ވޮޝިންޓަން (މޭ 6): އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދިން ހަމަލާތައް ދިފާއު ކުރައްވައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަ ދައްކަވައިފި އެވެ.

އިޒްރޭލުން ޣައްޒާއަށް ހަމަލާދީ ފަލަސްތީނުގެ އާންމުންގެ 14 މީހުން ޝަހީދުކޮށް އެތަށް ބަޔަކު ޒަޚަމްކޮށްލި ޖަރީމާތަކާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ޓްރަމްޕް ވިދާޅުވީ އިސްރާއީލަށް އަމިއްލަ ނަފްސު ދިފާއު ކުރުމުގެ ހައްގު ލިބިގެންވާކަމަށެވެ. އަދި އިސްރާއީލުން ޣައްޒާއަށް ދިން ހުރިހާ ހަމަލާތަކަށް ފުރިހަމަޔަށް ތާއީދު ކުރައްވާ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.

އިސްރާއީލުން ޝަހީދުކޮށްލި ފަލަސްތީނުގެ ތުއްތު ކުއްޖެއް ކަފުން ކޮށްފާފަލަސްތީނުގެ މިނިވަންކަމަށްޓަކައި އިޒްރޭލާ ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން ކުރާ ޖިހާދަށް އިޝާރާތް ކުރައްވައި ޓްރަމްޕް ވިދާޅުވީ އެއީ ޓެރަރިޒަމްގެ އަމަލުތަކެއް ކަމަށެވެ. އެފަދަ އަމަލުތަކުން ފަލަސްތީނު ރައްޔިތުން މަރުވެ އެމީހުންނަށް ހިތާމައާއި ހިއްދަތިކަމާއި ވޭންތައް ނޫނީ ނުލިބޭނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. ފަލަސްތީނަށް އަމާންކަން ލިބެނީ، މިނިވަންކަމުގެ ހަރަކާތްތައް ދޫކޮށް އިސްރާއީލަށް ރައްކާތެރިކަން ލިބޭގޮތަށް އެމެރިކާ ހުށަހަޅާ ސުލްހަ ގަބޫލުކޮށްގެން ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެނޫންގޮތަކަށް ފަލަސްތީނު ރައްޔިތުންގެ ފުރާނަވެސް ސަލާމަތް ނުކުރެވޭނެކަން ޓްރަމްޕްވަނީ ފަލަސްތީނު ރައްޔިތުންނަށް ހަނދާންކޮށްދެއްވާފަ އެވެ.

އިސްރާއީލުން ޣައްޒާއަށް ދިން އުދުވާނުގައި މައިގަނޑު ގޮތެއްގައި ހަމަލާތައް ދީފައިވަނީ ފަލަސްތީނުގެ އާންމުންގެ ގެދޮރަށާއި އެޕާޓްމަންޓް އިމާރާތްތަކަށެވެ. އަދި އެހަމަލާތަކުގައި ޝަހީދުކޮށްލާފައިވަނީވެސް ފަލަސްތީނުގެ އާންމުންނެވެ. މީގެތެރޭގައި މާބަނޑު އަންހެނާއި ތުއްތު ދެކުދިން ހިމެނެ އެވެ.

އެމެރިކާގެ އިތުރުން އިޒްރޭލުގެ އަނިޔާވެރިކަމާއި ލާއިންސާނީ އަމަލުތަކަށް ވާގިވެރިވާ ޔޫރަޕްގެ ގައުމުތަކުންވެސް ވަނީ އިސްރާއީލުގެ އުދުވާން ދިފާއުކޮށްފަ އެވެ. ޔޫރަޕްގެ އިއްތިހާދުގެ ހާރިޖީ ކަންކަމާ ބެހޭ ވެރިޔާ ފްރެޑްރިކާ މޮގިރީނީވެސްވަނީ އިޒްރޭލުގެ އަމިއްލަ ނަފްސުގެ ދިފާއުގައި ޣައްޒާއަށް ހަމަލާ ދިނުމުގެ ހައްގު ލިބިގެންވާ ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް އިސްރާއީލުގެ އިސްތިއްމާރުން ސަލާމަތްވުމަށްޓަކައި އިޒްރޭލާ ދެކޮޅަށް މިނިވަންކަމުގެ ޖިހާދު ކުރުމުގެ ހައްގު ފަލަސްތީނަށް ލިބިގެންވާކަން ގަބޫލުކުރުމަށް އެމެރިކާއާއި ޔޫރަޕްގެ ލީޑަރުން އަބަދުވެސް ދެކޮޅު ހައްދަވަ އެވެ.

އިސްރާއީލުން ފަލަސްތީނުގެ 14 މީހުން ޝަހީދުކޮށްލިއިރު ފަލަސްތީނުން ދިން ރައްދު ހަމަލާތަކުގައި އިސްރާއީލުގެ ހަތަރު މީހުންވެސްވަނީ މަރުވެފަ އެވެ. ފަލަސްތީނުގެ ރައްދު ހަމަލާތައް ހުއްޓުވުމަށް ނުކުޅެދި، އިޒްރޭލު މީހުން ވެސް މަރުވާން ފެށުމުން އެ ގައުމުން ވަނީ ހަމަލާތައް ހުއްޓާލުމަށް ރޭގެ ވަގުތެއްގައި އެއްބަސްވެފަ އެވެ. ހަމަލާތައް ހުއްޓުވުމަށް ފަލަސްތީނުގެ ޖަމާއަތްތަކާއި އިޒްރޭލާ ދެމެދު މެދުވެރިވެރިއެއްގެ ބައި އަދާކުރީ މިސްރުންނެވެ. ހަމަލާތައް ހުއްޓާލިކަން ރަސްމީކޮށް އިއުލާން ކުރުމަށްފަހު ޣައްޒާއަށް ހިމޭންކަން އައިސްފައިވާ ކަމަށް މުރާސިލުން ބުނެ އެވެ. -- (ނޫސްއެޖެންސީތައް)