06 May 2019, 17:58
ފާފަތަކުގެ ސަބަބުން ދުއާ އިޖާބަކުރެއްވުން ލަސްވެގެންދާކަމަށްޓަކައި، ދުއާކުރާ ކޮންމެ މީހަކުމެ ދުއާ އިޖާބާކުރައްވުމުގެ ސަބަބުތަކުގައި ހިފައި، އޭނާގެ ނަފްސު ފާފައިން އެއްކިބާކޮށް ސަލާމަތްކުރަންޖެހެއެވެ.
ރޯދައަކީ ފާފަފުއްސެވުމުގެ ސަބަބެއް ކަމުގައި ވީހިނދު ރޯދަވެރިޔާގެ ދުއާ އިޖާބަކުރެއްވުންވެސް އަވަސްވެގެންވެއެވެ. އައްޞަޙީޙައިންގައި އަބޫ ހުރައިރާرضياللهعنهގެ އަރިހުން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާصلىاللهعليهوسلمޙަދީޘްކުރެއްވިއެވެ. "مَنْصَامَرَمَضَانَإِيمَانًاوَاحْتِسَابًاغُفِرَلَهُمَاتَقَدَّمَمِنْذَنْبِهِ"މާނައީ: "އީމާންވެހުރެ ދަރުމައަށްއެދިގެން ރަމަޟާންމަހުގެ ރޯދަ ހިފައިފި މީހާގެ އިސްވެދިޔަހައި ފާފައެއް ފުއްސަވައިދެއްވާނެތެވެ."
ރޯދައިގެ އަޅުކަމަކީ ދުއާ އިޖާބަކުރެއްވުމުގެ ސަބަބުތަކުގެ ތެރެއިން ހިމެނޭ މަތިވެރި އަޅުކަމެކެވެ.
ޙަދީޘްފުޅެއްގައިވެއެވެ. ތިންމީހެއްގެ ދުއާ ރައްދުކުރެއްވިގެން ނުވެއެވެ– އޭގެ ތެރޭގައި ރޯދަވެރިޔާ ރޯދަވީއްލުމަށް ދާންދެން ކުރާ ދުއާ ހިމެނެއެވެ. (މިޙަދީޘް ރިވާކުރެއްވީ އައްތިރުމިޛީ އިބްނު މާޖާ އިމާމު އަޙްމަދު އަދި އިބްނު ޚުޒައިމާއެވެ.)
ކޮންމެ އަޅުކަމެއް ނިމުމާ ވިދިގެން ދުއާ ކުރުމަކީ ޝަރުޢުވެގެންވާ ކަމެކެވެ. ނަމާދު ނިމިގެން ދުއާކުރުމާއި، ރޯދަވެރިޔާ ރޯދަވީއްލާހިނދު ދުއާކުރުމާއި، ޙައްޖުގެ މަނާސިކުތައް އަދާކުރުމާއެކު ދުއާކުރުމަކީ ސުންނަތުން ސާބިތުވާ ކަންކަމެވެ.
ރޯދަވެރިޔާގެ ދުއާ އިޖާބަ ކުރެއްވުމުގައިވާ ޙިކުމަތްތަކުގެ ތެރޭގައި؛
އެކެއް:ރޯދަވެރިޔާ އެހުރީ ފަރުޟު އަޅުކަމެއްގެ ތެރޭގައެވެ. ފަރުޟު އަޅުކަމަކުން ﷲ އަށް ކުއްތަންވުމަކީ އެކަލާނގެ އެންމެ ލޯބިވެވޮޑިގެންވާ ގޮތެވެ. އަލްއިމާމުލް ބުޚާރީ ރިވާކުރައްވާފައިވާ ޤުދުސީ ޙަދީޘްފުޅެއްގައިވެއެވެ. "وَمَاتَقَرَّبَإِلَيَّعَبْدِيبِشَيْءٍأَحَبَّإِلَيَّمِمَّاافْتَرَضْتُعَلَيْهِ"މާނައި: "ތިމަންރަސްކަލާނގެ އަޅާ ތިމަންރަސްކަލާނގެއާ ކުއްތަންވުމަށް ކުރާ ކަންތައްތަކުގެ ތެރެއިން ތިމަންރަސްކަލާނގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ކަމަކީ އޭނާގެ މައްޗަށް ތިމަންރަސްކަލާނގެ ފަރުޟުކުރެއްވި ކަންކަމެވެ."
ދޭއް:މަސައްކަތެއް ކުރާ މީހާގެ ފުރިހަމަ އުޖޫރަ ދެވެނީ އޭނާގެ މަސައްކަތް ނިމުމުންނެވެ. އިރުއޮއްސުމުން ރޯދަވެރިޔާ ރޯދަވީއްލާހިނދު އޭނާގެ އެދުވަހުގެ ރޯދައިގެ އަޅުކަން ނިމުނީއެވެ. އެހެންކަމުން ރޯދަ ވީއްލާގަޑިއަކީ ދުއާ އިޖާބަކުރެއްވޭ ވަގުތެކެވެ.
ތިނެއް:ރޯދައިގެ ސަބަބުން ޝައިޠާނާގެ މަގުތައް ހަނިވެގެންދެއެވެ. އިންސާނާގެ ހަށިގަނޑުގައި ލޭހިނގާފަދައިން ޝައިޠާނާ އެހަށިގަނޑަށް ބާރުފޯރުވާކަމުގައި ރިވާވެގެންވެއެވެ. ވީމާ، ރޯދަވެރިޔާއަށް ޝައިޠާނާގެ ކިބައިން ލިބޭ ރައްކާތެރިކަން އިތުރުވެގެންވެއެވެ. އިޚްލާޞްތެރިކަން އިތުރުކޮށްދެއެވެ. ހަމައެޔާއެކު އޭނާގެ ދުއާ އިޖާބަވުންވެސް އަވަސްވެގެން ދެއެވެ.
އަލްއިމާމު އިބްނު ތައިމިއްޔާ ރަޙިމަހު ﷲ ވިދާޅުވެފައިވެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާވަނީ ދުއާ ކުރުމަށް އަމުރު ކުރައްވައި، ދުއާ ކުރާ މީހާއާ އެލާހު ކުއްތަންވެ ގާތްވެގެންވާކަމާއި، ދުއާކުރާ މީހާގެ ދުއާ އިޖާބަކުރެއްވުމުގައި ވޮޑިގެންވާކަމަށް އަންގަވާފައެވެ. ދުއާ ކުރުމަށް ކުރެއްވި އަމުރާ ވިދިގެން ދެ އަމުރެއް ކުރައްވާފައިވެއެވެ.
އެއީ
އެކެއް:
އެއިލާހު ކުރެއްވި އަމުރުފުޅުތަކަށް ކިޔަމަންގަނެ، އެއިލާހުގެ ޙަޟުރަތުން ވާގިހޯދަމަށެވެ.- ދޭއް:އެއިލާހުގެ ރުބޫބިއްޔަތަށާއި އުލޫހިއްޔަތަށް އީމާންވެހުރެ ދުއާކުރުމެވެ. އެބަހީ؛ މީސްތަކުން ހައްދަވައި، އެބައިމީހުންގެ ހުރިހާ ކަމެއް ބަލަހަށްޓަވާ ފަރާތަކީ އެއިލާހުކަމާއި، އަދި އެއިލާހު ފިޔަވައި އަޅުކަން ޙައްޤުވެގެންވާ އެއްވެސް ފަރާތެއް ނުވާކަން ކަށަވަރުކޮށް އެއިލާހަށް އަޅުކަން ކުރުމެވެ.
ރޯދަވެރިޔާ އޭނާ ރޯދައަށް ހުންނަ ވަގުތުގައާއި، އޭނާ ރޯދަ ވީއްލާ ވަގުތު ދުއާ ކުރުންމަތީ ދެމެހުރެވޭތޯ މަސައްކަތް ކުރަންވާނެވެ. އަދި އެފަދަ މާތް ވަގުތުތަކެއް ބޭކާރުވެގެންދިޔަ ނުދީ އެވަގުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފަންވާނެވެ. ޚުޝޫޢަތްތެރިކަމާއެކު ދުއާގެ މާނައަށްވިސްނައިގެން ދުއާކުރުމީ އެއްމެ މޮޅުއިރުވެގެންވާ ގޮތެވެ. އެންމެ މޮޅު އިތުރުވެގެންވަނީ ކީރިތި ޤުރްއާނާއި ރަސޫލާصلىاللهعليهوسلمގެ ސުންނަތުން ވާރިދުވެފައިވާ ދުއާތައް ކުރުމެވެ. އަދި ތިމާގެ އަމިއްލަ ބަހުން، ތިމާ ބޭނުން ކޮންމެ ކަމަކަށް އެދި ދުއާކުރުމަކީވެސް ޖާއިޒުކަމެކެވެ.
ދުއާ ކުރުމުގެ އަދަބުތަކުގެ ތެރޭގައި، މާތް ﷲ އަށް އިޚުލާޞްތެރިވުމާއި، ދުއާ ކުރަން ފެށުމުގައި މާތް ﷲ އަށް ޙަމްދުކޮށް، މާތް ނަބިއްޔާއަށް ޞަލަވާތްލެއްވުން އެދި ދުއާ ކުރުމާއި، ދުއާ އިޖާބަކުރައްވާނޭކަމުގެ ޔަޤީންކަން ހިތުތެރޭގައި އޮތުމާއި، ދުއާ އިޖާބަ ނުކުރެއްވި ލަސްވެގެން ނޫޅުމާއި، އެއްވެސް މީހަކަށް ބަދު ދުއާއެއް ނުކުރުން ހިމެނެއެވެ.
ރޯދަވެރިޔާ ދުއާކުރުން އެންމެ މޮޅުއިތުރުވެގެންވާ އެއް ވަގުތަކީ ރޯދަވީލާ ވަގުތެވެ. އެއީ ރޯދަ ވީއްލުމުގެ ކުރީން އޮންނަ ވަގުތާއި ރޯދަވީލާ ހިދެވެ. ރޯދަ ވީއްލާ ވަގުތު ކިޔުން ސުންނަތްވެގެންވާ ދުއާއެއްވެއެވެ. ޢަބްދު ﷲ ބުނު ޢުމަރުرضياللهعنهماގެ އަރިހުން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާصلىاللهعليهوسلمރޯދަ ވީއްލަވާހިނދު މިދުއާ ކިޔުއްވައެވެ.«ذَهَبَالظَّمَأُوَابْتَلَّتِالْعُرُوقُ،وَثَبَتَالْأَجْرُإِنْشَاءَاللَّهُ»رواهأبوداودމާޏައީ: "ކަރުހިއްކުން ފިލައިފިއެވެ. ނާރުތައް ތެމިއްޖެއެވެ. މާތް ﷲ އިރާދަކުރެއްވިއްޔާ ރޯދައިގެ ދަރުމަ ސާބިތުވެއްޖެއެވެ."
މިފަދަ މަތިވެރި މައްސަރަކާއި ބައްދަލުކުރެއްވުމުގެ ހެޔޮ ތައުފީޤު ދެއްވިކަމައްޓަކައި މާތް ﷲ އަށް ޙަމްދުކުރާށެވެ. އަދި މި ރަނުގެ ފުރުސަތު ނަގާ ނުލާށެވެ. ދުއާކުރުމާއި ހެޔޮ ޢަމަލުކުރުމުގައި ގަދައަޅައި މަސައްކަތް ކުރާށެވެ.