ރޭ ކުޅުނު ފައިނަލުގައި ފަސޭހަ ކަމާ އެކު ވީލެމް ބަލިކޮށް ޑަޗް ކަޕުގެ ޗެމްޕިއަންކަން ހޯދާ އަޔަކްސް އިން މި ސީޒަނުގައި ޓްރެބަލް ހޯދުމަށް ދެކެމުން އަންނަ ހުވަފެން ހަގީގަތަކަށް ވުމާއި ގާތަށް ޖެހިލައިފި އެވެ.

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގު ކާމިޔާބުކޮށް ފައިނަލަށް ދިއުމުގެ ފުރުސަތު ބޮޑު ކޮށްފައިވާ އަޔެކްސްއިން ރޭ ކުޅުނު ފައިނަލް މެޗުގައި ވިލެމް ބަލި ކުރީ 0-4 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިއީ ވޭތުވެ ދިޔަ 10 އަހަރުގެ ތެރޭގައި އަޔެކްސްއިން މުބާރާތް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ.

ޔޫރަޕުގެ ތާރީހުގައި ރަން އަކުރުން ފަވާލެވިފައިވާ އަޔެކްސްއިން ޑަޗު ލީގު ހޯދުމާއި ގާތަށް ޖެހިލާފައިވާ އިރު ކުރިއަށް އޮތް ދެ މެޗުން އެ ޓީމު މޮޅުވެއްޖެ ނަމަ އެ ޓީމުން ލީގު ނިންމާނީ މިވަގުތު ޕޮއިންޓްގެ ގޮތުން އެއްވަރުވެފައި ވާ ޕީއެސްވީއަށް ވުރެން މަތިންނެވެ. ސަބަބަކީ ފައިދާ ގޯލަށް ބަލައި އިރު އަޔެކްސްއިން އުޅެނީ ޕީއެސްވީއަށް އަތުވާ ވަރެއް ވުރެން މަތީގައި ކަމަށް ވާތީ އެވެ.

ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި އަޔެކްސްގެ ޓީމަށް އެ މެޗުގައި ގޯލުތައް ޖަހައިދިނީ އެ ޓީމުގެ ދެ ޑިފެންޑަރުން ކަމަށްވާ ޑެލޭ ބްލިންޑާއި ރަސްމެސް ކްރިސްޓެންސެންގެ އިތުރުން ޚަލާސް-ޖަން ހަންޓެލާ އެވެ. ހަންޓެލާ ވަނީ ރޭގެ މެޗުގައި ދެ ގޯލު އަޔެކްސްއަށް ޖަހައިދީފަ އެވެ.

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރަށުން ބޭރުގައި ޓޮޓެންހަމް ބަލިކޮށް އަޔެކްސްއިން އެ މުބާރާތުގެ ފައިނަލާއި ގާތަށް ޖެހިލާފައިވާ އިރު ސެމީގެ އަނެއް ފަޅީގައި ބާސެލޯނާއިން ވަނީ ފުރަތަމަ ލެގުގައި 0-3 ގެ ނަތީޖާ އަކުން ލިވަޕޫލް ބަލިކޮށްފަ އެވެ. ވީމާ އަޔެކްސް ފައިނަލަށް ދަތުރު ކޮށްފި ނަމަ ކުޅުން އެންމެ ގާތީ ބާސެލޯނާއާ އެވެ.