މިއީ މީގެ ނުވަ އަހަރު ކުރީގެ ވާހަކައެކެވެ. ބައްދަލު ނުވާތާ ދުވަސްވެފައިވާ ރައްޓެއްސަކާ ބައްދަލުވިއެވެ. ހާލުއަހުވާލު އަހައި ބައްދަލުނުވެ އެހާ ދުވަސްވީ ކީއްވެގެންތޯ އަހައިލީމެވެ. އޭނާ އައީ ރާއްޖެއިން ބޭރުގައި އުޅެފައެވެ. ބައްދަލުނުވެ ދުވަސްވީ އެހެން ވެގެންނެވެ.

ރާއްޖެއިން ބޭރަށް އޭނާ ދިޔައީ އަލަކަށް ނޫނެވެ. ދުނިޔޭގެ ތަފާތު 25 ގައުމަކަށް އޭނާ ވަނީ ދަތުރުކޮށްފައެވެ. އެހެން ފަހަރުފަހަރާ ޚިލާފަށް މި ފަހަރުގެ ދަތުރުގެ ވާހަކަ ތަންކޮޅެއް ތަފްސީލުކޮށް އޭނާ ކިޔައިދިނެވެ. މިފަހަރު ދަތުރުގެ މަންޒިލަކީ ކްރޮއޭޝިޔާ އެވެ. އެއީ ދެކުނު ޔޫރަޕަށް ނިސްބަތްވާ ގައުމެކެވެ. އާބާދީގެ %92.8 އަކީ ކްރިސްޓިޔަނުންނެވެ. މުސްލިމުންގެ ހިއްސާއަކީ އާބާދީގެ އެންމެ %1.3 އެވެ.

ކްރޮއޭޝިޔާއަށް އިސްލާމްދީނުގެ އަލިކަން ފޯރާފައިވަނީ އުސްމާނީ ޚިލާފަތުގެ ދުވަސްވަރު އެވެ. މީލާދީން 15 ވަނަ ގަރުނާއި 19 ވަނަ ގަރުނާ ދެމެދު އެ ސަރަހައްދުގައި އިސްލާމްދީނަށް ކުރިއެރުންތަކެއް ލިބިގެން ދިޔައެވެ. ބޯހިމެނުން 2001 ގައި ދައްކާ ގޮތުން ކްރޮއޭޝިޔާގެ އާބާދީއަކީ 4.44 މިލިޔަން މީހުންނެވެ. އޭގެތެރެއިން މުސްލިމުންގެ އަދަދަކީ 57687 އެވެ.

މިއަދު މުޅި ޔޫރަޕުގައި ވެސް އެންމެ ބޮޑެތި އަދި އެންމެ ރިވެތި އައު މިސްކިތްތައް ހުރި އެއް ތަނަކީ ކްރޮއޭޝިޔާގެ ވެރިރަށް ޒާގްރެބެވެ. ޒާގްރެބުގެ މުފްތީކަމުގައި ހުންނަވާ ބެއިކަލަކީ ކްރޮއޭޝިޔާގެ އެންމެހައި މުސްލިމުން ތަމްސީލުކުރައްވާ އިމާމެވެ. ކްރޮއޭޝިޔާގެ މުސްލިމުންގެ އިހްލާސްތެރި ދައުވަތުގެ ސަބަބުން ވަރަށް ގިނަ ބަޔަކު ކްރިސްޓިޔަން ދީން ދޫކޮށް އިސްލާމްވަމުން އަންނަކަން ފާހަގަކުރެވެ އެވެ.

އަޅުގަނޑުގެ ރަހުމަތްތެރިޔާ ކްރޮއޭޝިޔާއަށް ޒިޔާރަތްކުރީ މިފަދަ އައު މުސްލިމެއްގެ ރަހުމަތްތެރި ކަމުގަ އެވެ. އެ މީހަކީ މީގެ ވިއްސަކަށް އަހަރު ކުރީން ފެށިގެން ކޮންމެ އަހަރަކުވެސް ފަތުރުވެރިއެއްގެ ގޮތުގައި ރާއްޖެ އަންނަ މީހެކެވެ. މިހާރުގެ ނަމަކީ މުހައްމަދު ރާމިޒެވެ.

ރަހުމަތްތެރިޔާ ކްރޮއޭޝިޔާއަށް ދިޔައީ ރޯދަ މަހެއްގައެވެ. ވެރިރަށް ޒާގްރެބަށް ގޮސް ހޮޓަލެއްގައި ފޮށި ބެހެއްޓުމަށް ފަހު ނުކުތީ އަސްރު ނަމާދުގެ ބަންގީގެ އަޑަށެވެ. އޭރު އޭނާގެ ކްރޮއޭޝިއާ ރަހުމަތްތެރިޔާ މުހައްމަދު ރާމިޒު އަދި އެ ޝަހަރަކަށް ނާދެ އެވެ.

ބަންގީގެ އަޑު އައީ ސީދާ ވަކި ދިމާއަކުން ކަން ނޭނގޭތީ ލަފާކުރެވޭ ދިމާއަށް ހިނގާން ފެށީއެވެ. ހިނގަމުން ގޮސް ބަސް ސްޓޮޕެއްގެ ކައިރީގައި ހުރި މީހަކަށް ސަލާން ގޮވައިލުމަށް ފަހު މިސްކިތް ހުރީ ކޮންތާކުތޯ ސުވާލު ކުރިއެވެ. ގަޑިއަށް ބަލައިފައި އޭނާއާއެކު އައުމަށް އަންގައި ކުރިއަށް ހިނގައިގަތެވެ. ކައިރީގައިވާ ގޯޅިއެއްގެ ތެރޭގައި ހުރި މިސްކިތެއް ދެއްކުމަށް ފަހު ބުންޏެވެ. އަހަރެން ވެސް ޖަމާއަތުގައި ނަމާދު ކުރާން ބޭނުމެވެ. އެހެން ނަމަވެސް މި ބަހުން މިވަގުތު އެހެންތާކަށް ދިޔުން ވަރަށް މުހިއްމެވެ. އެހެންވީމާ ދަނީއެވެ. އިރާދަކުރެއްވިއްޔާ މައުރިބު ނަމާދު ކުރާނީ މި މިސްކިތުގައެވެ.

ވުޟޫ ކޮށްގެން މިސްކިތަށް އަރައި ދިވެހި ސްޓައިލަށް ވަރަށް އަވަސްއަވަހަށް ނިތް ތަޅައިލީ އެވެ. ދެން އިށީނީ ގުރުއާނުން ދެތިން ފަތްފުށް ކިޔަވައިލެވޭތޯއެވެ. މިސްކިތުގައި އެހެން މީހުން ވެސް ގުރުއާން ކިޔަވާން ތިއްބެވެ. އެހެން ނަމަވެސް އެއްވެސް މީހަކު އެކަނި އިންދައެއް ނުފެނެއެވެ. އެންމެންވެސް ތިބީ ކުޑަކުޑަ ދައުރާތަކެއްގައެވެ. އޭގެ ތެރެއިން ރީއްޗަށް ކިޔަވާ އެކަކު ބާރަށް ކިޔެވުމުން އެހެން މީހުން ކިޔަވަމުންދަނީ އޭނާގެ އަޑުދަށުންނެވެ.

އިރުކޮޅަކުން ރަހުމަތްތެރިޔާގެ ކައިރިއަށް ވެސް މީހަކު އަތުވެއްޖެ އެވެ. ކައިރީގައި އިށީނަސް އެންމެ ރަނގަޅުތޯ އަހާފައި އިށީދެއްޖެއެވެ. ރަހުމަތްތެރިޔާ ކިޔަވަމުން ދިޔައީ އަޑު ނުވީއްލައި ހިތުންނެވެ. ދުރުން އައިސް އިށީން މީހާ ސައުންޑޭ ބުނުމުން ރަހުމަތްތެރިޔާ ދެން ކިޔަވާން ފެށީ އަޑުވީއްލައިގެންނެވެ. އަނެއްމީހާވެސް ފަހަތުން ކިޔަވާން ފެށިއެވެ. އިރުކޮޅަކުން މި ދައުރާ ވެސް ފުދޭ ވަރަކަށް ބޮޑުވެއްޖެ އެވެ. ދެތިން ސަފުހާ ކިޔަވައިލައިފައި ފައިބާން ކަމަށް މިސްކިތަށް އެރި ރަހުމަތްތެރިޔާއަށް ދެން މަޖްބޫރުވީ ދެ ފޮތެއް ވަރު ކިޔަވައިލަން މަޑުކުރާންށެވެ.

މިސްކިތުން ފައިބައި ކުޑައިކޮށް ރަށުތެރޭގައި ހިނގައިލައިފައި މައުރިބު ނަމާދު ވަގުތުވުމުގެ އިރުކޮޅެއް ކުރިން އަނެއްކާ ވެސް އެރީ މިސްކިތަށެވެ. މިފަހަރު ވެސް މިސްކިތަށް އަރައި ކިޔަވާންފެށީ އެވެ. ކުރީ ފަހަރުހެން މިފަހަރުވެސް ފަރާތްފަރާތުން މީސްތަކުން އައިސް ވަށާލައި ބޮޑު ދައުރާއެއް ހަދާލައިފިއެވެ. މައުރިބު ނަމާދަށް ކިޔެވުން ހުއްޓާލާނީ ކޮން އިރަކުކަން ވެސް ނޭނގޭތީ މިފަހަރު އިމާމުވެ ކިޔެވުން ހަވާލުކުރީ އެތަނުން އެހެން މީހަކާއެވެ.

މިހެން ކިޔަވާން ތިބެފައި މީސްތަކުން ފައިބާން ފެށީމާ ރަހުމަތްތެރިޔާވެސް އެމީހުންނާއެކު މިސްކިތުން ފައިބައިފިއެވެ. ފޭބިއިރު މިކުރާކަމަކީ ރޯދަ ވީއްލާނޭ ތަކެތި ބެހުމެވެ. މިތަކެއްޗެއް ހުރީ ރާއްޖޭގައި ގެންގުޅޭ ލަންޗްބޮކްސްއަށް ވުރެ ކުދި ފޮށިފޮށީގައެވެ. އޭގައި ހުރީ ތިން ހަތަރު އޮށް ކަދުރެވެ. މާގިނައިން އެކަކަށްވެސް ނުލިބެއެވެ. ރަހުމަތްތެރިޔާއަށް ވެސް މީގެ ފޮށްޓެއް ލިބިއްޖެއެވެ. އޭނާއަށް ލިބުނު ޕާރުސަލް ހިފަހައްޓައިގެން ހުއްޓާ މިފެންނަނީ ކޮންމެ މީހަކަށް ލިބޭ ޕާރުސަލްވެސް އެހެން މީހަކަށް ދިއްކޮށްލާ މަންޒަރެވެ. މިތަން ބަލާން ހުރެފައި ރަހުމަތްތެރިޔާވެސް އޭނާގެ ޕާރުސަލް އެހެން މީހަކަށް ދިއްކޮށްލައިފި އެވެ. އަނެއްކާ އެހެންމީހަކު ރަހުމަތްތެރިޔާއަށް ވެސް ޕާރުސަލެއް ފޯރުކޮށްދީފިއެވެ. މި ބީދައިން އެންމެން އެންމެނަށް ޕާރުސަލް ބަހަބަހައި ތިއްބާ ބަންގީގެ އަޑު އިވުމުން ކޮންމެ މީހަކު ވެސް އެމީހެއްގެ އަތުގައި އޮތް ޕާރުސަލުން ރޯދަ ވީއްލައިފި އެވެ. މިވަގުތުކޮޅުގެ ތެރޭގައި ރަހުމަތްތެރިޔާއަށް އެދުވަހު އަސްރު ގަޑީގައި މިސްކިތް ދެއްކި މީހާއާ ވެސް ބައްދަލު ވެއްޖެއެވެ.

ނަމާދަށް ފަހު އެކުގައިދާން ދާން މަޑުކުރާށޭ އެމީހާ ބުންޏެވެ. އެހެންވެ ނަމާދުކޮށް ނިމިގެން ރަހުމަތްތެރިޔާ ހުރީ އޭނާގެ އިންތިޒާރުގަ އެވެ. އެހެން ހުއްޓައި މިސްކިތުގެ އަނެއް ފަރާތުން އޭނާ ނުކުމެގެން އައިސް ދެން ދާންވީ ކޮންތާކަށްތޯ ސުވާލުކުރުމުން ކެފޭއެއް ރެސްޓޯރެންޓެއް ކަހަލަ ތަނެއް ފެނޭތޯ ބަލައިލަމާ ބަހީއޭ ރަހުމަތްތެރިޔާ ބުންޏެވެ.

ޒާގްރެބަށް އައިސްގެން އުޅެނީ އަލަށްތޯ އާއި އެކަނިތޯ އެމީހާ ސުވާލުކުރި އެވެ. އަލަށޭ ބުނީމާ ރަހުމަތްތެރިޔާ ގޮވައިގެން ހިނގައިގަތެވެ. ދެވެރީންނަށް ނުކުމެވުނީ ހުސް މައިދާނަކަށެވެ. އެތަނުގައި ޖަހާފައި ހުރީ ފޭލިގެ ތަކެކެވެ. އެ ފޭލިގެތަކުގައި ހުރީ ތައްޔާރު ކުރެވިފައިވާ ސުފުރާތަކެކެވެ. ހަލާލު ތަކެތީގެ ތެރެއިން ނެތީ ކޮން އެއްޗެއްބާވައޭ ހިތަށް އަރާވަރަށް ތަކެތި ހުއްޓެވެ. ވަރަށް ގިނަ މީހުން އައިސް ސަލާންކޮށް ހަދައެވެ. އެކުގައި ހުރި ކްރޮއޭޝިއާ މީހާގެ ސަބަބުން ނޫންކަމެއްވެސް ނޭގެއެވެ. އެންމެންގެ ފަރާތުންވެސް ފެނުނީ އޯގާތެރިކަމާއި ކުލުނެވެ.

ރަހުމަތްތެރިޔާއަށް އެންމެ އުނދަގޫވީ ދެފައި ވަށްކޮށްގެން ސުފުރާމަތީގައި އިށީނދެ އެއް ތަށްޓަކުން ކާން ޖެހުމުންނެވެ. ކުޑައިކޮށް އުނދަގޫވިޔަސް އެންމެންވެސް ހެދިގޮތަށް ކައި ނިމިގެން ދެވެރިން އެކުގައި އަނެއްކާވެސް ދިޔައީ މިސްކިތަށެވެ. މައުރިބު ނަމާދަށް ކުރި ވުޟޫ ނުގެއްލޭކަމުގެ ޔަގީންކަން އޮތަސް އެހެން މީހުން ވެސް ވުޟޫކުރާތީ ރަހުމަތްތެރިޔާވެސް އިޝާ ނަމާދަށް އަލުން ވުޟޫ ކުރީއެވެ.

ވުޟޫކޮށް ނިމިގެން އެތަނުގައި ހުރި ބިއްލޫރި ޝޯކޭހަކުން އަތަރު ނަގައިގެން ކްރޮއޭޝިއާ މީހާ ހުވަނދުލައިފިއެވެ. އެންމެންވެސް ދިޔައީ މިބީދައިން ހުވަނދުލަމުންނެވެ. އެކުވެރިޔާ ކުރެންވެސް ހުވަނދު ނުލާނަންތޯ ސުވާލުކުރި އެވެ. މިއީ މިސްކިތަށް އަންނަ މީހުންނަށްޓަކައި ވަގުފުކުރެވިފައިވާ އެއްޗެއް ކަމަށާއި މިއީ ވަކި މީހެއްގެ އެއްޗެއް ނޫންކަމަށް ބުނީމާ ރަހުމަތްތެރިޔާވެސް މިތަނުން ހުވަނދުލައިގެން އެރީ މިސްކިތަށެވެ. އިޝާ ނަމާދަށް ފަހު ތަރާވީހުގައި ކުރީ އަށް ރަކުއަތެވެ. ދެން ވިތުރީގެ ތިން ރަކުއަތެވެ. އެކަމަކު ކިޔެވުން ވަރަށް ދިގެވެ. ކިޔެވީ ފޫހިނުވާފަދަ ރިވެތި ރާގަކަށެވެ.

ނަމާދުކޮށް ނިމި މިސްކިތުން ފައިބައިގެން ކޮބާ ސިނގިރޭޓެއްވެސް ބޯލަންވާނެދޯއޭ ކްރޮއޭޝިއާ މީހާ ސުވާލުކުރި އެވެ. ރަހުމަތްތެރިޔާ އާނއެކޭ ބުނުމުން ހިނގާށޭ ކިޔާފައި ގޮސް އެރީ އޭނާގެ ކާރަށެވެ. އެންމެ އަގު ބޮޑު ބެންޒު ކާރެކެވެ. މި ހިސާބުން މިއީ އާދައިގެ މީހެއް ނޫންކަން އެނގިއްޖެ އެވެ.

ކާރުގައި ގޮސް މަޑުކޮށްލި ރެސްޓޯރެންޓުގެ ބޮޑުކަމާއި ހައިބަތަށްޓަކައި އެޔަށް އަރާނެ އަގެއް ވެސް ނޭނގޭތީ އެއްޗަކަށް އޯޑަރު ކުރަން ރަހުމަތްތެރިޔާ ހުރީ ފަސްޖެހިފައެވެ. އެހެންނަމަވެސް ކްރޮއޭޝިއާ މީހާގެ އެދުމުގެ މަތީން ހަލުވާއަކަށް އޯޑަރު ދީފި އެވެ. އެތަނުގައި ތިބެގެން ރަހުމަތްތެރިޔާ އައި ބޭނުމާއި ކޮން ގައުމެއްގެ މީހެއްތޯ އާއި މިފަދަ އަސާސީ ސުވާލުތައް ކުރި އެވެ. ދިވެހިރާއްޖެއޭ ބުނުމުން އެނގޭ ކަމަކަށް ނުވިއެވެ. ދެން ބުނަން ޖެހުނީ އިންޑިޔާ ނަސްލުގެ މީހެއް ކަމަށާއި ދިވެހިރާއްޖެއަކީ އިންޑިޔާގެ އަވަށްޓެރި ގައުމެއް ކަމުގައެވެ.

ހަލުވާ ކައި ނިމިގެން ދެ ތިން ސިނގިރޭޓެއް ވެސް ހުލިކޮށްލައިގެން ރެސްޓޯރެންޓުން ނުކުތް އިރު އެއްވެސް ފައިސާއެއް ނުނަގަ އެވެ. ހަމައެކަނި ބިލް ހަދާފައި ބިލުގައި ސޮއިކޮށްލީ އެވެ. ދެވެރީން ވަދެ ތިބީ ޒާގްރެބުގެ މުސްލިމެއްގެ ރެސްޓޯރަންޓަކަށެވެ. ފަހުން އެނގުނު ގޮތުގައި މުޅި ރޯދަމަހުވެސް މައުރިބު ނަމާދާއި ފަތިސް ނަމާދާއި ދެމެދު މުސްލިމުންގެ ހުރިހައި ރެސްޓޯރެންޓަކުން ވެސް މުސްލިމުންނަށް ކާންދެނީ ހިލެ އެވެ. ކޮންފަދަ ދީލަތިކަމެއްތޯ އެވެ. ސައްތައިން ސައްތަ މުސްލިމް ކަމަށް ބުނާ ދިވެހިރާއްޖޭގައި ރޯދަމަހާއި ދިމާކޮށް ތަކެތީގެ އަގު ކުރަނީ ބޮޑެވެ.

ކްރޮއޭޝިއާ މީހާގެ ބެންޒު ކާރުގައި ހޮޓަލަށް ލައިދީފާނަމޭ ބުނުމުން ގިނަ ތަންތަން ފެންނާނީ ހިނގާފައި ގޮސްގެންނޭ ބުނެ އެކަމުން ރަހުމަތްތެރިޔާ ރެކިގެންފިއެވެ. ދެން ފޯން ނަންބަރު ދީފައި ކަމެއް ދިމާވެއްޖެނަމަ ގުޅާށޭ ބުންޏެވެ. ދަމު ނަމާދުންވެސް މިރޭ އަދި ދިމާވާނެ ނޫންހޭ ސުވާލުކުރުމުން ރަހުމަތްތެރިޔާ ބުނީ ދަމު ނަމާދަށް ނާދެވޭނެ ކަމަށާއި ފަތިސް ނަމާދަށް އަންނާނެ ކަމުގަ އެވެ.

ފަތިސް ނަމާދުން އަނެއްކާ ވެސް ދެވެރީން ބައްދަލުވެއްޖެ އެވެ. ދުވަހުގެ ޕްރޮގްރާމް އޮތީ ކިހިނެއްތޯ ސުވާލުކުރުމުން ރަހުމަތްތެރިޔާ ޒާގްރެބަށް ގޮސްގެން އުޅޭ އަސްލު ސަބަބު ކަމަށްވާ މުހައްމަދު ރާމިޒު ނާންނަ ކަމަށް ވަނީނަމަ ވަކި ޕްރޮގްރާމެއް ނޯންނާނެއޭ ބުންޏެވެ. ދެން ހެނދުނު ގުޅާނަމޭ ބުނެފައި ކްރޮއޭޝިއާ މީހާ ދިޔައީ އެވެ.

މުހައްމަދު ރާމިޒަށް ގުޅުމުން އޭނާ ބުނީ ޒާގްރެބަށް ފޯރާނީ ރޭގަނޑުގެ ވަގުތެއްގައި ކަމަށެވެ. އެހެންވެ ދާނެ ވަކިތަނެއް އަދި ކުރާނެ ވަކި ކަމެއްވެސް ނެތިގެން ހޮޓަލުގައި ހުއްޓާ އެއްކަލަ ކްރޮއޭޝިއާ މީހާ ގުޅާފައި އަތުވެއްޖެ އެވެ. ދެން ދެވެރިން ދިޔައީ އޭނާގެ ބެންޒު ކާރުގައި ރަށުތެރެ ބަލައިލާށެވެ. މިހެން ދުއްވާން ތިއްބައި މުހިއްމު ކަމެއްގައި ކުއްލިއަކަށް އޮފީހަށް ދާން އޭނާއަށް ޖެހިއްޖެއެވެ. އޮފީހަށް ދިޔައީ ރަޙްމަތްތެރިޔާ ވެސް ގޮވައިގެންނެވެ.

އެއީ އާދައިގެ މީހެއް ނޫނެވެ. އެއީ މަލްޓި މިލިޔަނަރެކެވެ. އޮފީހުގެ ވެރިޔަކީ އޭނާ އެވެ. މި މަންޒަރު ފެނުމުން ރަހުމަތްތެރިޔާ ފެންކަޅިވެއްޖެ އެވެ. މުޅި ދިވެހިރާއްޖެއިން ވެސް ނުފެންނަވަރުގެ ބޮޑު މުއްސަންޖަކު އެއްވެސް ކިބުރުވެރިކަމެއް ނެތި އާދައިގެ އާއްމު ބަހެއްގައި ދަތުރުކުރި ގޮތާއި ނުދަންނަ ބީރައްޓެއްސަކަށް މިސްކިތް ދައްކަން ދިޔަ ގޮތާއި ޑްރައިވަރަކާއިވެސް ނުލައި ހަމުގެ ކުލަ ކަޅު ބީރައްޓެއްސަކު ގޮވައިގެން ރަށުތެރޭގައި ދުއްވުމާއި އެއް ސުފުރާމަތިން އެއް ތަށިން ކެއި ގޮތް ހިތަށް އަރާފައި ނުރޮވޭވަރެއް ވެސް ނޫނެވެ.

ތަންކޮޅެއް ފަހުން ރަހުމަތްތެރިޔާއަށް އެމީހާގެ ފެންވަރާއި ވަނަވަރު އޮޅުންފިލިއެވެ. މުހައްމަދު ރާމިޒަކީ ވެސް ޕްރައިވެޓް ޔޮޓުގައި ރާއްޖެ އަންނަ ބޮޑު މުއްސަންޖެކެވެ. އެކަމަކު އަލަށް މިފެނުނު މީހާއަކީ ރާމިޒަށްވުރެވެސް ބޮޑު މުއްސަންޖެކެވެ. ރާމިޒު ކިޔައިދިން ގޮތުގައި އެމީހާއަކީ ކްރޮއޭޝިއާގެ ވެސް އެންމެ ބޮޑެތި މަހުޖަނުންގެ ތެރެއިން މީހެކެވެ. މުސްލިމެކެވެ.

މުސްލިމުންނަކީ ހަމަހަމަކަން ގަބޫލުކުރާ މަތިވެރި ދީނަކަށް ތަބާވާ އިޚުލާސްތެރިންނެވެ. އެކަމަކު ދިވެހިރާއްޖެއިން މި އިޚުލާސްތެރިކަމާއި ހަމަހަމަކަން ފެނޭތޯއެވެ. މުސްލިމުންގެ މެދުގައި އޮންނަންވީ ހަގީގީ އުޚުއްވަތްތެރިކަމާއި ކުލުނު އޮވޭތޯއެވެ. އިހުޒަމާނުގައި އޮވެދާނެއެވެ. އެކަމަކު މިހާރު މުޅިން ތަފާތެވެ. އަޅުގަނޑުގެ ރަހުމަތްތެރިޔާގެ މުޅި ހަޔާތުގައި ވެސް އަޅުކަމުގެ ފޮނިކަން އެންމެ ފުރިހަމައަށް އިހުސާސްވި ރޯދަމަހަކީ ޔޫރަޕުގެ ކްރޮއޭޝިޔާގައި އޭނާ ހޭދަކުރި ރޯދަމަހެވެ.