20 Oct 2011, 16:49
ސިރްތު (އޮކްޓޯބަރ 20) : ލީބިޔާގެ ކުރީގެ ޒަޢީމް ކާރނަލް މުޢައްމަރުލްޤައްޒާފީ އަވަހާރަވެއްޖެކަމަށް އޭނާގެ ވެރިކަން ވައްޓާލި ލީބިޔާގެ ހަނގުރާމަވެރިން ބުނެފިއެވެ.
ގައްޒާފީގެ އުފަން ރަށްކަމަށްވާ ސިރްތުގައި ހަނގުރާމަ ކުރަމުންގެންދާ ހަނގުރާމަ ވެރިންގެ ބައެއް ކޮމާންޑަރުން ކަށަވަރުކޮށްދިން ގޮތުގައި ގައްޒާފީ އަވަހާރަވީ ހަނގުރާމައިގެ ތެރޭގައި އޭނާގެ ހަށިކޮޅަށް އެރި ހަމަލާތަކެއްގައި ވަރަށް ބޮޑަށް ޒަޚަމްވެ ވަޑައިގެންނެވެ. ނަމަވެސް އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.
ލީބިޔާގައި ވެރިކަންކުރާ އިންތިޤާލީ މަޖިލީހުގެ އިސްވެރިއަކު ފުރަތަމަ ވިދާޅުވީ ގައްޒާފީ ސިރްތުގައި ދާދިދެންމެއަކު ހައްޔަރު ކުރެވިއްޖެ ކަމަށާއި ހައްޔަރު ކުރެވުނުއިރު އޭނާ އޮންނެވީ ވަރަށް ބޮޑަށް ޒަޚަމްވެ ވަޑައިގެންނެވެ. ނަމަވެސް ހަނގުރާމަވެރިންގެ ކޮމާންޑަރަކު އެއަށްފަހު ވަނީ ގައްޒާފީ އަވަހާރަވެއްޖެ ކަމަށާއި އަވަހާރަވީ ލިބިވަޑައިގެންފައިވާ ޒަޚަމްތަކުގެ ސަބަބުންކަން ކަށަވަރު ކޮށްދެއްވާފައެވެ. -- ނޫސްއެޖެންސީތައް