19:00


އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތޮފާ ލުތުފީގެ މައްޗަށް ހުށަހަޅައިފައިވާ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް ރައްޔިތުންގެ މަޖިލީހުން މިނިސްޓަރަށް ފޮނުވައިފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމު އަހުމަދު މުހައްމަދު މިއަދު ވިދާޅުވީ މައްސަލައިގެ ބަހުސް ފެށުމުގެ 14 ދުވަސް ކުރިން އެޑިއުކޭޝަން މިނިސްޓަރަށް ނޯޓިސް ފޮނުއްވި ނަމަވެސް އަދި އެ މައްސަލަ މަޖިލީހަށް އެޖެންޑާ ކޮށްފައިނުވާ ކަމަށެވެ. އަމީން އާއްމު އަދި ވިދާޅުވީ ޤާނޫނު އަސާސީގައިވާ ގޮތުގެ މަތިން 14 ދުވަސް ކުރިން ނޯޓިސް ފޮނުވަން އޮތް ނަމަވެސް އެކަން އެޖެންޑާކުރަން ޖެހެނީ 14 ދުވަސް ހަމަވާ ފަހުން ކަމަށެވެ.


ގާނޫނު އަސާސީ ބުނާ ގޮތުން ވަޒީރުންގެ މަޖިލީހުގެ މެމްބަރެއްގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ. މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގައި 77 މެމްބަރުން ތިއްބަވާއިރު ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތަކީ 39 މެންބަރުންނެވެ. އަދި ވަޒީރެއްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގޭނީ ސަބަބު ބަޔާންކޮށް މަދުވެގެން 10 މެމްބަރަކު މަޖިލީހަށް ހުށަހެޅުމުން ކަމަށް ވެސް ގާނޫނު އަސާސީގައިވެ އެވެ.


ނާއިބު ރައީސް ޑރ. މުހައްމަދު ވަހީދުގެ ގައުމީ އިއްތިހާދު ޕާޓީގައި ހުންނެވުމަށް ފަހު އެމްޑީޕީ އަށް މިދިޔަ މަހު ސޮއިކުރެއްވި ޑރ. މުސްތޮފާގެ މައްޗަށް އިތުބާރު ނެތް ކަމަށް ހުށަހަޅުއްވާފައިވާ 10 މެމްބަރުންގެ ތެރޭގައި ޑީއާރުޕީން ސޮއިކުރައްވާފައި ވަނީ ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކާއި ވައިކަރަދޫ ދާއިރާގެ މެމްބަރު އަލީ އާރިފް އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަފީގު ހަސަނެވެ. ޕީއޭގެ ފަރާތުން ސޮއިކުރައްވާފައި ވަނީ މާވަށު ދާއިރާގެ މެމްބަރު އަބްދުލް އަޒީޒް ޖަމާލު އަބޫބަކުރާއި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއް ރަހީމް އަބްދުﷲ އެވެ. އަދި އަމިއްލަ މެންބަރުންގެ ތެރެއިން ސޮއިކުރެއްވީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު އިބްރާހިމް މުއްތޮލިބާއި ކާށިދޫ ދާއިރާގެ މެމްބަރު އިސްމާއީލް އަބްދުލް ހަމީދާއި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އާއި ތުޅާދޫ ދާއިރާގެ މެމްބަރު ނާޒިމް ރަޝާދު އަދި ކުރެންދޫ ދާއިރާގެ މެމްބަރު އަހުމަދު މޫސާ އެވެ.


އެޑިއުކޭޝަން މިނިސްޓަރުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުއްވީ މައުހަދު އުވާލުމާއި އަރަބިއްޔާގެ މައްސަލައިގެ އިތުރުން މަތީ ސާނަވީގައި އިސްލާމާއި ދިވެހި މާއްދާ އިހުތިޔާރީ ދެ މާއްދާ އަށް ހެދުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވާތީ ކަމަށް އެ މައްސަލަ ހުށަހެޅުއްވި ބައެއް މެންބަރުން ވަނީ ވިދާޅުވެފަ އެވެ.