ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކާބޯތަކެތީގެ ވިޔަފާރި ކުރަމުން އަންނަ ހެޕީ މާކެޓުން ރޯދަ މަހާ ގުޅުވައިގެން އެތަނުން ވިއްކާ މުދަލުގެ އަގު ހެޔޮކޮށްފިއެވެ.

ހެޕީ މާކެޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޮންމެ އަހަރެއްގެ ރޯދަ މަހުގައިވެެސް ތަކެތީގެ އަގު އުފުލޭ ނަމަވެސް، މިއަހަރުގެ ރޯދަ މަހުގައި ބައެއް ތަކެތީގެ އަގު އާދައާ ހިލާފަށް އުފުލެމުންދާ ކަމަށެވެ.

އެހެން ކަމުން، ހެޕީ މާކެޓުގެ މުދަލުގެ އަގު ރޯދަ މަސް ނިމެންދެން ހިފެހެއްޓޭނެ އެންމެ ހެޔޮ އަގެއްގައި ހިފަހައްޓާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

"މިކަމުން ރައްޔިތުންނަށް ދިމާވާ ދަތިކަން އިހުސާސްވާ ހާލު، އަޅުގަނޑުމެންގެ ކުންފުނިން ވިއްކަމުންދާ ހުރިހާ މުދަލެއްގެ އަގު ރަމަޟާން މަސް ނިމެންދެން ބެހެއްޓޭނެ އެންމެ ހެޔޮ އަގެއްގައި ހިފަހައްޓާނެ ކަމުގެ ޔަގީންކަން އަރުވަމެވެ."

ވަކިން ހާއްސަކޮށް ފިނި ކުރި ކުކުޅާއި، ކުކުޅުގެ ބާވަތްތަކާއި ބިހުގެ އަގު ބޮޑުވިޔަ ނުދީ ހިފަހައްޓާނެ ކަމަށް އެ ކުންފުނީގެ ބަޔާނުގައި ބުނެފައިވެއެވެ.

ހެޕީ މާކެޓުގެ ބަޔާނުގައި އެދިފައި ވަނީ އެގޮތަށް އެހެން ވިޔަފާރިތަކަށްވެސް ކަންތައް ކުރެވޭނެ ނަމަ ކުރުމަށެވެ.