އަހަރުގެ އެހެން މަސްތަކާ ހިލާފަށް ގިނަ މަސްވެރިން ވެސް ދޯނި އެހެލުމަށް ފަހު އަރާމުކޮށްލާ މަހެއްގެ ގޮތުގައި ރޯދަމަސް އޮންނަނީ ހަދައިފަ އެވެ. އެހެން ކަމުން މަސްވެރިންކަން ކުރާ މީހުން މަދުވުމުން މަހުގެ އަގު އުފުލުމަކީ ކޮންމެ އަހަރަކު ވެސް ދިމާވާ ކަމެކެވެ.

އެހެން ނަމަވެސް ރޯދަ މަހުގެ ފުރަތަމަ ދުވަސް ފެނިގެން ދިޔައީ މަސް މާރުކޭޓުގައި މަސް ތިޔާގި ދުވަހެއްގެ ގޮތުގަ އެވެ. މުޅި މާރުކޭޓް އޮތީ ކަނޑު މަހާއި ފަރުމަހުން ފުރާލާފަ އެވެ.

"މިއަދު މިހެން މަސް ލިބެން ހުރި ނަމަވެސް ރޯދަ މަސް ފެށިގެން ކުރިއަށްދާ ވަރަށް މަސް މަދުވާނެ ކަމަށް ބެލެވެނީ. އެއީ ހޫނު ގަދަ ދުވަސްވަރަކަށް ވުމުން މަހަށް ދާ މީހުން މަދުވެދާނެ،" މާރުކޭޓުގައި މަސްވިއްކަން ހުރި މީހަކު ބުންޏެވެ.

ކަނޑުމަހުގެ ގޮތުގައި ހުރި ލައްޓި ރާގޮނޑި ކަންނެލި ހުރީ 30 ރުފިޔާ އާއި 45 ރުފިޔާއާ ދެމެދު އެވެ. ގޮދާ ކިލޯއެއް ހުރީ 50 ރުފިޔާ އަށެވެ.

މަސް މާރުކޭޓް: މާރުކޭޓުގައި ކަނޑުމަސް އަދި ފަރުމަސް ވެސް ވަރަށް ތިޔާގި -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސްމާމ

ރޯދަ މަހު ގިނަ ގޭގޭގައި މަސް ފިހާއިރު، ފަރު މަސް ވެސް މާރުކޭޓްގައި ވަރަށް ތިޔާގި އެވެ. ކަނޑުމަހާއި ހިލާފަށް ފަރުމަސް ވިއްކަނީ ކިލޯ ކިރައިގެނެއް ނޫނެވެ.

އެގޮތުން ހެޔޮވަރުވަރެއްގެ ތިން ރިތް މަސް އަދި މުށިމަސް ވެސް ލިބެން ހުރީ 20 ރުފިޔާ އަށެވެ. މާނިޔަ މަސް ހުރީ 60 އާއި 100 ރުފިޔާއާ ދެމެދުގަ އެވެ. ތަވާ ތެރޭގައި ފިހެލާވަރުގެ ގިނި މަސް ހުރީ 30 ހާއި 50 ރުފިޔާއާ ދެމެދު އެވެ. މާރުކޭޓުގައި ރަތް މަސް މެދެވެ. ކުދި ރަތް މެސް ނެތް އިރު ބޮޑެތި ރަތް މަސް ހުރީ 150 އާއި 200 ރުފިޔާއާ ދެމެދު އެވެ.

ރޯދަ މަހަގެ ފުރަތަމަ ދުވަހު މަހުގެ އަގުތަކަށް ބަދަލެއް އައިސްފައި ނުވާ އިރު އެއް ވަރެއްގައި މަހުގެ އަގުތައް މުޅި ރޯދަ މަހު ހިފަހައްޓާލެވޭނެ ކަމަށް ބެލެވޭ ކަމަށް މަސްވެރިން ބުނެ އެވެ. އެހެން ނަމަވެސް މަސް ލިބޭ ވަރު މަދުވެއްޖެ ނަމަ އަގު އުފުލިގެން ދިޔުމަކީ ވެސް ބިރެކެވެ. އެކަމަކު މިފަހަރު ރޯދަ މަސް މި ދިމާވީ މަސްވެރިކަން ރަނގަޅު މޫސުމަކާ އެވެ.