ގާޒީ ޞަފިއްޔުއްދީނުގެ ގޭގައި އިންނަ ވާހަކަ ދައްކާ ގުރާ ގޮވައިލިއެވެ.

"ކާނާ. ބަނޑުހައި."

"ކުޑަކޮށް އިންތިޒާރު ކޮށްލާ! ކަލޯއަށް ކާން ދިނުން އަހަރެމެން ހަނދާނެއް ނުނެތޭނެ." ސަލްމާ ގުރާއާ ދިމާއަށް ބުންޏެވެ.

"ފެން. ފެން." ގުރާ ގޮވައިލިއެވެ.

"ބައްޕަ މި ގުރާ ގެނެސް ދެއްވީ އަޅުގަނޑު ހިތްހަމަ ޖައްސާން ބާ؟ ނުވަތަ އަޅުގަނޑު ލައްވައި މި ގުރާގެ ހިތް ހަމަ ޖައްސުވާން ބާ؟" ސަލްމާ ސުވާލު ކޮށްލިއެވެ.

"އަވަސް. ފެން." ގުރާ ގޮވައިލިއެވެ.

"މިހިރީ ފެން. އުފާވެރިކަމާއި ފުރިހަމަ ސިއްހަތަކަށް އެދެން." ގުރަޔަށް ފެން ދެމުން ސަލްމާ ބުންޏެވެ.

"އުފާވެރިކަން. ސިއްހަތު." ސަލްމާ ބުނި އެތި އެ ގޮތަށް ބުނެވޭތޯ ގުރާ މަސައްކަތް ކުރިއެވެ.

"ޝުކުރިއްޔާ! މިއީ ކަލޯގެ ކާނާ. އަހަރެން ކާނީ ބައްޕަ ވަޑައިގަތީމާ ބައްޕަ އަރިހުގައި." ސަލްމާ ބުންޏެވެ.

"ގާޒީ." ގުރާ ކިޔައިލިއެވެ.

*****

ގާޒީ ޞަފިއްޔުއްދީން ގެޔަށް ވަޑައިގެންފިއެވެ. ސަލްމާ އަވަހަށް ބައްޕަ އަރިހަށް ދިޔައެވެ. ސަލްމާގެ ޝައުގުވެރިކަން ހުރީ އިއްޔެ ބައްޕަ ކިޔައިދެއްވި ވާހަކައަށެވެ. އެހެންކަމުން އެ ވާހަކައާ ގުޅޭ ގޮތުން ބައްޕައާ ވާހަކަ ދައްކާން ފެށިއެވެ.

"އެންމެ ހައިރާން ވާ ކަމަކީ ގިނަ މީހުން އަސްލެއް ނެތް ހުރާފީ ވާހަކަތައް ގަބޫލު ކުރާތީ. އަހަރެމެން ހުރިހާ އިންސާނުންގެ މަންމަ ޙައްވާގެފާނު ނުކުރައްވާ ކަމެއް އެ ކަމަނާއަށް ނިސްބަތް ކޮށްގެން ދައްކަމުން ދާތީ." އޮޅުން ފިލުވުމުގެ ބޭނުމުގައި ސަލްމާ ބުންޏެވެ.

"ދަރިފުޅާ! ބައެއް ފަހަރު މީސްތަކުންނަށް ބޮޑަށް ގަބޫލު ކުރެވިފައި އޮންނަނީ ފެތުރިފައި އޮންނަ ކުށް ގޮތް. ގިނަ މީހުން އެމީހުންގެ އަމިއްލަ ބުއްދި ބޭނުމެއް ކުރޭ." ގާޒީ ވިދާޅުވިއެވެ.

"އަދި ތަރުކާރީ ކޮޅެއް އަޅައިދޭނަން." ސަލްމާ ބައްޕަގެ ކާތަށްޓާ ދިމާއަށް އަތް ދިއްކޮށްލަމުން ބުންޏެވެ.

"ނޫން. ނޫން. ފުދޭ ވަރަށް ކައިފިން." ގާޒީ ވިދާޅުވިއެވެ.

"އެހެންވީމާ ކާއެއްޗެހި ރަނގަޅު ނޫނީ ތާ! ތަރުކާރީ ރަނގަޅު ނޫނީ ތޯ؟" ސަލްމާ ސުވާލުކޮށްލިއެވެ.

"ނޫން. ވަރަށް މީރު. ވަރަށް ކަމުދިޔަ. އެކަމަކު ބަނޑު ފުރިއްޖެ. އަލްޙަމްދު ލި ﷲ." ގާޒީ ވިދާޅުވިއެވެ.

"ވަދީދާއަށް މިއަދުގެ ކާއެއްޗެހި ކަމަކު ނުދިޔަ." ސަލްމާ ބުންޏެވެ.

"އެއްވެސް ދުވަހަކު ވަދީދާއަކަށް ކަމަކު ނުދޭ." ގާޒީ ވިދާޅުވިއެވެ.

"ޙައްވާގެފާނުގެ ވާހަކަ ބައްޕަ ކިޔައިދެއްވި ވަރަށް އަޅުގަނޑު ވަދީދާއަށް ކިޔައި ދީފިން. އޭނާ ބޭނުން ވޭ އެ ވާހަކަ އެއްކޮށް އަޑުއަހަން. ވީމާ ބައްޕަގެ ޚިޔާލުފުޅަކީ ކޮބައިތޯ؟" ސަލްމާ ބުންޏެވެ.

"ދަރިފުޅުގެ މަގްސަދު އެނގިއްޖެ. ކިހައި ހިސާބަކުން އަހަރެމެން ވާހަކަ ހުއްޓައިލީ؟" ގާޒީ އެމަނިކުފާނުގެ ދަރިކަނބަލުންނާ ސުވާލު ކުރެއްވިއެވެ.

"އެއީ ހަރާމް ކުރެއްވި ގަހުން އާދަމުގެފާނު ފަރީއްކުޅުއްވި ހިސާބު. އަދި ޙައްވާގެފާނު ވެސް އާދަމުގެފާނާ އެކު އެ ގަހުން ފަރީއްކުޅުއްވި ހިސާބު. އަދި ޖަންނަތުގެ ފަތްތަކުން އެ ދެ ކަނބަލުން ހަށިކޮޅު ނިވާ ކުރައްވާން އުޅުއްވި ވާހަކަ އަންނަ ހިސާބު." ސަލްމާ ޖަވާބު ދިނެވެ.

"އާނ. ދެން ވީ ގޮތަކީ. ކުރެއްވުނު ކުށް އިހްސާސް ކުރެއްވިގެން އާދަމުގެފާނު ތައުބާ ވެ ވަޑައިގަތް. ތައުބާ ވެ ވަޑައިގެން ފާފަ ފުއްސެވުން އެދި އެ ދެކަނބަލުން ދުޢާ ކުރެއްވި. رَبَّنَا ظَلَمْنَا أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަމިއްލަ نفس ތަކަށް އަޅަމެން އަނިޔާވެރި ވެއްޖައީމުއެވެ. އަދި އަޅަމެންނަށް އިބަރަސްކަލާނގެ ފާފަ ނުފުއްސަވައިފިނަމަ، އަދި رحمة ނުލައްވައިފިނަމަ، އަޅަމެންވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ. ދެން ﷲ އެ ދެކަނބަލުން ބިންމަތީގެ ހަގީގީ ހަޔާތުގެ އިމްތިހާނުތަކާ ކުރިމަތި ކުރެއްވުމަށް އިރާދަ ކުރެއްވި. އެ ގޮތުން ޖަންނަތުން ފައިބައިވަޑައިގަތުމަށް އަމުރު ކުރެއްވި."

*****

ޖަންނަތުން ފައިބައިވަޑައިގަތުމަށް އަމުރު ކުރެއްވެވުމުން ޙައްވާގެފާނާއި އާދަމުގެފާނަށް ފައިބައިވަޑައިގެންނެވުނީ ދެ ތަނަކަށް ކަމަށް ވާހަކަތަކުގައި ވެއެވެ. އަދި އެ ދެކަނބަލުންނާއި އެ ދެކަނބަލުންގެ ދަރިދަރިކަލުންނާއި ދަރިދަރިކަނބަލުންގެ ވާހަކަތައް ހިވާރުގެ ގޮތުގައި ވެސް އަދީބުން ގެންނަވައިފައި ހުރެއެވެ. މި ގޮތުން ފޮތްތަކުގައި އައިސްފައި ހުރެއެވެ.

"އާލަމްތަކުގެ ރައްބު! މިއަޅާއަށް ފާފަ ފުއްސަވާނދޭވެ! -- އޭ އާދަމް! ތިބާ ތިޔަ ހުރީ ކޮންތާކު؟ ތިބާގެ ގާތުގައި ހުންނަ އިރު އަމާންކަމާއި ހިތްހަމަޖެހުން އިހްސާސް ކުރެވޭ. ތިބާ ތިޔަ ހުރީ ކޮންތާކު ބާވައޭ ހިތަށް އަރާ. އާދަމް ވީ ތަނެއް ހޯދުމަށް ޓަކައި މަސައްކަތް ކުރަންވީ." ޙައްވާގެފާނު ވިދާޅުވިއެވެ.

"މިއީ ހާދަ ރީތި ފަރުބަދައެކޭ. ބިމުގެ މި ހިސާބުން ހިތަށް ފިނިކަމެއް ލިބިގެން ހިނގައްޖެ. އަނެއްކާ ވެސް ޖަންނަތަށް އެނބުރި އާދެވުނު ކަހަލަ. މިއީ ކޮން ކަމެއް؟ އާދަމް! ތިއީ ހަމަ ކަށަވަރުން ވެސް ތިބާ. އޭ ލޯބިވާ ފިރިކަލުން." ޙައްވާގެފާނަށް އާދަމުގެފާނު ފެނިވަޑައިގަތުމުން ވިދާޅުވެވުނެވެ.

ބުނެވޭ ގޮތުގައި ޙައްވާގެފާނަށް އާދަމުގެފާނު ފެނިވަޑައިގަތީ އަރަފާތު ފަރުބަދަ ކައިރިންނެވެ. އާދަމުގެފާނާއި ޙައްވާގެފާނު އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ތައާރަފު ވީ މި ފަރުބަދަ ކައިރިން ކަމަށް ވާތީ، ޢަރަފާތުގެ ނަމުން ފަރުބަދައަށް ނަން ދެވުނީ ކަމަށް ވެސް ބުނެވެއެވެ.

ޖަންނަތުން ނުކުމެ ވަޑައިގަތުމަށް ފަހު، އެ ދެކަނބަލުން ކާބޯތަކެތި ހޯއްދަވާން މަސައްކަތްޕުޅު ކުރައްވާން ޖެހިވަޑައިގަތެވެ. ކިތައްމެ ބުރަކޮށް އުޅުއްވި ނަމަވެސް ޒިކުރުކުރުމާއި ތަސްބީހަ ކިޔުމާއި އިސްތިޣުފާރުކުރެއްވުން އެއްމެ ހިނދުކޮޅަކަށް ވެސް އެ ދެކަނބަލުން ދޫކޮށެއް ނުލައްވައެވެ.

ޝައިޠާނާގެ ވަސްވާސްތަކަށް ދެން ދުވަހަކު ވެސް ހެއްލިވަޑައި ނުގަތުމުގެ ވަރުގަދަ އަޒުމުގައި ހެޔޮ ޢަމަލުތައް ގިނަ ކުރެއްވުމަށް އަބަދުވެސް އިސްކަން ދެއްވިއެވެ.

އަނެއްކޮޅުން ޝައިޠާނާއަށް ވެސް ދެން އެ ދެކަނބަލުންނަށް ވަސްވާސް ނުދެވޭނޭކަން ކަށަވަރުވިއެވެ. ދެން އޭތީގެ އަމާޒަކީ އާދަމުގެފާނާއި ޙައްވާގެފާނުގެ ދަރިކޮޅު ކަމަށް ކަނޑައެޅިއެވެ.

*****

އާދަމުގެފާނުގެ ބޭފުޅުން ތިއްބެވީ ކުޅުއްވާށެވެ. އޭގެތެރެއިން ގާބީލު ބުންޏެވެ. "ޖަނަވާރުތަކަށް ހެދިގެން ކުޅެމާ ހިނގާ!"

"ނޫން. ޤާބީލު. ތިބާ ކޮންމެ ފަހަރަކު ތިޔަ ކުޅިވަރު ކުޅޭ އިރު، އަހަރެންގެ ހަންގަނޑުގައި ނިޔަފަތީން ވަކިއަޅުވާ. ވީމާ ތިޔަ ކުޅިވަރެއް ނުކުޅެވޭނެ." ހާބީލު ވިދާޅުވިއެވެ.

"އަންހެން ކުދީން ހެން ނިކަމެތިވެ ނުގަނެ ބަލަ!" ޤާބީލު ބުންޏެވެ.

"އަހަރެމެންނަކީ ޟަޢީފު ނިކަމެތި ބައެއް ނޫން. އަހަރެން ކުޅޭނީ ބާޒެއްގެ ދައުރު." އިޤްލީމާ ވިދާޅުވިއެވެ.

"އަހަރެން ކުޅޭނީ އެތެއްގެ ދައުރު." ލިއޫޒާ ވިދާޅުވިއެވެ.

"ހާބީލު! ތިބާ އިޚްތިޔާރު ކުރީ ކޮން ދައުރެއް؟" ޤާބީލު ސުވާލު ކުރިއެވެ.

"އަހަރެން އިޚްތިޔާރު ކުރީ އިންސާނެއްގެ ދައުރު." ހާބީލު ވިދާޅުވިއެވެ.

"އަހަރެން ކުޅޭނީ އެއިން އަލިފާން ނުކުންނަ ބުރުކާނެއްގެ ދައުރު." ޤާބީލު ބުންޏެވެ.

"ކޮންތާކުން އަލިފާން ހޯދާނީ؟" ލިއޫޒާ ސުވާލު ކުރެއްވިއެވެ.

"ބައްޕަ ދަސްކޮށްދެއްވި ގޮތަށް އަލިފާން ރޯ ކުރާނީ. މި ގޮތަށް. އަން! ހިފާ!" ހާބީލާ ދިމާއަށް އަލިފާން ރޯކޮށްފައިވާ ދަރުގަނޑެއް ދިއްކޮށްލަމުން ޤާބީލު ބުންޏެވެ.

"ޤާބީލު! ތިހެން ނަހަދާ! ހޫނު ވެޔޭ! ތިހެން ނަހަދާ! ގައިގައި އަލިފާން ނުޖައްސަ ބަލަ! މަންމާ! މަންމާ!" ހާބީލު ވިދާޅުވަމުން ގެންދެވިއެވެ.

"ތިޔަ ކަހަލަ ބުއްދި ހަމަ ނުޖެހޭ ކަންކަން ކުރުން ނޫން އެހެން ކަމެއް ނޯވޭތަ؟" ޙައްވާގެފާނު ވިދާޅުވިއެވެ.

"އަހަރެމެން ކުޅުނީ. މަންމާ! އޭނާ ކަންތައް ބޮޑު ކޮށްލަނީ." ޤާބީލު ޖަވާބު ދިނެވެ.

"ތިޔަ ގޮތަށް ކަންތައް ކުރާތީ ޤާބީލުއަށް މުޅި ދުވަހު ކުޅުން މަނާ!" ޙައްވާގެފާނު ވިދާޅުވިއެވެ.

ހިތްހަމަ ނުޖެހިފައި ހުރި ޤާބީލު ދުރަށް ހިނގައިގަތެވެ.

"ޤާބީލު! ކޮންތާކަށް؟" އެ ވަގުތު ޙައްވާގެފާނު ޤާބީލަށް ވިދާޅުވިއެވެ.

އެއްވެސް ޖަވާބެއް ނުދީ ޤާބީލު ދިޔައީ ދުރަށެވެ. ގޮސް ހިލައެއްގެ މަތީގައި އިށީނދެއްޖެއެވެ.

މައިންބަފައިންގެ ބަސް ނާހާ ވަގުތުތަކާއި ﷲ އަށް އުރެދުމުގައި އިންސާނާ ހޭދަ ކުރާ ވަގުތަކީ ޝައިޠާނުންނަށް އިންސާނުންނާ ކައިރި ވުމަށް ލިބޭ ފުރުސަތު ކަމުން، ޤާބީލަށް ވަސްވާސް ދިނުމަށް މި ވަގުތުގެ ބޭނުން އިބިލީސް ކުރިއެވެ.

އިބިލީސް އައިސް ޤާބީލަށް ވަސްވާސް ދޭން ފެށިއެވެ. އާދަމުގެފާނުގެ ބޭފުޅުންގެ ތެރެއިން އެންމެ ވިސްނުން ރަނގަޅީ އަދި އެންމެ ވަރުގަދައީ ޤާބީލު ކަމަށް ޤާބީލުގެ ވިސްނުމަށް ލައި ދިނެވެ. އެހެންނަމަވެސް މަންމާފުޅާއި ބައްޕާފުޅު ޤާބީލާ މެދު އިހުމާލު ވާ ކަމަށް ވިސްނުމަށް ލައި ދިނެވެ. އަދި ޤާބީލަކީ ބަދުނަސީބުވެރިއެއް ކަމަށް ވެސް ވިސްނުމަށް ލައި ދިނެވެ.

"ކުޅޭން ތިބެފައި އަހަރެން ގަސްތަކާ ނުލައި ކުރި ކަމަކުން ކޮއްކޮއަށް ތަދު ވީމާ، މަންމަ ބެއްލެވީ އެއީ ގަސްތުގައި ކުރި ކަމެއް ކަމަށް. ކީއްވެ މަންމަ އަހަރެން ދައްކާ ވާހަކަ ގަބޫލު ނުކުރައްވަނީ؟" ޤާބީލު އަމިއްލަ ނަފްސާ ސުވާލު ކުރިއެވެ.

"ތިއީ އެއްގޮތަކަށް ވެސް އަދުލުވެރި ގޮތެއް ނޫން. ބޮޑު ކުއްޖަކީ ވެސް ތިއީ." ޝައިޠާނާ ވަސްވާސް ލައި ދެމުން ދިޔައެވެ.

"އަހަންނަށް ވެސް ނުވިސްނިގެން އުޅެނީ ތިޔަ ކަން." ޝައިޠާނީ ވަސްވާސްތަކަށް ޤާބީލުގެ ވިސްނުމުން ދިޔައީ ޖަވާބު ދެމުންނެވެ. ކޮންމެ އިރަކުވެސް ޤާބީލު ގާތަށް އައިސް ވަސްވާސް ދިނުމަކީ އިބިލީހަށް ދާދި ފަސޭހަ ކަމެއް ކަމުގައި ވެގެން ހިނގައްޖެއެވެ.

*****

"އިޤްލީމާ ހިނގާ! ލިޔޫޒާ ހިނގާ! އިރުއޮއްސުމުގެ ކުރީން މޭވާ އެއްކުރާން ވާނެ." ޙައްވާގެފާނު، އެ ކަމަނާގެ ދެ ދަރިކަނބަލުންނަށް ގޮވައިލައްވަމުން ވިދާޅުވިއެވެ.

"އެއީ ތެދެއްތޯ މަންމާ! މި ރަބީޢު މޫސުމް ނިމުނީމާ އަޅުގަނޑުމެން ޤާބީލުއާއި ހާބީލުއާ ކައިވެނި ކޮށްދެއްވާން ބައްޕަ ނިންމެވި ވާހަކަ." އިޤްލީމާ މަންމާފުޅު ކުރެން އެއްސެވިއެވެ.

"ތިޔަ ގޮތަށް ނިންމަވާފައި ބައްޕަ އޮތީ!" ދަރިކަނބަލުންގެ ސުވާލަށް ޖަވާބު ދެއްވަމުން ޙައްވާގެފާނު ވިދާޅުވިއެވެ.

"ތިޔައީ ހާދަ އެހެން ކަހަލަ ކަމެކޭ! އަޅުގަނޑުމެން އަޅުގަނޑުމެންގެ އަޚުންނާ ކައިވެނި ކުރުން." މަންމާފުޅުގެ ވާހަކަ އިތުރަށް ސާފު ކުރުމުގެ ގޮތުން ލިޔޫޒާ ވިދާޅުވިއެވެ.

"ކައިވެންޏަކީ ހަޔާތުގެ ޒަރޫރަތްތަކުގެ ތެރޭގައި ހިމެނޭ ޒަރޫރީ ކަމެއް. އިންސާނީ ނައުޢު ދެމިގެން ދިއުމަށް ޓަކައި ﷲ ވަނީ އާދަމުގެފާނުގެ އުފަން ބޭފުޅުންގެ މެދުގައި ކައިވެނި ހުއްދަކޮށް ދެއްވައިފައި. އެހެންނަމަވެސް އާދަމުގެފާނަށް ކާފަ ވިދާޅުވާ ބޭފުޅުންނަށް ހުއްދަވެގެން ވަނީ ދެބެންގެ ދެދަރި ބޭފުޅުންނާ ކައިވެނި ކުރެއްވުން. އާދަމުގެފާނުގެ އުފަން ބޭފުޅުން ފިޔަވައި އެހެން މީހުންނަށް އެންމެ ތިމާގެކޮށް ކައިވެނި ކުރެވޭނީ ދެބެންގެ ދެދަރި މީހުންނާ." ޙައްވާގެފާނު އޮޅުން ފިލުވައި ދެއްވިއެވެ.

"ތިޔަ ވާހަކަފުޅު ރަނގަޅު. އެކަމަކު ކިހިނެއް ތޯ އަޅުގަނޑު އަޅުގަނޑާ އެއްމާބަނޑު އަޚާ ހާބީލުއާ ކައިވެނި ކުރާނީ. އޭނާއާ މެދު އަޚެއްގެ ނަޒަރުން ނޫން ގޮތަކަށް އަޅުގަނޑަކަށް ނުދެކެވޭނެ." ލިޔޫޒާ ވިދާޅުވިއެވެ.

"ތިޔައިން އެއްވެސް ކުއްޖަކު އޭނާއާ އެއްމާބަނޑު އަޚާއާ ކައިވެންޏެއް ނުކުރާނެ. ލިޔޫޒާ ކައިވެނި ކުރާނީ ޤާބީލުއާ. އިޤްލީމާ ކައިވެނި ކުރާނީ ހާބީލުއާ." ހައްވާގެފާނު ކިޔައިދެއްވިއެވެ.

"ބައްޕަ ނިންމެވީ ތިޔަ ގޮތަށް ކަމަށް ވާ ނަމަ، އެކަމާ ދެކޮޅެއް ނަހަދާނަން." އިޤްލީމާ ވިދާޅުވިއެވެ.

"ތިޔައީ ތިޔަ ދެބެންގެ ކިބައިން ލިބޭން ބޭނުންވި ޖަވާބަކީ. ތިޔަ ކުދީންގެ ބައްޕައަކީ ﷲ ގެ ނަބިއްޔާ. އެކަލޭގެފާނަށް ތަބާ ވުމަކީ އަހަރެމެން އެންމެންގެ މައްޗަށް އޮތް ވާޖިބެއް." ޙައްވާގެފާނު ވިދާޅުވިއެވެ.

*****

ރާމާ ވެފައި ހުންނަ މޭވާ ދިޔަ ބުއިމަކީ އާދަމުގެފާނު އެ ކަލޭގެފާނުގެ ބޭފުޅުންނަށް މަނާ ކުރައްވައިފައި އޮތް ކަމެއް ނަމަވެސް ޤާބީލު ދިޔައީ މޭވާގެ ރާމާ ވެފައި ހުންނަ ދިޔަ ބޭނުން ކުރަމުންނެވެ. އެއީ ހިތްހަމަ ޖެހުން ލިބޭ ކަމެއް ކަމަށް ޝައިޠާނާ ދިޔައީ ޤާބީލުގެ ވިސްނުމަށް ލައި ދެމުންނެވެ.

ޝައިޠާނާ ޤާބީލުގެ ވިސްނުމަށް ލައި ދެމުން ގެންދިޔައީ، ޤާބީލު ކައިވެނި ކުރާން އެންމެ ރަނގަޅުވާނީ ޤާބީލާ އެއްމާބަނޑު އިޤްލީމާއާ ކަމަށެވެ. ބޮޑަށް ރީތީ ވެސް އިޤްލީމާ ކަމަށެވެ. ކޮންމެ ރަނގަޅު ކަމަކާއި ރީތި އެއްޗެއް ހާބީލަށް ލިބޭ ކަމަށް ޤާބީލަށް ވިސްނުނެވެ.

"އަހަރެން ނޫން މީހަކަށް އިޤްލީމާއާ ކައިވެންޏެއް ނުކުރެވޭނެ." ޤާބީލު އަމިއްލަ ނަފްސަށް ބުންޏެވެ. އެއަށް ފަހު ޤާބީލު ދިޔައީ ޙައްވާގެފާނު އަރިހަށެވެ.

"މަންމާ! އަހަރެން ކައިވެނި ކުރާނީ އިޤްލީމާއާ. އަހަންނަށް އެންމެ ހައްގީ އަހަންނާ އެއްމާބަނޑުގައި އޮތް އިޤްލީމާ." ޤާބީލު ޙައްވާގެފާނު އަރިހުގައި ބުންޏެވެ.

"އާދަމުގެފާނުގެ ބޭފުޅުން އުފަންވަނީ ކޮންމެ ފަހަރަކު ވެސް އެއްމާބަނޑު ދެބެން. އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއް. އާދަމުގެފާނުގެ ބޭފުޅުންނަށް ކައިވެނި ޙަރާމް ވެފައި ވަނީ އެކު އެއްމާބަނޑުގައި އޮންނަ އަޚާ ނުވަތަ އުޚްތާއާ ކައިވެނި ކުރުން. އެއްމާބަނޑު ނޫން ނަމަ އާދަމުގެފާނުގެ ބޭފުޅުންނަށް ކައިވެނި ހުއްދަ ކުރެއްވި. އާދަމުގެފާނަށް ކާފަ ވިދާޅުވާ ބޭފުޅުންނަށް ކައިވެނި ކުރެވޭނީ ދެބެންގެ ދެދަރި ނަމަ. އާދަމުގެފާނަށް ކާފަ ވިދާޅުވާ ބޭފުޅުންނަށް އަމިއްލަ އަޚެއް ނުވަތަ އުޚްތަކާ ކައިވެންޏެއް ނުކުރެވޭނެ. މިއީ ﷲ ގެ ނަބިއްޔާގެ އިރުޝާދު." ކަން އޮތް ގޮތް ޙައްވާގެފާނު ޤާބީލަށް ކިޔައި ދެއްވިއެވެ.

"އެހެންނަމަވެސް އަހަރެން ތިޔަ ގޮތެއް ބޭނުމެއް ނޫން." ޤާބީލު ރައްދުގައި ބުންޏެވެ.

"ޤާބީލު! ތިޔަ ދައްކާ ވާހަކަ ތިޔަ ގޮތަށް ދައްކަފާނެ ކަމަކަށް އުއްމީދެއް ނުކުރަން. ކިހިނެއް ތިބާގެ ބައްޕަ އަދި ﷲ ގެ ނަބިއްޔާ އެންގެވި ގޮތާ ޚިލާފަށް ކަމެއް ކުރާނީ؟ ތިޔަ ހުރީ ބުއްދި ގޯސް ކުރާ ރާމަ ދިޔަ ވެސް ބޮއިގެން. ﷲ ގެ ނަބިއްޔާގެ އަމުރުފުޅަށް ބޯ ނުލަނބާ މީހާއަށް އޮތީ ގެއްލުމާއި ހަލާކު." ޙައްވާގެފާނު ވިދާޅުވިއެވެ.

"ތިޔައީ ކަލޭމެން އަމިއްލައަށް ރާވާ ރޭވުން. ކޮންމެ ރަނގަޅު އަދި ރީތި އެއްޗެއް އަބަދުވެސް ދޭނީ ހާބީލުއަށް. އެކަމަކު މި ފަހަރު އަހަރެން ދުލެއް ނުކުރާނަން. އަހަރެން އަހަރެންގެ ހައްގު ހޯދާނީ އަހަރެންގެ އަތުން." ޤާބީލު ރުޅިވެރިކަމާ އެކު ބުންޏެވެ.

"ހަމަހިމޭންވެ އަދަބު ވެރިވޭ. ﷲ ގެ ނަބިއްޔުންނަކީ ﷲ ޝަރުޢު ކުރައްވައި އަންގަވާ ކަމެއްގައި ﷲ ގެ ބަސްފުޅޭ ކިޔައިފައި ހަވާ ނަފްސަށް، އަމިއްލަ އެދުމަށް ވާހަކަ ދައްކަވާނޭ ބައެއް ނޫން." ޙައްވާގެފާނު ވިދާޅުވިއެވެ.

"ބައްޕާފުޅު އެންގެވީ ކޮންމެ ގޮތަކަށް ކަމުގައި ވިޔަސް އަޅުގަނޑު އެ ގޮތަކަށް ތަބާ ވާނަން." ހާބީލު ވިދާޅުވިއެވެ.

"އެހެންތާ ވާނީ. ކަލެއަށް އެބަ އެނގޭ ވިއްޔާ، އޭނާ ކަންތައް ކުރާނީ ކަލެއަށް މޮޅުވާނެ ގޮތަށް ކަން." ހާބީލަށް ރައްދު ދެމުން ޤާބީލު ބުންޏެވެ.

"ނޫން. އަހަރެމެން އެންމެންނަށް މޮޅުވާނެ ގޮތަށް ބައްޕަ އިރުޝާދު ދެއްވާނީ." ހާބީލު ވިދާޅުވިއެވެ.

"ކަލޭގެ ތިޔަ ފިނޑި ކިޔަމަންތެރި ކަމުން އަހަރެންގެ ރުޅި އިތުރަށް ވަނީ ގަދަ." ޤާބީލު ބުންޏެވެ.

"ޒުވާބު ހުއްޓާލާ! ދެން ދޭ! ތިޔަ ދެބެންގެ ބައްޕަ ތިޔަ މައްސަލަ ހައްލު ކުރުމަށް ގޮތެއް ނިންމަވާނެ." ޙައްވާގެފާނު ވިދާޅުވިއެވެ.

*****

ލިޔޫޒާއާއި އިޤްލީމާ ކޯރުގެ ކިނާރީގައި ތިއްބަވައިގެން ވާހަކަ ދައްކަވަމުން ގެންދެވިއެވެ.

"ޤާބީލު ރުޅި އައިސްގެން އުޅޭން ޖެހޭ ސަބަބެއް ނުވިސްނޭ. ބައްޕަ އަންގަވާނީ ﷲ އެންގެވި އެއްޗެއް." ލިޔޫޒާ ވިދާޅުވިއެވެ.

"އަހަންނަކަށް ވެސް ނުވިސްނޭ. ޤާބީލަށް އެ ވަރު އެނގޭނެ. އެ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް އުއްމީދު ކުރަން." އިޤްލީމާ ވިދާޅުވިއެވެ.

"ބައްޕަ ޤާބީލާއި ހާބީލަށް އަމުރު ކުރެއްވީ ކޮން ކަމަކަށް؟" ލިޔޫޒާ ސުވާލު ކުރެއްވިއެވެ.

"ޤާބީލާއި ހާބީލަށް ކަމެއް އަމުރު ކުރެއްވީ ﷲ. ޤާބީލާއި ހާބީލާ ދެމީހުން ވެސް ﷲ އަށް ޤުރްބާނީއެއް ހުށަހެޅުއްވުމަށް އަމުރު ކުރެއްވީ." އިޤްލީމާ ވިދާޅުވިއެވެ.

"ދެން؟" ލިޔޫޒާ ސުވާލު ކުރެއްވިއެވެ.

"ދެން އުޑުން އަލިފާން ފައިބައި އެ ތަނުން ﷲ ޤަބޫލު ކުރެއްވި ޤުރްބާނީ ގެންދަވާނެ. އަލިފާން ނުހިފާނީ ޤަބޫލު ނުކުރެއްވި ޤުރްބާނީގައި." އިޤްލީމާ ވިދާޅުވިއެވެ.

*****

ޤާބީލާއި ހާބީލާ ދެބެން ޤުރްބާނީ ހިފައިގެން ފަރުބަދަ މައްޗަށް އަރަމުން ދިޔައެވެ.

"ރައްބީ. މިއަޅާއަށް ވާގިވެރިވެ ވޮޑި ގަންނަވާނދޭވެ! އިބަ އިލާހު ފިޔަވައި އެހެން އިލާހަކު ނުވެއެވެ." ހާބީލު ދުއާ ކުރައްވަމުން ގެންދެވިއެވެ. އަދިވެސް ވިދާޅުވަމުން ގެންދެވިއެވެ. "ރައްބީ. އިބަ އިލާހަށް ޝުކުރުވެރި ވުމުގައްޔާއި ކިޔަމަންތެރި ވުމުގައި މިއަޅާއަށް ވާގިވެރިވެ ވޮޑި ގަންނަވާނދޭވެ! އިބަ އިލާހު ފިޔަވައި އެހެން އިލާހަކު ނުވެއެވެ."

"އޭ ބޮޑު މޮޔަޔާ! ތިޔަ ސިއްހަތު ރަނގަޅު ފަލަ ކަންބަޅި ޤުރްބާނެއްގެ ގޮތުގައި ހުށަހަޅަނީ ކީއްވެ؟ އަދި ތިޔަ ބަރު އެތި ހިފައިގެން ފަރުބަދައަށް ތިޔަ އަރަނީ." ހާބީލުއާ ދިމާއަށް ޤާބީލު ބުންޏެވެ.

"އެމީހެއްގެ އަތުގައި ވާ އެންމެ ރަނގަޅު އެއްޗެއް ނޫނީ ޤުރްބާނެއްގެ ގޮތުގައި ﷲ އަށް ހުށަހަޅައިގެން ނުވާނެ." ހާބީލު ވިދާޅުވިއެވެ.

"ތި ހިފައިގެން ދަނިކޮށް ކަލޭ ހަލާކު ވެދާނެ. ކަލޭ ކައްސާލައިގެން ވެއްޓި މަރުވެދާނެ. އޭރުން އަހަރެންނަށް ހަމަޖެހުން ލިބޭނެ." ޤާބީލު ބުންޏެވެ.

"އަޚާ! ތިބާގެ ޤުރްބާން ކޮބާ؟" ޤާބީލަށް ރައްދު ދެއްވުމުގެ ބަދަލުގައި ހާބީލު ސުވާލު ކުރެއްވިއެވެ.

"ނުފެނޭތަ؟" ޤާބީލު ބުންޏެވެ.

"ތިޔައީ ހިކިފައި ހުރި ފަތްތަކެއް." ހާބީލު ވިދާޅުވިއެވެ.

"އަވަހަށް އަލިފާން ހިފާނީ މި ކަހަލަ އެއްޗެއްގައި. ކަލެއަށް ފެންނާނެ. ފަސޭހައިން އަލިފާން ހިފަނީ ކާކު ގެނައި އެއްޗެއްގައި ކަން." ޤާބީލު ޖަވާބު ދިނެވެ.

އެ ވަގުތުން މަތީން އައި އަލިފާނަކުން ހާބީލުގެ ޤުރްބާން ހުސްކޮށްލިއެވެ. ޤާބީލު ގެނައި ހިކި ފަތްތައް ހުރި ގޮތަށް ހުރީއެވެ.

"މަތިވެރި ޚާލިޤުގެ ހުސްޠާހިރުވަންތަ ކަމާ!" ހާބީލަށް ވިދާޅުވެވުނެވެ.

"ކިހިނެއް މިވީ؟ މީ ކޮން ކަންތައް ގަނޑެއް؟ އަލިފާން ހިފާން ޖެހޭ ކަމަށް ބުއްދި ގަބޫލު ކުރާ އެތީގައި އަލިފާން ނުހިފީ ކީއްވެ؟" ޤާބީލު ހަޅޭއްލަވަމުން ގެންދިޔައެވެ.

"ހުރިހާ ކަމަކަށް ކުޅަދުންވަންތަ ﷲ ކަމަކަށް އަމުރު ކުރެއްވުމުން، އަހަރެމެންގެ ނާގާބިލު ކޮށި ސިކުނޑި ބޭނުން ކުރުމުން ލިބޭނީ ގެއްލުން. އަހަރެމެންގެ މައްސަލައިގައި ﷲ ޙުކުމް ކުރައްވައިފި." ހާބީލު ވިދާޅުވިއެވެ.

"ކަލޭ ހީ ނުކުރާތި! ކަލެއަށް އަހަރެންގެ މައްޗަށް ނަސްރު ލިބުނީއޭ." ޤާބީލު ރުޅިވެރިކަމާ އެކު ހާބީލާ ދިމާއަށް ބުންޏެވެ.

"މިއީ އަހަންނަށް ލިބުނު ނަސްރެއް ނޫން. ހަމައެކަނި އަހަރެންގެ ޤުރްބާން ގަބޫލު ކުރައްވައި ތިބާގެ ޤުރްބާން ގަބޫލު ނުކުރެއްވީ. ދެން ވެސް ތައުބާ ވެ ﷲ ގެ ނަބިއްޔާގެ ބަސްފުޅުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓީމާ ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ." ހާބީލު މަޑުމައިތިރި ރާގެއްގައި ޤާބީލަށް ވިސްނައި ދެއްވޭތޯ މަސައްކަތް ކުރެއްވިއެވެ.

"އަހަރެން އަހަރެންގެ ގޮތެއް ދުލެއް ނުކުރާނަން. އަމާނެއް ނުދޭނަން. ނިކަމެތިވެ ނުގަންނާނަން. އަހަރެން ކަލޭ މަރާލާނަން." ޤާބީލު ހަޅޭއްލަވަމުން ގެންދިޔައެވެ.

"ތިބާއަށް ތިޔަ ބުނެވެނީ ކީކޭ ކަން އެނގޭތަ؟" ހާބީލު އެއްސެވިއެވެ.

"އާނ. މި ބުނީނު މަރައޭ ލާނީ." ޤާބީލު ހަޅޭއްލަވައިގަތެވެ.

"ހަމަކަށަވަރުން، އަހަރެން ގަތުލު ކުރުމަށްޓަކައި ތިބާގެ އަތް އަހަންނާ ދިމާޔަށް ދިއްކުރިއަސް، ތިބާ ގަތުލު ކުރުމަށްޓަކައި، އަހަރެންގެ އަތް ތިބާއާ ދިމާޔަށް ދިއްކުރާނޭ މީހަކު ކަމުގައި އަހަރެން ނުވަން. ހަމަކަށަވަރުން، އާލަމްތަކުގެވެރި اللَّه ދެކެ އަހަރެން ބިރުގަންނަން." ހާބީލު ވިދާޅުވިއެވެ.

"އަހަރެންގެ މަގުން ދުރަށް ދޭ!" ޤާބީލު ބުންޏެވެ. އަދި ހިނގައިގަތެވެ.

މި ހާދިސާގެ ވާހަކަ ޤުރްއާނުގެ މާއިދަތު ސޫރަތުގެ 27 ވަނަ އާޔަތުގައި އައިސްފައި ވަނީ މިހެންނެވެ. "آدم ގެފާނުގެ ދެދަރިކަލުންގެ خبر، حق ގޮތުގައި ކަލޭގެފާނު އެއުރެންނަށް ކިޔައިދެއްވާށެވެ! އެއީ، އެ ދެދަރިކަލުން قربان އެއް ކުރިމަތިކުރެއްވިހިނދުއެވެ. ފަހެ، އެ ދެދަރިކަލުންކުރެ އެއްދަރިކަލެއްގެ ކިބައިން قبول ކުރެއްވިއެވެ. އަނެއް ދަރިކަލުންގެ ކިބައިން قبول އެއް ނުކުރެއްވިއެވެ. އެ ދަރިކަލުން ވިދާޅުވިއެވެ. ތިމަން، ކަށަވަރުންވެސް ކަލޭ قتل ކުރާހުށީމެވެ. އަނެއް ދަރިކަލުން ވިދާޅުވިއެވެ. اللَّه قبول ކުރައްވާކަން ކަށަވަރީ تقوى ވެރިންގެ ކިބައިންނެވެ."

*****

ހަމަޖެހިފައި ވާ ގޮތުގެ މަތީން ހާބީލާއި އިޤްލީމާގެ ކައިވެނި ކުރެވިއްޖެއެވެ. އަދި އެ ދެ ކަނބަލުންނަށް ދަރިކަލަކު ވެސް ލިބިއްޖެއެވެ.

"މަންމާ! މި ތުއްތު ދަރިފުޅަށް ބަލާ ބަލަ!" މަންމާފުޅު ޙައްވާގެފާނަށް ގޮވައިލައްވަމުން ހާބީލު ވިދާޅުވިއެވެ.

"ކާފަ އަދި ﷲ ގެ ނަބިއްޔާ އާދަމުގެފާނާ ހާދަ ވައްތަރޭ! ގެނޭ އުރާލަން." ޙައްވާގެފާނު ވިދާޅުވިއެވެ.

"ބޭނުމެއް ނޫން މަންމައަށް ބުރައެއް ޖައްސާކަށް." އިޤްލީމާ ވިދާޅުވިއެވެ.

"ލޯބިވާ ދަރިފުޅާ ދެން ތިބާއަށް އިހްސާސް ކުރެވޭނެ ދަރީންނަށް ޓަކައި މައިން އުފުލާ ބުރަ." ދަރިކަނބަލުންނަށް މައިވަންތަކަމުގެ ލޯތްބާ އެކު ޙައްވާގެފާނު ވިދާޅުވިއެވެ.

"ﷲ އަހަރެމެންނަށް ޓަކައި ކަމަނާގެ އުމުރު ދިގު ކުރައްވައި ގިނަ ދުވަހު ކަމަނާ ދުނިޔޭގައި ލަހައްޓަވާށި!" އިޤްލީމާ ވިދާޅުވިއެވެ.

"ހަމައެކަނި ދިގު އުމުރަކީ ބޭނުން ހުރި އެއްޗެއްް ނޫން. ބަރަކާތާއި ހެޔޮ އަމަލުތައް މުހިންމީ. އުމުރު ދިގު ވުން ނުވަތަ ކުރު ވުން މުހިއްމެއް ނޫން. ދެން ދަނީ އިނގޭ!" ޙައްވާގެފާނު ވިދާޅުވިއެވެ.

"ވިހެއުމަށް ފަހު ކަމަނާ ގަދަވެ ސަލާމަތުން ލެހެއްޓެވި ﷲ އަށް ޙަމްދާއި ޝުކުރު ކުރަން." ހާބީލު އެކަލޭގެފާނުގެ އަނބިކަނބަލުންނާ ދިމާއަށް ބައްލަވާން ހުންނަވާފައި ވިދާޅުވިއެވެ.

"އަލްޙަމްދު ލި ﷲ." އިޤްލީމާ ވިދާޅުވިއެވެ.

"އަހަރެން މި ދަނީ ބައްޕާފުޅުގެ އަރިހުގައި ނަމާދު ކުރަން." ހާބީލު ވިދާޅުވިއެވެ.

*****

"ނަމާދު ކޮށްލެވުމުން ވަރަށް ބޮޑަށް ހިތްހަމަ ޖެހިއްޖެ. ގެޔަށް ދިއުމުގެ ކުރީން މިތަނުގައި އޮށޯވެ ކުޑަކޮށް އަރާމު ކޮށްލާނަން." ބިންމަތީގައި އޮށޯވެ ވަޑައިގަންނަވަމުން ހާބީލު ވިދާޅުވިއެވެ.

ހާބީލު އޮށޯވެވަޑައިގެން އޮތް ތަނަށް ޤާބީލަށް އާދެވުނެވެ. އަދި ޤާބީލުގެ ހިތުގައި ރޯވެފައިވާ ނަފްރަތުގެ ހުޅުގަނޑު އެ ވަގުތު އިތުރަށް ބޮޑުވެގެން ދިޔައެވެ. އަދި ހާބީލު އަރިހަށް ގޮސް ހިލަގަނޑަކުން ޖެހި ޖެހީނުން ޤާބީލު ހާބީލު ޝަހީދުކޮށްލައިފިއެވެ.

ޤާބީލު ހާބީލުގެ ހަށިކޮޅު ހިފައިގެން ވީހާ ވެސް ދުރަށް ދިއުމަށް ގަސްތު ކުރިއެވެ. މި ގޮތުން ގޮސް ޝާމު ކަރައިގެ ޒަބަދާނީ ވާދީ ކައިރީގައި، ދިމިޝްގުގެ ހުޅަނގު ބިތުގެ ފަރުބަދަތައް ކައިރީގައި ކާޅެއްގެ ތުނބުން ފަސްގަނޑު ކޮނެ މަރުވެފައި އޮތް ކާޅެއް ވަޅުލިތަން ފެނިގެން، ވަޅެއް ކޮނެ ހާބީލުގެ ހަށިކޮޅު ވަޅުލިއެވެ. މިއަދުވެސް ހާބީލުގެ މަޤްބަރާގެ ގޮތުގައި އެ ތަން މަޝްހޫރުވެގެންވެއެވެ.

މި ވާހަކަ ކީރިތި ޤުރްއާނުގެ މާއިދަތު ސޫރަތުގެ 28 ވަނަ އާޔަތުން ފެށިގެން 29 ވަނަ އާޔަތުގެ ނިޔަލަށް ވަނީ މި ފަދައިންނެވެ. "ހަމަކަށަވަރުން، ތިމަން قتل ކުރުމަށްޓަކައި ކަލޭގެ އަތް ތިމަންނަޔާ ދިމާޔަށް ދިއްކުރިއަސް، ކަލޭ قتل ކުރުމަށްޓަކައި، ތިމަންގެ އަތް ކަލެޔާ ދިމާޔަށް ދިއްކުރާނޭ މީހަކު ކަމުގައި ތިމަން ނުވަމެވެ. ހަމަކަށަވަރުން، عالم ތަކުގެވެރި اللَّه ދެކެ ތިމަން ބިރުގަންނަމެވެ. (28) ހަމަކަށަވަރުން، ތިމަން އެދެނީ ތިމަންގެ ފާފައާއި ކަލޭގެ ފާފައާއިގެން (اللَّه ގެ حضرة އަށް) ކަލޭ رجوع ވުމެވެ. އޭރުން ކަލޭވާހުށީ، ނަރަކައިގެ أهل ވެރިންގެ ތެރެއިންނެވެ. އެއީ އަނިޔާވެރިންގެ ޖަޒާއެވެ. (29) ދެން އޭނާގެ أخ އާ قتل ކުރުމަށް، އޭނާގެ نفس އޭނާޔަށް زينة ތެރިކޮށް ދައްކައި ފަހިކޮށްދިނެވެ. ދެން އޭނާ، އޭނާގެ أخ އާ قتل ކުޅައެވެ. ދެން އޭނާ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންވިއެވެ. (30) ދެން އޭނާގެ أخ އާގެ (ފުރާނަނެތް) މަސްގަނޑު ނިވާކުރާނީ ކޮންފަދަޔަކުންކަން އޭނާއަށް ދެއްކެވުމަށްޓަކައި، ބިން ހާވާނޭ ކާޅެއް اللَّه ފޮނުއްވިއެވެ. ދެން، އޭނާ ބުންޏެވެ. އޭ، އަހުރެންނަށް ހުރި ހިތާމަޔެއްގެ ބޮޑުކަމާއެވެ! އަހުރެންގެ أخ އާގެ މަސްގަނޑު ނިވާކުޅައުމަށް، މި ކާޅު ފަދައިންވުމަށްވެސް، އަހުރެން ނުކުޅެދިގެން ވީހެއްޔެވެ؟ ދެން، އޭނާ ހިތާމަކުރާ މީހުންގެ ތެރެއިންވިއެވެ. (31)"

*****

ހާބީލު އަވަހާރަވިކަން އެނގުމުން އާދަމުގެފާނުގެ އާއިލާއަށް ލިބިގެން ދިޔައީ ފުން ހިތާމައެކެވެ. އެއީ ދުނިޔޭގެ ބިންމަތީގައި މަރުވި ފުރަތަމަ އިންސާނާއެވެ. ހިތާމައިގައި ހަޅޭއްލެވުމާއި ހެދުން ވީދުމާއި އަމިއްލަ ހަށިގަނޑަށް އަނިޔާ ކުރުން އާދަމުގެފާނު އެކަލޭގެފާނުގެ އާއިލާގެ ބޭފުޅުންނަށް މަނާ ކުރެއްވިއެވެ.

"މިއަދު އަހަރެންގެ ދަރީންގެ ތެރެއިން ދެ ކުއްޖަކު އަހަންނަށް ގެއްލިއްޖެ. އެކަކުގެ ފުރާނަ ވަކިވެ ހަށިގަނޑު މަރުވުމުން. އަނެކަކުގެ ކިބައިން އިންސާނިއްޔަތުގެ ސިފަ ވަކިވެ ހިތް މަރުވުމުން. އޭ ދަރިފުޅާ ހާބީލު! މި ދުނިޔޭގައި ތިބާގެ ވަކިވެ ދިއުމުން ބަޔާން ކުރާން ނޭނގޭ ފަދަ ފަޅުކަމެއް އިހްސާސް ވާނެ. އަދި އޭ ޤާބީލު! އާޚިރަތް ދުވަހު ތިބާއަކާ ބައްދަލެއް ނުވާނެ. އޭ ޤާބީލު! ކަލޭގެ މައްޗަށް ހުރި ހިތާމައެއްގެ ބޮޑު ކަމާ! ރައްބަނާ! އަޅަމެންގެ ފާފަ ފުއްސަވާނދޭ! އަދި މިއަޅާއަށް ކެތްތެރިކަމާއި ހިތްވަރު ދެއްވައިފާނދޭ!" ޙައްވާގެފާނުގެ ލޯފުޅުން ކަރުނަ އޮހޮރެމުން ދިޔައެވެ. ދޫފުޅުން ހެޔޮ ބަސްފުޅެއް މެނުވީ ވިދާޅެއް ނުވެއެވެ.

*****

"އަހަރެމެންގެ މަންމަ ޙައްވާގެފާނުގެ އަޚްލާޤު ހާދަ މަތިވެރިއޭ. އެކަމަނާގެ ބަސްފުޅުތައް ހާދަ އަސަރުގަދައޭ." ގާޒީ ޞަފިއްޔުއްދީނުގެ ދަރިކަނބަލުން ސަލްމާ އޭނާގެ ބައްޕައާ މުޚާޠަބުކޮށް ބުންޏެވެ.

"އާނ. ދަރިފުޅާ! އާދަމުގެފާނު އަވަހާރަ ވަން ދެން ވެސް އަދި އޭގެ ފަހުން ވެސް ހައްވާގެފާނުގެ އުޅުއްވުމަކީ ލާމަސީލު މިސާލެއް. އެކަމަނާ އަވަހާރަވެ ފަސްދާނު ލެވިފައިވަނީ ޙިޖާޒު ކަރައިގެ ޖިއްދާގައި. މިއަދުވެސް އެކަމަނާގެ މަޤްބަރާގެ ގޮތުގައި މަޝްހޫރު ވެގެންވާ މަޤްބަރާއެއް އެ ރަށުގައި އެބަ ހުރި." ގާޒީ ޞަފިއްދީން ވިދާޅުވިއެވެ.