ޕްރޮގްރެސިވް ޕާޓީއޮފް މޯލްޑިވްސް (ޕީޕީއެމް) ރަޖިސްޓުރީ ކުރުމަށް ހުށަހަޅަންޖެހޭ އެންމެ ފަހުގެ ލިޔެކިޔުންތައް އިލެކްޝަން ކޮމިޝަނަށް މިއަދު ހުށައަޅައިފި އެވެ.

ފޯމްތައް ހުށައެޅީ އެޕާޓީގެ ކައުންސިލް މެމްބަރު އަދި ގާނޫނީ ވަކީލް އައިޝަތު އާޒިމާ ޝަކޫރެވެ.

އިލެކްޝަނަށް ފޯމުތައް ހުށައެޅުމަށް ފަހު އެޕާޓީގެ ކައުންސިލް މެމްބަރު އާޒިމާ ވިދާޅުވީ އެޕާޓީގެ ފަރާތުން ރަޖިސްޓުރީކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަކުގެ ތެރެއިން އެންމެ ފަހުގެ ލިޔުން މިއަދު ހުށައެޅީ ކަމަށެވެ.

"ޕާޓީތަކާއި ބެހޭ ގަވާއިދުގައިވާ ހުރިހާ ކަމެއް ފުރިހަމަ ކުރުމަށްފަހު ރެޖިސްޓްރޭޝަން ފޯމްތައް މި ހުށައެޅީ...އަދި ފޯމާއި އެކު ހުށައަޅަންޖެހޭ ގާނޫނީ ލިޔެކިޔުންތައް ވެސް މިވަނީ ހުށައަޅާފައި" އާޒިމާ ވިދާޅުވި އެވެ.

އާޒިމާ ވިދާޅުވީ މިއަދު އެޕާޓީގެ ފަރާތުން ރަޖިސްޓްރީކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަކުރެވިފައިވާތީ ވަރަށް އަވަހަށް އެޕާޓީ އިލެކްޝަނުގެ ދަފުތަރުގައި ޖެހި، ޕާޓީގެ ހަރަކާތްތަށް ކުރިއަށް ގެންދެވޭނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ޕީޕީއެމް އުފެއްދުމަށް ބޭއްވި ޖަލްސާ މިދިޔަ ހޮނިހިރުދުވަހުގެ ރޭ ބޭއްވުމަށް ފަހު އެޕާޓީގެ ކުލައާއި ލޯގޯއާއި މެނިފެސްޓޯގެ އިތުރަށް ޕާޓީގެ ވަގުތީ ރައީސާއި، ކައުންސިލަށް އިންތިހާބު ކުރަންޖެހޭ މެމްބަރުންވަނީ އެޖަލްސާގައި އިންތިހާބުކޮށްފަ އެވެ.

ސިޔާސީ ޕާޓީތަކުގެ ގަވާއިދުގައިވާ ގޮތުގައި، ޕާޓީ އުފެއްދުމަށް ބައްވާ ޖަލްސާ ބޭއްވުމަށް ފަހު އެމަޢުލުމާތުތަށް އިލެކްޝަންސް ކޮމިޝަނަށް ހުށައެޅުމާއެކު 30 ދުވަހުގެ ތެރޭގައި އެޕާޓީއެއް ކޮމިޝަނުން ރަޖިސްޓްރީ ކޮށްދޭން ޖެހޭނެ އެވެ.