ތަފާތު އިނގިރޭސި ބަސްތަކަށް ސީދާ އަމާޒުކޮށް ދިވެހި ލަފުޒުތައް ހަދަމުން ދާތީ، ދިވެހިބަހުގެ އެކެޑަމީއަށް އާންމުންގެ ފާޑުކިޔުންތައް އަބަދުވެސް ރައްދުވެ އެވެ.

ސޯޝަލް މީޑިއާއަށް މީސްމީޑިއާ، ޑްރެގަންފްރުޓަށް "ޕިތާޔާ"، ވިސްލްބްލޯވިންގްއަށް "ފާށާކުރުން" އަދި ބްރިޖަށް "ދާލަން" ފަދަ، ބަސް ތަކަކީ، ފުރަތަމަ ފަހަރަށް އަޑުއަހާލަން އަދި އާންމުކޮށް ބޭނުންކުރުމަށް އުނދަގޫ ބަސްތަކަކަށް އޮންނަނީ ވެފަ އެވެ.

"އާރތު އަވާ" ފަދަ ބްރޭންޑް ނަންތައް ބަހުން ބަހަށް ތަރުޖަމާކޮށް، "ބިން ގަޑި"އޭ ކިޔައި އެކެޑަމީން ޕޯސްޓަރު ޖެހުމުން އެކަޑަމީއަށް ރައްދުވީ މަލާމާތެވެ.

މިފަދަ ކޮންމެ ލަފުޒެއް، އެކެޑަމީން އުފައްދައި އާންމުކުރުމާއެކު އާންމުން އެންމެ ބޮޑަށް ކިޔާ ފާޑުކިޔުމަކީ، ކޮންމެ އިނގިރޭސި ލަފުޒަކަށް ދިވެހި ލަފުޒެއް ހަދާ އިރު "އެކެޑަމީ"އަށް ދިވެހި ބަހެއް ނެތީމަ އެވެ.

މި އިދާރާއެއް އުފެއްދިތާ މިއަހަރު އަށް އަހަރު ފުރޭ އިރު، އެކެޑަމީއަށް "އެކެޑަމީ"ގެ ހަމަލާ ރައްދު ނުވާ ދުވަހެއް މަދެވެ.

ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީ އެ ފާޑު ކިޔުންތަކަށް ރައްދު ދެއްވަނީ، "އެކެޑަމީ" މި ބަހަކީ ގްރީކް ބަހުން އިނގިރޭސިބަހަށް ގެނެސްފައި އޮތް ބަހެއް ނުވަތަ "ލޯނު ލަފުޒެއް" ކަމަށް ވިދާޅުވެ އެވެ. އެ ލަފުޒު ފަހުން ދިވެހި ބަހަށް ވެސް ބަލައިގަތީ އެވެ.

"ހުރޭ ލޯނު ލަފުޒުގެ ގޮތުގައި އެތައް ޒަމާނެއް ވަންދެން އާންމުވެފައި. އެ ލަފުޒުތައް ބަލައިގަންނާނެ ދިވެހި ލަފުޒުގެ ގޮތުގައި. އެ ލަފުޒެއް ބަހުގެ އަޑުތަކަށް ފެތުނީމާ ވާނީ ލޯނު ލަފުޒެއްގެ ގޮތަށް،" އަޝްރަފް ވިދާޅުވި އެވެ.

ލޯނު ލަފުޒުގެ ގޮތުގައި ބޭރުގެ ބަސްތައް ބަލައިގަތުމަކީ އާ ލަފުޒު ހެދުމުގައި ދިވެހިބަހުގެ އެކެޑަމީން ގެންގުޅޭ 20 އުސޫލުގެ ތެރެއިން އުސޫލެކެވެ.

އެފަދައިން އެކެޑަމީވެސް ވީ ލޯނު ލަފުޒަކަށެވެ. އަޝްރަފް ވިދާޅުވީ ދިވެހިބަހުގެ އެކެޑަމީ އުފެއްދި އިރުވެސް، "އެކެޑަމީ" އެ ބަސް އޮތީ ދިވެހިބަހުގައި އާންމުވެ، ދިވެހި ލަފުޒެއްގެ ގޮތުގައި އެންމެން ބަލައިގެންފަ އެވެ.

އެހެންކަމުން، ލެޓިން އަކުރުން ދިވެހި ލިޔާއިރު ބޭނުންކުރަމުން ދިޔައީ އެކެޑަމީގެ އިނގިރޭސިބަހުން ލިޔާ a-c-a-d-e-m-y ގެ ބަދަލުގައި، e-k-e-d-a-m-e-e އެވެ.

އެންމެ ފަހުން ދިވެހިބަހުގެ އެކެޑަމީން މިދިޔަ ހުކުރު ދުވަހު ވަނީ، އެކެޑަމީއަށް ކިޔާނެ އާ ދިވެހި ލަފުޒެއް އުފައްދައި، އެކަން އާންމުކޮށްފަ އެވެ. މި ބަސް އާންމުކުރީ މިދިޔަ ހުކުރު ދުވަހު، އެކެޑަމީގެ ސޯޝަލް މީޑިއާ މެދުވެރިކޮށެވެ.

އެ ބަހަކީ "ވިދާރާ"އެވެ. މި ލަފުޒު ހަދާފައިވަނީ އާ ލަފުޒު ހެދުމުގެ އުސޫލުގައި ހިމެނޭ "ދިވެހި އަޑު ތައްގަނޑުގެ ހުސް ޖާގައަކަށް ލަފުޒު ހެދުމު"ގެ އުސޫލުންނެވެ. "ވިދާރާ" މި ބަސް އުފެއްދީ، "އިދާރާ" މި ލަފުޒު އަސްލަކަށް ބަލައިގެން ކަމަށް އެކެޑަމީއިން ބުނެ އެވެ.

މި ލަފުޒަށް ތިން މާނައެއް ކަނޑައަޅާފައި ވެއެވެ. އެއީ:

  1. ވަކި ހާއްސަ ދާއިރާއަކުން ނުވަތަ ރޮނގަކުން އިލްމީ ދިރާސާތައް ކުރުމާއި އިލްމު ތަރައްގީކުރުމުގެ މަސައްކަތްކުރުމަށް އުފައްދާފައިވާ މުއައްސަސާ.

  2. ހާއްސަ ރޮނގަކުން ކިޔަވައިދޭ ނުވަތަ ތަމްރީނުދޭ ތަނެއް.
  3. އެކެޑަމީ.

އަޝްރަފް ވިދާޅުވީ އެކެޑަމީއަށް "ވިދާރާ" މި ލަފުޒު ހެދީ ވަރަށް ގިނަ ދުވަހުގެ މަޝްވަރާތަކާއި، ދިރާސާތަކާއި މަސައްކަތްތަކަކަށްފަހުއެވެ.

ނަމަވެސް ލޯނު ލަފުޒެއްގެ ގޮތުގައި "އެކެޑަމީ" ދިވެހިކޮށްފައި އޮތް އިރު ވެސް، އާ ބަހެއް އުފެއްދުމަކީ ކޮންމެހެންވެސް ކުރަންޖެހިފައި އޮތް ކަމެއްތޯ ކުރާ ސުވާލު މި ވަނީ އުފަންވެފަ އެވެ.

"ދިވެހީންނަކީ ވަރަށް ތަފާތު ބައެއް. އެކެޑަމީ އަޅުގަނޑުމެން ގާތު ސުވާލުކުރަނީ ކީއްވެހޭ އެކެޑަމީ ކިޔަނީ. އަޅުގަނޑަށް ވިސްނޭ ގޮތުގައި ދިވެހީންނަށް ދިވެހި ބަހާ ގުޅިގެން ލޯނު ލަފުޒެއް، ދިވެހި ލަފުޒެއްގެ ގޮތުގައި ބަލައިގަންނަން އުނދަގޫވަނީ. އެހެންވެ އާ ލަފުޒެއް އުފައްދަންޖެހޭ ކަމަށް ވިސްނުނީ،" ބަހުގެ އެކެޑަމީގެ ރައީސް ވިދާޅުވި އެވެ.

ނަމަވެސް މި ބަސް އުފެއްދީ ސީދާ ދިވެހިބަހުގެ އެކެޑަމީގެ ނަން ބަދަލުކުރުމަށް އަމާޒުކޮށްގެން ނޫންކަމަށް އަޝްރަފް ވިދާޅުވި އެވެ.

"ދިވެހިބަހުގެ އެކެޑަމީއަށް ވަކި ލަފުޒެއް ހެދީކީ ނޫން އިނގޭތޯ. ގްރީކް ބަހުން އިނގިރޭސިއަށް އައިސްފައި އޮތް 'އެކެޑަމީ' މި ބަހަށް ލަފުޒެއް ހެދީ،" އަޝްރަފް ވިދާޅުވި އެވެ.

އެނާ އެދެނީ އާންމުކޮށް އަދި ރަސްމީކޮށް ވާހަކަދެއްކުމުގައި ވެސް އެކެޑަމީގެ ބަދަލުގައި "ވިދާރާ" އެ ލަފްޒު ބޭނުން ކުރުމަށެވެ.

ދިވެހިބަހުގެ އެކެޑަމީގެ ނަމުގައި އޮންނަ "އެކެޑަމީ"، "ވިދާރާ"އަށް ބަދަލުކުރެވޭނީ ދިވެހިބަހުގެ އެކެޑަމީ އުފެދުމުގެ އަސްލު ކަމުގައިވާ، ދިވެހިރާއްޖޭގެ ގައުމީ ބަހަށް އިސްކަންދިނުމުގެ ގާނޫނަށް ބަދަލު ގެނެސްގެން ކަމަށް އެކެޑަމީގެ ރައީސް ވިދާޅުވި އެވެ. އެކެޑަމީއަށް ބަހެއް އަދި އުފެއްދިޔަސް އެއީ މިވަގުތަށް އަވަސް އަރުވާލައިގެން ކުރަން ޖެހޭ ކަމެއް ކަމަށް އަޝްރަފު ގަބޫލެއް ނުކުރައްވަ އެވެ.

އެހެންވީމާ، އެކެޑަމީގެ ބަދަލުގައި ސީދާ ދިވެހި ލަފްޒެއް މި އޮތީ ލިބިފަ އެވެ. ފާޑުކިޔުންތަކަށް އެކެޑަމީއިން ރައްދު ދިނީ، "ވިދާރާ" މި ލަފްޒް އުފައްދައިގެން އެވެ.