ތިޔަ ހުރިހާ ރަނެއް! އިލާހުންނަށް ހަދިޔާ ކުރަނީ ތަ؟" ހައިރާންވެފައި ހުރެ ވާޣިލާ ބުންޏެވެ.
"މިއީ އަހަރެންގެ އަތުގައި ހުރި ތަކެތީގެ ތެރެއިން ވަރަށް ކުޑަ މިންވަރެއް. އަދި އަގުބޮޑު ތަކެތި އަހަރެން ހުންނާނީ ގޭގައި ރައްކާ ކޮށްފަ." ފަހުރުވެރިކަމާ އެކު ތާޢިބާ ބުނެލިއެވެ.
"އާނ. އާނ. ހިކުމަތްތެރި ގޮތަކީ ތިޔައީ." ވާޣިލާ ބުނެލިއެވެ.
"ޝައްކެއް ނެތް ގޮތުގައި ރަނުގެ ފަރުބަދަތަކާއި އަގުބޮޑު ޖަވާހިރުތައް ތިބާ އަތުގައި މާ ގިނައިން ހުންނާނެ." ތާޢިބާ ބުންޏެވެ.
"މިންވަރަށް ވުރެ ބޮޑުކޮށް ވާހަކަ ނުދައްކަ ބަލަ ތާޢިބާ!" ވާޣިލާ ބުންޏެވެ.
"ތިޔައީ ގައުމުގެ ސާހިބާ ނޫޙުގެ އަނބިކަނބަލުންނެއް ނޫންތަ؟" ތާޢިބާ ސުވާލު ކޮށްލިއެވެ.
"ސާހިބެއް ކަމުގައި ވި. އެއީ މާޒީ." ޖަވާބުގައި ވާޣިލާ ބުންޏެވެ.
"އަހަންނަކަށް ނޭނގޭ ކީއްވެ ކަމެއް ގައުމުގެ ނިކަމެތީން ފަހަތުގައި ލައިގެން ނޫޙު އުޅެނީ ކީއްވެ ކަމެއް. އަދި އަހަރެމެންގެ ކާބަފައިން އަޅުކަން ކުރަމުން އައި އަހަރެމެންގެ އިލާހުންތައް ދަށު ދަރަޖައަކަށް ވައްޓާލައިގެން އޭނާއާއި އޭނާއަށް ތަބާ ވާ މީހުން އުޅެނީ ކީއްވެ ކަމެއް." ތާޢިބާ އޭނާގެ ހިތުގެ ތެރޭގައި އުފެދިފައި ހުރި ބައެއް ޝުޢޫރުތައް ހާމަކޮށްލިއެވެ.
"އަހަންނަކަށް ވެސް ފަހުމެއް ނުވޭ." ވާޣިލާ ބުނެލިއެވެ.
*****
ގެއަށް ދިޔަ މަގު މަތީގައި ވާޣިލާގެ ވިސްނުމަށް ޝައިޠާނާ ދިޔައީ ވަސްވާސް ވައްދަމުންނެވެ. ވާޣިލާ ވިސްނަމުން ދިޔައެވެ.
"އަހަރެމެން ނިކަމެތީންނާ އެއްކޮށް އުޅޭން ވީ ކީއްވެ؟ ކުރީގައި އަހަރެމެންނަކީ ގައުމުގެ ބޮޑުން. ވީ އިރު މިހެން އުޅޭން ވީ ކީއްވެ؟ ރަށުގެ ކަމުވޮށިގެންވާ މީހުންގެ ކުރިމަތީ އަހަރެމެން މީ މިހާރު އެއްވެސް ބައެއް ނޫން. ކިހިނެއް ބާ އަހަރެން ހަދާނީ؟ އަހަރެންނަށް ވަރަށް ގިނަ ކަންކަން ކުރެވިދާނެ. އަހަރެންނަށް ގައުމުގެ މީހުންނަށް އެހީތެރިވެދެވޭނެ. އޭރުން އެމީހުން އަހަންނަށް މަލާމާތެއް ނުކުރާނެ." ފިރިކަލުންނަށް ޚިޔާނާތްތެރި ވެގެން ވެސް ވާޣިލާ ބޭނުން ވީ ގައުމުގެ އެހެން މީހުންގެ ރުހުން ހޯދާށެވެ.
*****
"ޞާބިރާ! ކީއް ތި ކުރަނީ؟" ވާޣިލާ ސުވާލު ކުރިއެވެ.
"އަޅުގަނޑު ނޫޙުގެފާނަށާއި އެކަލޭގެފާނަށް ތަބާ ވާ މީހުންނަށް ރޭގަނޑުގެ ކެއުން ތައްޔާރު ކުރަނީ." ޞާބިރާ ޖަވާބު ދިނެވެ.
"ހަމަ އެކަނި އޮތް ބަކަރި ކަތިލީ ތަ؟" ވާޣިލާ ސުވާލު ކުރިއެވެ.
"އާދެ. ކީއްތޯ ވީ؟" ޞާބިރާ އެހިއެވެ.
"އަހަރެން ކަލޭގެ ކަރު ބުރިކޮށްލާ ނަމޭ ހިތަށް އެބަ އަރާ. އަހަރެންގެ ހުއްދަ ނުހޯދައި އެ ބަކަރި ކަތިލީ ކީކޭ ހިތަށް އަރައިގެން؟" ވާޣިލާ ރުޅިވެރިކަމާ އެކު ބުންޏެވެ.
"އޭތި ކަތިލާން އަޅުގަނޑަށް އަމުރު ކުރެއްވީ އަޅުގަނޑުގެ ސާހިބާ އަދި ﷲ ގެ ނަބިއްޔާ ނޫޙުގެފާނު." ޞާބިރާ ބުންޏެވެ.
"ކާކަށް ދަޢުވަތު ދޭން ބާ؟ މިރޭ މިގެއަށް ރަސްރަސްކަލުންގެ ތެރެއިން ރަސްކަލަކު ވަޑައިގަންނަވަނީ ތަ؟" މަލާމާތުގެ ރާގެއްގައި ވާޣިލާ އެހިއެވެ.
"ﷲ ގެ ނަބިއްޔާ ވިދާޅުވީ ވަރަށް މުހިއްމު ބަޔަކަށް ކާން ދެއްވާން ވެގެން ކަމަށް." ޞާބިރާ ވިދާޅުވިއެެވެ.
"އަނެއްކާ އެއީ ކޮން ބައެއް ބާ؟" ވާޣިލާ ސުވާލު ކޮށްލިއެވެ.
"ރަޙްމާނުވަންތަ އިލާހުގެ މެހުމާނުންގެ ތެރެއިން ފަގީރުންނާއި މިސްކީނުން. ނޫޙުގެފާނު ވަނީ ރޭގަނޑުގެ ކެއުމަށް އެމީހުންނަށް ދަޢުވަތު ދެއްވައިފައި." ޞާބިރާ ޖަވާބު ދިނެވެ.
"ކަލެޔާ ވާހަކަ ދެއްކުމަކީ ބޭކާރު ކަމެއް." މިހެން ބުނެފައި ވާޣިލާ ހިނގައިގަތެވެ.
"އޭ މަންމާ! މަޑު ކުރައްވާ! މިރޭ ކާން ހުރީ އެއްގަމު މަހާއި ރިހަ. މީ ވަރަށް މަދުން ނޫނީ ނުލިބޭ ފަދަ ފުރުސަތެއް. މި ފުރުސަތު ނަގާލައިގެން ނުވާނެ." ކަންޢާނު އޭނާގެ މަންމަ ވާޣިލާއަށް ބުންޏެވެ.
"އަހަރެން ކާ ހިތެއް ނެތް. ދަރިފުޅާ ކަންޢާނު! ކަލޭ ކައި!" ވާޣިލާ ކަންޢާނާ ދިމާއަށް ބުންޏެވެ.
"އޭ މަންމާ! އަޅުގަނޑުގެ ވާހަކަ އަޑު އައްސަވަ ބައްލަވާ! ކަމަނާއެކޭ އެއްފަދައިން އަޅުގަނޑު ވެސް މި ހުންނަނީ ރުހިގެންނެއް ނޫން. ބައްޕަ ވިދާޅުވާ އެއްޗަކަށް އަޅުގަނޑު ވެސް އީމާނެއް ނުވަން. އެހެންނަމަވެސް އަހަރެން ހުރި ގޮތް ފާޅު ނުކޮށް މިހުންނަނީ ދެ ފަރާތާ ވެސް މުއާމަލާތް ކުރާން ފަސޭހައަކަށް." ކަންޢާނު އޭނާގެ މަންމައަށް ބުންޏެވެ.
*****
"މި ވަގުތު އަދި ނުކައި! ވާޣިލާ ވަޑައިގަންނަވާން ދެން އިންތިޒާރު ކުރޭ!" ތަޢިބާ ބުންޏެވެ.
"ނޫޙުގެ އަންހެނުން ތަ؟ ރޭގަނޑުގެ ކެއުމަށް އޭނާއަށް ދަޢުވަތު ދިނީ ތަ؟ އެހެންވެއްޖެއްޔާ އަހަރެން ދަނީ." ޙަޖަރު ބުންޏެވެ.
"އިށީންނަވާ ޙަޖަރު. އަޅުގަނޑުގެ އަނބި ތަޢިބާ ވަރަށް މޮޅު ވިސްނުމެއް އެބަ ގެންގުޅޭ. ހިނގާ ބަލަ އަޑު އަހާލަމާ!" ޤާޙިލް ބުންޏެވެ.
"ޤާޙިލް! ކޮން ހިޔާލެއްގެ ވާހަކަ ތަ ތިޔަ ދައްކަނީ؟" ޙަޖަރު ސުވާލު ކުރިއެވެ.
"ކެތްތެރި ވެ ލައްވާ ސާހިބާ ޙަޖަރު. އަހަރެމެން ނޫޙު ދީނީ ގޮތުން ދެމުން ގެންދާ ދަޢުވަތާ ދެކޮޅަށް މި ހަނގުރާމަ ކުރަނީ. އެހެންކަމުން އެކަކު ވެސް އެކޮޅަށް ދިޔަ ނުދީ ވޭތޯ އަހަރެމެން ބަލާން ވާނެ." ތަޢިބާ ބުންޏެވެ.
"ތިޔައީ ހަމަ ސަތޭކައިގެ ވާހަކައެއް." ޙަޖަރު ބުނެލިއެވެ.
"މިހާރު މި ވަނީ ނޫޙުގެ އަންހެނުން އަހަރެމެންނާ ގުޅިފައި. އޭނާ އެ ދަނީ ނޫޙުގެ ޚަބަރުތަކާއި ސިއްރުތައް އަހަރެމެންނާ ހަމަޔަށް ބަރާބަރަށް ގެނެސްދެމުން. ވީމާ ނޫޙު ބަލިކޮށްލުން އަހަރެމެންނަށް ފަސޭހަ ވާނެ." ތަޢިބާ ބުންޏެވެ.
"ތިޔަ ކަމުގައި އޮތް އިތުބާރަކީ ކޮބާ؟" ޙަޖަރު ސުވާލު ކުރިއެވެ.
"އަހަރެމެންނަށް ވުރެ މާ ބޮޑަށް ނޫޙުގެ އަންހެނުން ވާޣިލާ ނޫޙަށް ތަބާ ވާ މީހުން ދެކެ ނަފްރަތު ކުރޭ." ތަޢިބާ ބުންޏެވެ.
"އޭނާއަކީ އަގީދާގައި އަހަރެމެން ފަދަ މީހެއް. އަޅުކަން ކުރަނީ އަހަރެމެންގެ އިލާހުންތަކަށް." ޤާޙިލް ބުންޏެވެ.
"އެ އިވެނީ ދޮރުގައި ޓަކި ޖަހާ އަޑު. ޔަގީން ވާޣިލާ ވަޑައިގަތީކަން. އަހަރެން މި ދަނީ ދޮރު ހުޅުވާން." ތަޢިބާ ބުންޏެވެ.
"ލަސް ވި ކަމަށް ޓަކައި މައާފަށް އެދެން." ވާޣިލާ ބުންޏެވެ.
"ވެދެވަޑައިގަންނަވާ! ތިބާ މި ގެއަށް ވަޑައިގަތުމަކީ އަޅުގަނޑުމެންނަށް ލިބުނު ޝަރަފެއް." ތަޢިބާ ބުންޏެވެ.
*****
"މިއީ ކޮން ކަމެއް؟ ވަޅުގެ ވަސް ވަރަށް ތަފާތު." ސާމު ވިދާޅުވިއެވެ.
"އަހަރެމެން ކޮންމެ ދުވަހަކު ވެސް މި ވަޅުން ފެން ބޮމު. ދެން ކޮން ކަމެއް ބާ ބަދަލު ވީ؟" ޙާމު ވިދާޅުވިއެވެ.
"ވަޅުގެ ފެންގަނޑަށް ބަލާލަބަލަ! މީހަކު މި ވަނީ ވަޅުގެ ތެރެއަށް ނަޖިސްތަކެތި އަޅާފައި." ސާމު ވިދާޅުވިއެވެ.
"ތިޔައީ ޝައިޠާނީ ވިސްނުމެއް ހުރި މީހަކު ކުރި ކަމެއް. އަހަރެމެން ތިޔަ ވަޅުން ފެން ބޮއިފި ނަމަ އަހަރެމެން ބަލި ވާނެ. ފެން ނުބޮއިފި ނަމަ ކަރުހިއްކައިގަނެގެން އަހަރެމެން ހަލާކު ވާނެ." ޙާމު ވިދާޅުވިއެވެ.
"އަހަންނަށް ހީވަނީ ހަލާކު ވުމަށް ވުރެ ގެއްލުން ކުޑައީ ބަލި ވުމުގައި ހެން. ކޮންމެ ގޮތެއް ވިޔަސް އަހަރެން ފެން ބޯނަން." ސާމު ވިދާޅުވިއެވެ.
"ޤާޙިލްގެ ވަޅުން ފެން ހޯދުމާ މެދު ހިޔާލަކީ ކޮބާ؟" ޙާމު ވިދާޅުވިއެވެ.
"ކާފިރުން ބޭނުން ވެގެން އުޅޭ ކަމަކީ ތިޔައީ. އަހަރެމެން އެމީހުންގެ އެހީތެރިކަމަށް ބަރޯސާ ކުރުވުން." ސާމު ވިދާޅުވިއެވެ.
"އަހަންނަށް ފެންނަނީ މި ކަމުގައި ބައްޕާފުޅާ މަޝްވަރާ ކުރާން. އެކަލޭގެފާނަށް އަހަރެމެންނަށް ޙައްލެއް ހޯއްދަވައިދެއްވިދާނެ." ޙާމު ވިދާޅުވިއެވެ.
*****
"ޚާޠޫރު! ލޯބިވާ އަނބިމީހާ! އަހަރެމެން ކާނޭ އެއްޗެއް ގެނެސްފިންތަ؟" ކަންޢާނު ބުންޏެވެ.
"ހުރިހާ ވިޔަފާރިވެރީން ވަނީ އަހަރެމެންނާ މުއާމަލާތް ކުރުން ހުއްޓާލާފައި. އެމީހުން އަހަރެމެންނަށް އެއްވެސް އެއްޗެއް ނުވިއްކާ. އަދި އަހަރެމެންގެ އަތުން އެއްވެސް އެއްޗެއް ނުގަނޭ." ޚާޠޫރު ބުންޏެވެ.
"ކީއްވެ؟" ކަންޢާނު ސުވާލު ކުރިއެވެ.
"އެއީ އަހަރެމެން ﷲ ގެ ނަބިއްޔާ ނޫޙުގެފާނަށް އީމާން ވާތީ. އަދި އެމީހުން ކުރާ ގޮތަށް ބުދަށް އަޅުކަން ނުކުރާތީ." ޚާޠޫރު ޖަވާބު ދިނެވެ.
"ކީއްވެ އެމީހުންނަށް މަކަރު ނަހަދަނީ؟ އެމީހުން ގާތު ބުނޭ އަހަރެމެން ވެސް ބުދަށް އަޅުކަން ކުރަމޭ. އޭރުން އަހަރެމެން ބޭނުން ވާ ތަކެތި އެމީހުންގެ އަތުން ލިބޭނެ." ކަންޢާނު ބުންޏެވެ.
"އޭ ކަންޢާނު! ތިބާ ބޭނުން ވަނީ އަހަރެން ދޮގު ހަދާން ތަ؟" ޚާޠޫރު ސުވާލު ކުރިއެވެ.
"ނޫން. ތެދު ބަހުން ވާހަކަ ދައްކާ! އަދި އަހަރެމެންނަށް ކާންބޯން ދިނުމުގެ ޒިންމާ ތެދުވެރިކަމުގެ މައްޗަށް ދޫކޮށްލާ!" ކަންޢާނު ރުޅިވެރިކަމާ އެކު ބުންޏެވެ.
*****
"އަލްޙަމްދު ލި ﷲ. އައު ފެންވަޅެއް ކޮނުމުގައި އަހަރެމެން ކާމިޔާބު ވެއްޖެ. އަހަރެމެން ޖެހޭނީ ނުލަފާ މީހުންގެ ކިބައިން މި ވަޅު ރައްކާތެރި ކުރުމަށް ޓަކައި ފާރަޔަށް ތިބޭން." ސާމު ވިދާޅުވިއެވެ.
"ކިހިނެއް އަހަރެން ފާރަޔަށް ހުންނާނީ އަހަރެންނަކީ ލޮލުގެ ފެނުން ބަލިކަށި މީހެއް." މުސްކުޅިއަކު ބުންޏެވެ.
"އަޅުގަނޑުމެންގެ ބައްޕަ ނޫޙުގެފާނު ވަނީ މިކަން ކުރާންވީ ގޮތުގެ ފުރިހަމަ އިރުޝާދު ދެއްވައިފައި. އެކަލޭގެފާނު ވިދާޅުވީ ފާރަޔަށް ތިބޭނީ ޒުވާން ފިރިހެނުން ކަމުގައި. އަންހެނުންނާއި ކުޑަކުދީންނާއި މުސްކުޅީންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުން ފާރަޔަށް ބައިތިއްބާކަށް އަމުރުފުޅެއް ނުކުރައްވާ!" ޙާމު ވިދާޅުވިއެވެ.
"ދެން އެންގެވީ ކަދުރު އިންދައިގެން އިންތިޒާރު ކުރުމަށް." ޞާބިރާ ބުންޏެވެ.
"ކޮން ކަމަކަށް އިންތިޒާރު ކުރާ ވާހަކަ ބާ؟ ކަދުރު ރުއްތައް ފޯދި އޭގައި މޭވާ އަޅާން ނަގާނެ ސާޅީހަކަށް އަހަރު. އަހަރެމެން ތިބޭން ވީ ސާޅީސް އަހަރު ވާން ދެން އިންތިޒާރުގައި ތަ؟" ޙައިރާންކަން އެކުލެވޭ ރާގެއްގައި ކަންޢާނު ބުންޏެވެ.
"މިއީ ﷲ ގެ ނަބިއްޔާގެ އަމުރުފުޅު. އޭ ކަންޢާނު! އެކަލޭގެފާނުގެ އަމުރުފުޅަކާ ދެކޮޅު ހެދުމަކީ ހެޔޮވެގެންވާ ކަމެއް ނޫން." ޚާޠޫރު ބުންޏެވެ.
"އަހަރެން އެކަލޭގެފާނުގެ އަމުރުފުޅުތަކާ ދެކޮޅެއް ނަހަދަން. އެކަމަކު އަހަރެން ހަމައެކަނި އަހަރެންނަށް އޮޅުން އެރި ކަމެއްގައި ސުވާލު ކުރީ. ކަދުރު ލިބޭން ދެން އަހަރެމެން ނުކައި ތިބޭނީ ކިހިނެއް؟" ކަންޢާނު ބުންޏެވެ.
"އޭ ޢިއްޒަތްތެރި ދަރިފުޅާ! ދަރިފުޅުގެ ބައްޕަ އަޅުގަނޑަށް ކިޔައި ދެއްވި ގޮތުގައި ރިޒުގު ދެއްވަނީ ﷲ." މުސްކުޅި ބޭބެ ބުންޏެވެ.
"ހީވަނީ އަހަރެންނަށް މި ވާހަކަ ދެއްކެނީ މޮޔައިންގެ ބައިގަނޑަކާ ހެން. ވާހަކަ ކުރިޔަށް ގެންދިއުމުގެ އެއްވެސް ބޭނުމެއް ނެތް." ކަންޢާނު ބުނެލިއެވެ.
*****
"ނޫޙަށް ތަބާ ވާ މީހުން ދަނީ ދުވަހެއް ދުވަހަށް ނިކަމެތި ވަމުން. އެމީހުން އެ ވަނީ ކާބޯތަކެއްޗަށް ޖެހިފައި." ވާޣިލާ ބުންޏެވެ.
"ކީއްވެ އަދިވެސް އެމީހުން ބަނޑަށް މަރު ނުވެގެން އުޅެނީ؟" ޤާޙިލް ސުވާލު ކުރިއެވެ.
"ޝިކާރަކޮށްގެން އެމީހުންނަށް ބައެއް ފަހަރު ކާނެ އެއްޗެއް އެބަ ލިބޭ. އެހެންނަމަވެސް ހަމަ ޔަގީނުން އެމީހުންގެ ނިމުން މިހާރު ވަނީ ވަރަށް ބޮޑަށް ގާތުގައި." ވާޣިލާ ކިޔައިދިނެއެވެ.
"އެމީހުންގެ ޢަދަދަކީ މިހާރު ކިހާ ވަރެއް؟" ޙަޖަރު ސުވާލު ކުރިއެވެ.
"އެއްމެ 80 މީހުން. އޭގެ ތެރޭގައި ގިނައީ މުސްކުޅީންނާއި އަންހެނުންނާއި ކުޑަކުދީން." ވާޣިލާ ބުންޏެވެ.
"ވާޣިލާ! ނޫޙުގެ އެންމެ ފަހުގެ ޚަބަރުތަކަކީ ކޮބާ؟" ތަޢިބާ އެހިއެވެ.
"ހައްހައްހައް. އަހަރެންނަށް އަޑު އިވޭ ގޮތުގައި ޤައުމުގެ މީހުން އޭނާއަށް ތަބާ ނުވާތީ، ޤައުމުގެ މީހުން ހަލާކު ކުރެއްވުން އެދި އޭނާގެ އިލާހަށް ދުއާ ކުރުން އޭނާ މިހާރު ކުރާ ކަމަކީ." ވާޣިލާ ބުންޏެވެ.
"ތިޔައީ ގޮތް ހުސްވުމުން އޭނާ ކުރަން އޮތް ކަމަކީ." ޙަޖަރު ބުންޏެވެ.
"އޭނާ ދުޢާ ކުރާ އިރު ކިޔަނީ ކީކޭ؟" ތަޢިބާ ސުވާލު ކުރިއެވެ.
"އޭނާގެ ދުޢާގައި ކިޔަނީ، އަޅުގެ ވެރިއިލާހު! كافر ންގެ ތެރެއިން ގެދޮރު ބިނާ ކުރާނޭ ހަމައެކަކުވެސް އިބައިލާހު މި ބިންމަތީގައި ނުބަހައްޓަވާނދޭވެ! ހަމަކަށަވަރުން، އިބައިލާހު އެއުރެން ދޫކުރައްވައިފިނަމަ، އެއުރެން އިބައިލާހުގެ އަޅުތަކުން މަގުފުރައްދާނެތެވެ. އަދި އެއުރެން فاجر، كفر ވެރިކަން ބޮޑު ދަރިޔަކުމެނުވީ ނުވެސް ވިހާނެތޭ. މިހެން." ވާޣިލާ ބުންޏެވެ.
"މިހާރު ވަރަށް ސާފު. ދުޢާ ކޮށްލަކޮށްލާ ތިބުން ނޫން އެހެން ގޮތެއް އެމީހުންނަކަށް ނެތް ކަން." ޤާޙިލް ބުންޏެވެ.
*****
"ދަރިފުޅާ ސަލްމާ! ޤުރްއާނުގައި ނޫޙުގެފާނުގެ އަންހެންކަމަނާގެ ވާހަކަ ތަޙްރީމު ސޫރަތުގެ 10 ވަނަ އާޔަތުގައި އައިސްފައިވޭ." ގާޒީ ޞަފިއްޔުއްދީން ވިދާޅުވިއެވެ.
"نوح ގެފާނުގެ އަނބިކަނބަލުންނާއި، لوط ގެފާނުގެ އަނބިކަނބަލުންގެ ވާހަކައިން، كافر ވިމީހުންނަށް اللَّه، مثال އެއް ޖެއްސެވިއެވެ. އެ ދެބޭކަނބަލުން ތިއްބެވީ ތިމަންރަސްކަލާނގެ صالح އަޅުންގެ ތެރެއިން ދެ އަޅެއްގެ أمر ގެ ދަށުގައެވެ. ފަހެ، އެ ދެބޭކަނބަލުން، އެ ދެބޭކަލުންނަށް خيانة ތެރިވިއެވެ. ފަހެ، اللَّه ގެ حضرة ން އެއްވެސްކަމެއް އެ ދެބޭކަނބަލުންނަށްޓަކައި، އެ ދެބޭކަލުންނަކަށް ފުއްދައެއް ނުދެއްވުނެވެ. އަދި އެ ދެބޭކަނބަލުންނަށް އަންގަވާނެތެވެ. (ނަރަކައަށް) ވަންނަމީހުނާއެކު، ތިޔަ ދެމީހުންވެސް ނަރަކަޔަށް ވަންނާށެވެ!" ތަޙްރީމު ސޫރަތުގެ 10 ވަނަ އާޔަތުގެ މާނައިގައި ވަނީ މިފަދައިންނެވެ.
"އެހެންވީމާ އޭނާ ވީ ޚިޔާނާތަކީ ފިރިކަލުންގެ ސިއްރުތައް އެހެން މީހުންނަށް ކިޔައިދިނުން." ސަލްމާ ބުންޏެވެ.
"ރަނގަޅަށް ތިޔަ ބުނީ. ދަރިފުޅާ! ޚިޔާނާތްތެރި ވީ ކަމަށް އައިސްފައި އޮތް އޮތުމަކީ އަމާނާތަށް ޚިޔާނާތްތެރި ވުން." ގާޒީ ވިދާޅުވިއެވެ.
"ކޮން ފަދަ ނުބައި އަންހެނެއް! ދެން އޭނާއަށް ވީ ކިހިނެއް؟" ސަލްމާ ސުވާލު ކުރިއެވެ.
"ތިޔައީ އަދި ވަރަށް ދިގު ވާހަކައެއް. ﷲ ގެ ނަބިއްޔާ ނޫޙުގެފާނު 950 އަހަރު ދުނިޔޭގައި ހުންނެވި. އެހެންވީމާ އެ ހުރިހައި ވާހަކައެއް އެއް ދުވަހުން ކިޔައިދީ ނިންމާނީ ކިހިނެއް؟" ގާޒީ ވިދާޅުވިއެވެ.
"އާދެ! ހަމަ އެހެންމެ ބައްޕަގެ އަވަހާރަލެއްޕެވުމުގެ ވަގުތުވެސް ޖެހިއްޖެ." ސަލްމާ ބުންޏެވެ.
"ހެޔޮ ހާލުގައި މާދަމާ ވެސް ބައްދަލުވާނެ. އިންޝާ ﷲ." ވަކިވެލުވުމުގެ ގޮތުން ގާޒީ ވިދާޅުވިއެވެ.