ރާޖްކުމާރު ރާއޯ އަދި ޝްރައްދާ ކަޕޫރުގެ "ސްޓްރީ"ގެ ސީކުއަލް އެއް ހަދާނެ ކަމަށް ފިލްމުގެ ޓީމުން ބުނެފިއެވެ.

މިދިޔަ އަހަރު ނުކުތް އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނުނު "ސްޓްރީ"ގެ ދެވަނަ ބައި އަންނަ އަހަރު ސްކްރީނުން ފެނިގެންދާނެ ކަމަށް ބޭރުގެ ހަބަރުތައް ބުނެއެވެ.

ފިލްމުގައި މަސައްކަތްކުރާ މީހަކު ބޭރުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނީ މިހާރު ކުރިއަށްދާ މަސައްކަތަކީ ސްކްރިޕްޓްގެ މަސައްކަތް ކަމަށެވެ.

"ސްކްރިޕްޓްގެ މަސައްކަތްކުރިއަށް ދަނީ. އެބަހުރި ފުދޭވަރަކަށް އައިޑިއާސް ފިލްމުގެ ދެވަނަ ބަޔަށް. އެކްސްޕެކްޓޭޝަން ވަރަށް މަތީގައި އުޅެނީ. ޓީމުން ބޭނުންވަނީ އެންމެ ބަރާބަރަށް މަސައްކަތް ކޮށް ނިންމަން،"

"ސްޓްރީ"ގެ ސީކުއަލް އިން ފެނިގެންދާނީ ޝްރައްދާ އާއި ރާޖްކުމާރު ކަމަށް ހަބަރުތައް ބުނެއެވެ.

އެ ފިލްމަކީ ޝްރައްދާ އާއި ރާޖްކުމާރު އެކުގައި މަސައްކަތް ކުރި ފުރަތަމަ ފަހަރެވެ.

އިންޑިއާގެ ބޯޕާލްގެ އަވަށެއް ކަމުގައިވާ ޗަންދޭރީގެ މީހުން ގަބޫލު ކުރާ ގަބޫލުކުރުމެއްގެ މައްޗަށް އުފައްދައިފައިވާ "ސްޓްރީ" އަކީ ބިރުވެރި މަޖާ ފިލްމެކެވެ.

އަމަރު ކޯޝިކް ޑައިރެކްޓުކޮށްފައިވާ އެ ފިލްމު ޕްރޮޑިއުސްކޮށްފައި ވަނީ ދިނޭޝް ވިޖާން، ރާޖް އަދި ޑީކޭ އެވެ.