06 May 2019, 12:03
ކައިވެންޏަށް ހަފްތާއަކަށް ވެފައި ވަނިކޮށް، ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ ކޮއްކޮ ސިދާރްތު ޗޯޕްރާގެ ކައިވެނި ކެންސަލްކޮށްފި އެވެ.
ސިދާރްތު އަދި އިޝިތާ ކުމާރު ކައިވެނި ކުރަން ހަމަޖެހިފައި އޮތީ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު އެވެ. ނަމަވެސް ކުއްލި ގޮތަކަށް އިޝިތާގެ އޮޕަރޭޝަނެއް ކުރަން ޖެހުމުން ދެމީހުންގެ ކައިވެނި ފަސްކުރި އެވެ. އެއަށް ފަހު ކައިވެނި ކުރާނެ ތާރީޚެއް ހާމަކޮށްފައެއް ނުވެ އެވެ.
ދެން ފެނިގެން ދިޔައީ "އާ ފެށުމަކަށް މަރުހަބާ، ނިމުންތަކަށް އަލްވަދާއު" ކިޔައި އިޝިތާ އިންސްޓަގްރާމް ކުރި ފޮޓޯ އެކެވެ. އެހިސާބުން ސިދާރްތު އާ ދެމީހުންގެ ކައިވެނި ކެންސަލް ވެފައިވާ ކަމަށް ގިނަ ބަޔަކަށް ހީވި އެވެ.
ކައިވެންނަށް އިންޑިއާ އަށް އައި ޕްރިޔަންކާ އަދި ޕްރިޔަންކާގެ ފިރިމީހާ ނިކް ޖޯނަސް ވެސް ފުރައިގެން ދިޔައީ ކައިވެނީގެ ހަފްލާގައި ބައިވެރި ނުވެ އެވެ. އަދި ޕްރިޔަންކާ ވަނީ ސޯޝަލް މީޑިއާ އިން އިޝިތާ ފޮލޯ ކުރުން ހުއްޓާލައިފަ އެވެ.
ފަސްކުރި ކައިވެނި ދެން ނުކުރެވޭނެ ކަން ގިނަ ބަޔަކަށް ޔަގީންވީ އެ ހިސާބުންނެވެ. އަދި ސިދާރްތު އާއި ޕްރިޔަންކާގެ މަންމަ މަދޫ ޗޯޕްރާ މިހާރު މިވަނީ ކައިވެނި ކެންސަލްކޮށްފައިވާކަން ޔަގީންކޮށްދީފަ އެވެ.
އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި މަދޫ ބުނީ ކައިވެނި ކެންސަލް ކުރީ ދެމީހުން އެގޮތް ބޭނުންވުމުން ކަމަށެވެ. ސިދާރްތު އަދި ކައިވެންޏަށް ތައްޔާރު ނޫން ކަމަށާއި އޭނާއަށް އިތުރު ވަގުތު ބޭނުންވާ ކަމަށް ވެސް މަދޫ ބުންޏެވެ.