މީހުންގެ ތަޖުރިބާގައި ވަރަށް ތަފާތުކަންކަން ހުރެއެވެ. ދަތުރުފަތުރުގައި ދިމާވާ އެކި ގައުމުގެ މީހުނާ އެކު ވާހަކަ ދައްކާ އަނގަމަޖާ ކޮށްލުމަކީ ކުރާހިތުން ކުރެވޭ ކަމެކެވެ. އެއްފަހަރަކު އިންޑޮނޭޝިއާގެ ޖޮގުޖާކާޓާއަށް ކުރިދަތުރެއްގައި ދިމާވި އަހަންނާ ދާދި އެއްއުމުރުގެ މީހަކު ކިޔައިދިން އޭނާގެ އަމިއްލަ މިތަޖުރިބާ ފާހަގަކޮށްލެވެއެވެ.

އޭނާ ކިޔައިދިނެވެ.

"މަށަކީ އާއިލީ ގޮތުން ވެސް ޖަލުބަލަހައްޓާ މީޙަކީމެވެ.

މަގޭ މުނުކާފައަކީ ވެސް އެކާފަގެ މަރުދުވަހަށް ވެސް ޖަލުތަކުގެ އިސް އޮފިސަރެކެވެ. ކާފަ އާއި ބައްޕަ ވެސް ޖަލުތަކުގެ ބަނޑޭރި ކަމުގައި އުމުރުގެ ބޮޑުބައެއް ހޭދަކުރިއެވެ. އަހަންނަކީ މިއަދު ޖަލުބަލަހައްޓާއެއްގެ ގޮތުގައި ހަތް ވަނަ އަހަރު ގުނަމުންގެންދާ މީހަކީމެވެ. ވަރަށް ތަފާތު އެކިކަންކަމާ ދިމާވެ އެފަދަ ވާހަކަތައް އަމިއްލަ ޑައިރީގައި ލިއެފައި ވެސް ހުންނާނެ އެވެ.

ހައިރާންވެ ވިސްނާލެވުނު އެއްކަމަކީ ޖަލަށްގެނައި ދެ އަންހެނެއްގެ ފުށުން ފެނި އިހުސާސް ކުރެވުނު އަޖައިބެވެ. އެއީ އެއް ހިސާބުގަނޑެއްގެ ދެމީހުންނެވެ. އަވަށުފޯރީގައި ފެށުނު ތަޅާފޮޅުމެއްގައި އަނެއް އަވަށުގެ އަންހެނަކު މަރުވި، މަރުވުމާ ގުޅިގެން ދެ އަހަރުގެ ހުކުމެއްގައި ޖަލަށްގެނައިީ އެވެ. ފުރަތަމަ ދުވަހު ވެސް އެދެމީހުންގެ ސިއްރު ވާހަކަތަކުގެ އޮލަކަން ފާހަގަކުރެވުނެވެ. އޭގެ ފަހުން ޖަލު މީހުންގެ ހަރަކާތްތައް ބަލަން ހުންނަ އޮފިސަރު އެދެ އަންހެނުންނާ މެދު ޝައްކުވެގެން އެމީހުން ދައްކާ ވާހަކަ އަޑުއަހާ ވެސް ހެދި އެވެ. އެއަށް ފަހު އޭނާ ޔަގީންކުރީ އެއްވެސް ކަހަލަ ކަމެއް ރާވައި ނުބައެއްހަދަން އުޅެނީ ނޫންކަމާއި ހަމަ ވާހަކަ ގިނައީ ކަމަށެވެ. ކާށާއި ނިދުން ފާހާނާކުރުން ފަދަ ކަންކަމުގައި ނޫނީ އަބަދު ވެސް އެދެމީހުން ތިބެނީ އޮލަވާހަކައިގަ އެވެ.

އަޑުއެހި މީހާ ބުނާ ގޮތުގައި ވާހަކައިގައި ވަކި އަމާޒެއް ނުހިފެއެވެ. އެހެން މިހެން އެއޮއްހެން ދަނީއެވެ. އެއްމެ ގިނައިން ދައްކަނީ ފިރިހެނުންގެ ވާހަކައޭ ބުންޏެވެ.

ދެ އަހަރުވެގެން ދޫކޮށްލަން ގެނެސްފައި ދެންދާށޭ މުއްދަތު ހަމަވީއޭ ބުނުމާ އެކު ދާންހިގައިގަންނަމުން އެކަކު ބުނެލި އެވެ. އޭ! އަދި ތިޔަވާހަކަ ވާނެކިޔައިދޭން، މަ ދާނަން މިރޭ ތިވާހަކަ ދައްކަން"

ރަނބަތެޅުން ނުވަތަ ރަނބަހެލުވުމަކީ މިއީ އެވެ. ދެ އަހަރު ވަނދެން ޖަލުގައި ތިބި އިރު ވެސް ވާހަކަ ހުހެއް ނުވިއްޔާ އެވެ. ހަމަ ރަނގަޅު ދެ ރަނބަގޯންޏެވެ.