ފަނަރަ އެމްބިއުލާންސް ގަންނަން ފިނޭންސް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި އެވެ.

ފިނޭންސް މިނިސްޓްރީއިން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާން ބުނީ މިނިސްޓްރީ އޮފް ހެލްތްގެ އެދުމަކަށް 15 އެމްބިއުލާންސް ސަޕްލައިކޮށް ޑެލިވަރީ ކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ. އަދި އެ މަސައްކަތަށް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

ފިނޭންސް މިނިސްޓްރީއިން ބުނީ ބީލަމުގައި ބައިވެރިވުމަށް 1500 ރުފިޔާގެ ނޮން ރީފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެ ކަމަށާއި އެ ފައިސާ ބަލައިގަތުން ކުރިއަށްދާނީ ނުވައެއް މެއިއާ ހަމައަށް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން 12:00 އަށް ކަމަށެވެ. އަދި ރަމަޟާން މަހުގެ 10:00 އިން 12:00ގެ ނިޔަލަށެވެ.

ޕްރޮޖެކްޓުގެ ބިޑްސެކިއުރިޓީގެ ގޮތުގައި 50،000 ރުފިޔާ ހުށަހަޅަން ޖެހޭނެ ކަމަށާއި ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުންފެށިގެން 148 ދުވަސް ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

ރާއްޖޭގެ ގިނަ ރަށްރަށަށް އެމްބިއުލާންސް ނެތުމުގެ ދަތިކަން ވަނީ ކުރިމަތިވެފައެވެ.