06 May 2019, 09:17
"އުއްތަމަ ފަނޑިޔާރު ޞަފިއްޔުއްދީނު ވަޑައިގަންނަވާން މަގު ދައްކާ!"
"މަންމާ ބަލާ! އެ ވަޑައިގަންނަވަނީ ފަނޑިޔާރު."
"ފަނޑިޔާރު މަނިކުފާނު! ހާލުކޮޅު ކިހިނެއް ތޯ؟"
"އަލްޙަމްދު ލި ﷲ. ޝުކުރިއްޔާ!" ގާޒީ ޞަފިއްޔުއްދީން ވިދާޅުވިއެވެ.
"މަގު ދައްކާ! ފަނޑިޔާރު މަނިކުފާނު އެ ވަޑައިގަންނަވަނީ ވަރަށް އަވަހަށް ތަނަކަށް ވަޑައިގަންނަވަން." ހާޖިބު ބުންޏެވެ.
"މީހުންނަށް އަނިޔާ ނުކުރާތި! އެހެން ނޫނިއްޔާ ފިޔަވަޅު އަޅާނަން." ގާޒީ ވިދާޅުވިއެވެ.
"ވިދާޅުވި ގޮތެއް. އަޅުގަނޑު ބޭނުން ވީ މަގުން ތަން ހޯދުން." ހާޖިބު ބުންޏެވެ.
"އަދަބު އިހްތިރާމާ އެކު. ތިބާ ތިޔަ ތަމްސީލު ކުރަނީ ގާޒީ." ގާޒީ ވިދާޅުވިއެވެ.
"އަޅުގަނޑު ތޯ؟ މައާފް ކުރައްވާ ސާހިބާ!" ހާޖިބު ބުންޏެވެ.
"ތިބާއީ އަހުރެންގެ ހާޖިބެއް ނޫންތަ؟ އޭ ޒަޣްލޫލު! އެހެންވީމާ ތިބާ މީސްތަކުންގެ ކުރިމަތީގައި ތަމްސީލު ތިޔަ ކުރަނީ އަހުރެން. އަވަހަށް ހިނގާ! ސަރިޔަތުގެ މަޖިލީހަށް ދިއުން ލަސްކޮށްގެން ނުވާނެ." ގާޒީ ވިދާޅުވިއެވެ.
"އުއްތަމަ ފަނޑިޔާރު ވިދާޅުވި ބަސްފުޅު ނާހަންތަ؟ މަގޭ ސަވާރީ. ތަންކޮޅެއް އަވަސް ކުރޭ!" ހާޖިބު އޭނާގެ ސަވާރީއާ މުހާތަބުކޮށް ބުންޏެވެ.
*****
ސަރިޔަތުގެ މަޖިލީހަށް ގާޒީ ވެދެވަޑައިގެންފިއެވެ. އަދި ސަރިޔަތުގެ އަޑު އައްސަވާން ފަށްޓަވައިފިއެވެ.
"އަޅުގަނޑަކީ އަނިޔާ ލިބިފައިވާ މީހެއް، އިއްޒަތްތެރި ގާޒީ." ވައްކަމުގެ ތުހުމަތުގައި ގެނެވިފައި ހުރި މީހަކު ބުންޏެވެ.
"ކާ ތަކެތި ވިއްކާތަނުން ތިބާ ހައްޔަރު ކުރެވުނީ ފިހުނު ކުކުޅެއް ވަގަށް ނަގައިގެން ހެދުމުގެ ތެރެއަށް ލައިގެން ފޮރުވައިގެން އުޅެނިކޮށް. އެހެންނެއް ނޫންތަ؟" ގާޒީ ވިދާޅުވިއެވެ.
"އާ..... އާ ...... އާ ......"
"ކުއްލިއަކަށް ވާހަކަ ނުދެއްކޭ މީހަކަށް ބަދަލު ވީ ތަ؟ ވާހަކަ ދައްކާ! އަމިއްލަ ނަފްސުގެ ދިފާއުގައި ދައްކާނެ ވާހަކައެއް ހުރިއްޔާ އެ ވާހަކައެއް ހުށަހަޅާ!"
"އަޅުގަނޑު ހުރީ ވަރަށް ބޮޑަށް ބަނޑުހައި ވެފައި. ވީމާ ފިހުނު ކުކުޅުގެ މީރު ވަހުން އަޅުގަނޑަށް ގޯސް ހެދުނީ."
"އެކަމަކު ތިބާ ކިހިނެއް ފުލުހުންގެ މީހަކަށް ވެ ހުރެ ވައްކަން ކުރަނީ؟" ގާޒީ ސުވާލު ކުރެއްވިއެވެ.
"އިއްޒަތްތެރި ގާޒީ އަޅުގަނޑަކީ ފުލުހުންގެ މީހެއް ނޫން."
"ކިހިނެއް އެހެން ވިއްޔާ ފުލުހުންގެ ޔުނިފޯމުގައި ތިޔަ ހުރީ؟" ގާޒީ އެއްސެވިއެވެ.
"އަޅުގަނޑު މި ޔުނިފޯމު ލައިގެން އުޅެނީ އަހަންނާ އެއްވެސް މީހަކު ފައިސާއާ މެދު ސުވާލެއް ނުކޮށް އަހަރެން ބޭނުން އެއްޗެއް ކެއުމަށް ޓަކައި." އެ މީހާގެ ވާހަކަ އަޑު އިވިފައި އެ ތަނުގައި ތިބި މީހުންނަށް ހެވުނެވެ.
"އަޑު މަޑު ކުރޭ! ތިޔައީ ކޮން ފަދަ އަޖައިބު ވާހަކައެއް؟" ގާޒީ ސުވާލު ކުރެއްވިއެވެ.
"ގިނަ ފުލުހުން ރެސްޓޯރަންޓްތަކާއި ހޮޓާތަކަށް ވަދެ ހަދަނީ އެހެން." ފުލުހުންގެ ޔުނިފޯމު ލައިގެން ހުރެ ވައްކަން ކުރި މީހާ ޖަވާބު ދިނެވެ.
"ހާޖިބު ޒަޣްލޫލު! ފުލުހުންގެ ވެރިޔާ ސަރިޔަތުގެ މަޖިލީހަށް ހާޒިރު ވެ ވަޑައިގަތުމަށް ދަންނަވާ!" ގާޒީ ހާޖިބަށް ވިދާޅުވިއެވެ.
"އޭނާ މާދަމާގެ މަޖިލީހަށް ހާޒިރު ވުން ބޭނުން."
*****
ގާޒީ ސަފިއްޔުއްދީނުގެ ހުރި ހަމަ އެކަނި ދަރިފުޅު ސަލްމާ މިއަދު އެ ތައްޔާރު ވަނީ މުޅީން ތަފާތު ކަމަކަށެވެ. ސަލްމާ ހީކުރާ ގޮތުގައި އޭނާގެ ބައްޕަ ފަދަ މީހަކު ބޮޑަށް ބޭނުން ވާނީ ފިރިހެން ކުއްޖެކެވެ. ބައްޕަގެ ހަމަ އެކަނި ދަރިފުޅަކީ އަންހެން ކުއްޖަކަށް ވުމުން ބައްޕަ އެކަމާ ދެރަވާނެ ކަމަށް ސަލްމާ ގަބޫލު ކުރެއެވެ.
މިއަދު ސަލްމާ ބޭނުން ވަނީ ފިރިހެނުން ކުރާ ކަހަލަ ކަންތައް އޭނާއަށް ވެސް ކުރެވޭނެ ކަން ސާބިތު ކޮށް ދޭންށެވެ. އޭނާއަށް ގަބޫލު ކުރެވެނީ އޭނާގެ ބައްޕަ ބޮޑަށް އުފާ ވާނީ އޭރުން ކަމަށެވެ.
ފިރިހެނުން އަޅާ ގޮތަށް ހެދުން އަޅައިގެން ސަލްމާ ނުކުތެވެ. އެ ގޭގައި އިންނަ ވާހަކަ ދައްކާ ގުރާ އެ ވަގުތު ގޮވައިގަތެވެ.
"ފިރިހެނެއް. ފިރިހެނެއް."
"އަޑު މަޑު ކުރޭ ގުރަޔާ! މީ އަހަރެން. ސަލްމާ! ގާޒީގެ ދަރިފުޅު. ގުރަޔަކަށް އަހަރެން ނޭނގުނު ތަ؟" ސަލްމާ އެހިއެވެ.
"ސަލްމާ ފިރިހެނެއް. ސަލްމާ ފިރިހެނެއް." ގުރާ އަދި މާ ބާރަށް ގޮވާން ފެށިއެވެ.
"ފިރިހެނުންނަކީ މާ މޮޅު ބަޔަކީ ތަ؟ އަހަރެން މިއަދު އެ ކަން ސާބިތު ކޮށް ދޭނަން." ސަލްމާ ބުންޏެވެ.
"ފިރިހެނެއް. ފިރިހެނެއް." ގުރާ ބާރަށް ގޮވަމުން ދިޔައެވެ.
"އަޑު މަޑު ކުރޭ ގުރަޔާ!" ސަލްމާ އަނެއްކާ ވެސް ގުރަޔާ ދިމާއަށް ބުންޏެވެ.
"ފިރިހެނެއް. ފިރިހެނެއް." ގުރާ ބާރަށް ގޮވަމުން ދިޔައެވެ.
"ކޮން ހަޅޭކެއް. ގުރަޔާ! ތިހާ ބާރަށް ހަޅޭއް ލެވީމާ ސާހިބާ ގާޒީއާއި ސަލްމާއަށް ހޭފުޅު ލެއްވޭނެ." ގޭގެ ޚާދިމާ ވަދީދާ ގުރަޔާ ދިމާއަށް ބުންޏެވެ.
"ވަދީދާ. ފިރިހެނެއް. ވަދީދާ. ފިރިހެނެއް." ގުރާ ގޮވަމުން ދިޔައެވެ.
"އަހަންނަކީ ފިރިހެނެކޭ ތަ؟ މޮޔަ ގުރާގަނޑާ!" ވަދީދާ ހީކުރީ ގުރާ ވަދީދާއަކީ ފިރިހެނެކޭ ކިޔައިފައި ގޮވަނީ ކަމަށެވެ.
"މޮޔަ. ވަދީދާ. ފިރިހެނެއް." ގުރާ ގޮވަމުން ދިޔައެވެ.
"ސާހިބާ ގާޒީ އަރިހުގައި ކަލޯގެ ޝަކުވާ ކުރާނަން." ވަދީދާ ބުންޏެވެ.
"ވަދީދާ. ފިރިހެނެއް. ވަދީދާ. ފިރިހެނެއް." ގުރާ ގޮވަމުން ދިޔައެވެ.
އެ ވަގުތު ތަނބަކާ ނިވާ ވެގެން ހުރި ސަލްމާ، ވަދީދާ އެ ތަނުން ދިއުމުން ނުކުމެ ގުރަޔާ ދިމާއަށް އަތުގައި އޮތް ކަނޑި މެޅުމަށް ފަހު ގެއިން ނުކުތެވެ.
*****
"ގައުމުގެ އެންމެން އެ ގާޒީއެއްގެ އަދުލުވެރިކަމުގެ ވާހަކަ ދައްކާ ގާޒީއަށް އަދަބުވެރިކަމާ އެކު ސަލާމް ދަންނަވަން." ފުލުހުންގެ ވެރިޔާ ސަރިޔަތުގެ މަޖިލީހަށް ވެދެވަޑައިގެން ވިދާޅުވިއެވެ.
"ތައުރީފާއި ސަނާގެ އިބާރާތްތައް ބޭނުން ނުކުރައްވައި ސުވާލަށް ޖަވާބު ދެއްވާ!" ގާޒީ ވިދާޅުވިއެވެ.
"މަނިކުފާނު ވިދާޅުވި ގޮތެއް. މި މީހާއަކީ ބޮޑު ދޮގުވެރިއެއް. ފުލުހުންގެ ވާޖިބު އަދާކޮށް އޭނާ ހައްޔަރު ކުރީތީ، އޭނާ އެ އުޅެނީ ފުލުހުންގެ އަގު ވައްޓައިލަން." ފުލުހުންގެ ވެރިޔާ ވިދާޅުވިއެވެ.
"ބައެއް ފުލުހުން ތަންތަނުން ކައިގެން ފައިސާ ނުދައްކައި އެ ތަންތަނުގެ މީހުންނަށް ބިރު ދައްކައިގެން އުޅެއެއް ނޫންތަ؟" ގާޒީ އެއްސެވިއެވެ.
"ތިއީ އެއްގޮތަކަށް ވެސް ކަން ހިނގާނެ ގޮތެއް ނޫން. ހެކި ދައްކާން ޖެހޭނީ ތުހުމަތުތައް ކުރިމަތި ކުރި މީހާއަށް. އެހެން ނޫންތޯ؟" ފުލުހުންގެ ވެރިޔާ ވިދާޅުވިއެވެ.
"ތިޔަ ވިދާޅުވި ބަސްފުޅުގައި ގޯހެއް ނެތް." ގާޒީ ވިދާޅުވިއެވެ.
އެއަށް ފަހު ފުލުހުންގެ ޔުނިފޯމު ލައިގެން ހުރެ ވައްކަން ކުރި މީހާއާ މުހާތަބު ކުރައްވައި ގާޒީ ވިދާޅުވިއެވެ.
"ކޮބާ ކަލޭގެ ބަހަކީ؟ ކަލޭގެ ވާހަކައަށް ބާރު ދޭނޭ ހެތްކެއް ވޭތަ؟"
"ހެކި ހުންނާނީ ފުލުހުންގެ އަތުގައި." އޭނާ ބުންޏެވެ.
"ހެކި ދޭނެ މީހަކު އެބަ ހުރި ތަ؟" ގާޒީ އަނެއްކާ ވެސް އޭނާއާ ސުވާލު ކުރެއްވިއެވެ.
"އަޅުގަނޑު ނޫނީ އެހެން މޮޔައަކު ހުންނާނެ ތޯ ފުލުހުންނާ ދެކޮޅަށް ހެކި ބަސް ދޭނޭ؟" ފުލުހުންގެ ޔުނިފޯމު ލައިގެން ހުރެ ވައްކަން ކުރި މީހާ ސުވާލުގެ އިބާރާތުން ޖަވާބު ދިނެވެ.
"އޭނާގެ ވާހަކަ އަޑު އިވިއްޖެ ނޫންތޯ އިއްޒަތްތެރި ގާޒީ؟ އޭނާގެ ވާހަކައިން އަޅުގަނޑުމެންނާ ދެކޮޅަށް އޭނާ ކުރި ތުހުމަތުތަކުގެ އަސާސެއް ނެތް ކަން ސާބިތުވެއްޖެ." ފުލުހުންގެ ވެރިޔާ ވިދާޅުވިއެވެ.
"އެއީ ކިހިނެއް؟" ގާޒީ ސުވާލު ކުރެއްވިއެވެ.
"ފުލުހުންގެ މައްޗަށް ކަންކަން ތުހުމަތު ކޮށް ވާހަކަ ދައްކަނީ މޮޔައިން ކަމަށް އޭނާ އެ ބުނަނީ. އަޅުގަނޑުމެންނަށް މިއަދާ ހަމަޔަށް ލިބިފައި އޮތީ ރީތި ނަމެއް." ފުލުހުންގެ ވެރިޔާ ވިދާޅުވިއެވެ.
"ތިޔަ ރީތި ނަމަށް ރައްކާތެރިވާނެ ކަމަށް އުއްމީދު ކުރަން." ގާޒީ ވިދާޅުވިއެވެ.
"އެހެން ކަމެއް އެބަ އޮތް ތޯ؟ އިއްޒަތްތެރި ގާޒީ!" ފުލުހުންގެ ވެރިޔާ ގާޒީ ކުރެން އެއްސެވިއެވެ.
*****
ފުލުހުންގެ ތަމްރީނީ ކުރިމަތިލުންތައް ފުލުހުން ތަމްރީނު ކުރާ މަރުކަޒުގެ ކުރިމަތީގައި އޮތް ހުސް ބިމުގައި ކުރިޔަށް ދަނީއެވެ. ފުލުހުންގެ ތަމްރީނާ އަލަށް ގުޅުނު ޒުވާނަކު ދައްކަމުން ދާ ހުނަރުތަކާ މެދު އެންމެން ވެސް ތިބީ ހައިރާން ވެފައެވެ.
ފުލުހުންގެ ވެރިޔާ ވެސް އެ ޒުވާނާގެ ހުނަރުތަކާ މެދު ތައުރީފު ކުރެއްވިއެވެ. އަދި އެހެން މީހުން ވެސް އެ ޒުވާނާގެ ކިބައިން ދަސްކުރުމަށް ވިދާޅުވިއެވެ. އެއަށް ފަހު އެ ޒުވާނާ ގާތަށް ވަޑައިގެން ސުވާލު ކުރެއްވިއެވެ.
"އޭ ޒުވާނާ! ތިބާގެ ނަމަކީ ކޮބާ؟"
"އަޅުގަނޑު ތޯ؟" އެ ޒުވާނާ ސިހިގެން ގޮސްފައި އެހިއެވެ.
"އާނ. ތިބާ. ތިބާއަކަށް ތިބާގެ ނަމެއް ނޭނގޭ ތަ؟" ފުލުހުންގެ ވެރިޔާ ސުވާލު ކުރެއްވިއެވެ.
"ނޫން. ސާހިބާ. އަޅުގަނޑަށް އަޅުގަނޑުގެ ނަން އެނގޭ. އަޅުގަނޑަށް ކިޔަނީ. ސަ. ސަލީމް." އެ ޒުވާނާ ބުންޏެވެ.
"ތަމްރީނުތަކުގައި ދެއްކި ހުނަރުތައް ވަރަށް ފުރިހަމަ. ސަލީމް! ދެން އޮތީ ތީރު ޖެހުމުގެ ތަމްރީނުތައް." ފުލުހުންގެ ވެރިޔާ ވިދާޅުވިއެވެ.
ތީރު ޖެހުމުގައި ވެސް އެހެން މީހުންނަށް ވުރެ ސަލީމުގެ ހުނަރުވެރިކަން ބޮޑެވެ. އެންމެ ފަހުން ސަލީމު ޖެހި ތީރު ގޮސް އަމާޒު ވީ ފިލާގަނޑުގެ ސީދާ މެދަށެވެ. އަމާޒު ބުރަށެވެ.
"ވަރަށް ފުރިހަމަ. ސަލީމް! ފުލުހުންގެ ތެރޭގައި ތިބާއަށް ވަރަށް ރަނގަޅު މުސްތަގުބަލެއް އޮތް ކަމަށް ދެކެން." ސިފައިންގެ ވެރިޔާ ވިދާޅުވިއެވެ. އަދި އެންމެންނާ މުހާތަބު ކުރައްވައި ވިދާޅުވިއެވެ.
"މި ވަގުތަށް ތަމްރީނުތައް ނިމުނީ. މި ވަގުތުކޮޅު އަރާމު ކޮށްލާ. ބޮލުގައި އަޅައިފައިވާ ތޮފި ނަގާ."
އެ ވަގުތު އެންމެން އެ މީހުންގެ ބޮލުގައި އަޅައިފައިވާ ތޮފިތައް ނެގިއެވެ. ސަލީމް ފިޔަވައެވެ.
"ކީއްވެ ތޮފި ނުނަގައި ތިހިރީ. ސަލީމް!" ފުލުހުންގެ ވެރިޔާ އެއްސެވިއެވެ.
"ބޮލުގައި އޮތް ތޮފި ނަގާކަށް އަޅުގަނޑު ބޭނުމެއް ނުވޭ." ސަލީމް ބުންޏެވެ.
"އެކަމަކު މި ވަގުތު އެންމެން ވެސް ތޮފި ނަގާން ޖެހޭނެ." ފުލުހުންގެ ވެރިޔާ އެ ޒުވާނާގެ ބޮލުގައި އޮތް ތޮފި ނަންގަވަމުން ވިދާޅުވިއެވެ. ބޮލުގައި އޮތް ތޮފި ނެގުމުން އެއީ އަންހެން ކުއްޖެއް ކަން އެންމެން ވެސް އެނގުނެވެ.
"މިއީ ކޮން ކަމެއް؟ އަންހެން ކުއްޖެއް.... " ފުލުހުންގެ ވެރިޔާ ހައިރާން ކަމާ އެކު ސުވާލު ކުރެއްވިއެވެ.
*****
"އަޅުގަނޑުގެ މި ޒިޔާރަތުން މަނިކުފާނަށް އުނދަގޫފުޅު ނުވާނެ ކަމަށް އުއްމީދު ކުރަން." ފުލުހުންގެ ވެރިޔާ ގާޒީއަށް ވިދާޅުވިއެވެ.
"އުނދަގުލެއް ނުވޭ." ގާޒީ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ތެރެއިން ފުލުހުންގެ މޮޔަ އޮފިސަރަކު މަނިކުފާނުގެ ދަރިކަނބަލުން ފިރިހެން ހެދުމުގައި ތަމްރީނުތަކުގައި ބައިވެރި ވުމުން، އެ ކަމަނާ ބަންދުކޮށް. ސަރިޔަތަށް ފޮނުވަން އުޅުނީ. އޭނާއަކަށް ނޭނގޭ، އެއީ ގާޒީގެ ދަރިކަނބަލުން ކަމެއް." ގޒީއާ ވާހަކަ ދައްކަވަމުން ފުލުހުންގެ ވެރިޔާ ވިދާޅުވިއެވެ.
"ގާޒީގެ ދަރިފުޅު ވީމާ މައްސަލަ ބަލައިގެން ނުވޭ ތޯ؟" ގާޒީ ސުވާލު ކުރެއްވިއެވެ.
"ނޫން. އެކަމަކު މިއީ ވަރަށް ކުޑަ މައްސަލައެއް. އެކަމަނާގެ ޒިޔާރަތުން އަޅުގަނޑުމެންނަށް ލިބުނީ ޝަރަފެއް. އަދި ފިރިހެނުންނާ އެއްވަރަށް މުބާރަޒާ ކުރަން ދެނެވަޑައިގަންނަވާ." ފުލުހުންގެ ވެރިޔާ ވިދާޅުވިއެވެ.
"އޭނާގެ ކަންކަން އެ ހެރީ އަޖައިބު ވަނިވި ގޮތަކަށް. އަހަށް ސަވާރު ވުމަށާއި މުބާރަޒާ ކުރުމަށް ލޯބި ކުރޭ. އޭނާއާ އެއް އުމުރުގެ އެހެން އަންހެން ކުދީންނާ ހިލާފަށް." ގާޒީ އެ މަނިކުފާނުގެ ދަރިކަނބަލުންގެ ކަންކަން ހުންނަ ގޮތުގެ ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.
"މައާފް ކުރައްވާ! އަޅުގަނޑު އިރުކޮޅަކަށް އެ ފަރާތަށް އެބަ ދަން." ގާޒީ ތެދުވެ ވަޑައިގަންނަވަމުން ވިދާޅުވިއެވެ.
"އާދެ. ސާހިބާ. ތިބާއަށް ފެނި ވަޑައިގަންނަވާ ގޮތަކަށް ހައްދަވާ. އަޅުގަނޑު ހަމަ އަމިއްލަ ގެ ކަމުގައި ހީކޮށްގެން އިންނާނަން." ފުލުހުންގެ ވެރިޔާ ވިދާޅުވިއެވެ.
*****
"ދަރިފުޅާ ސަލްމާ! ދަރިފުޅުގެ ބުއްދިއަށް ކިހިނެއް ވެގެން ކަމެއް ނޭނގޭ. ތި ގޮތަށް ކަންތައް ތި ކުރީ. މާދަމާ މުޅި ރަށުގައި އަޑު ފެތުރޭނެ. އަދި އެންމެންގެ ދޫ މަތީގައި އޮންނާނީ އަހަރެންގެ ނަން." ސަލްމާއާ މުހާތަބު ކުރައްވައި ގާޒީ ވިދާޅުވިއެވެ.
"އަޅުގަނޑު ނުކުރަން ބައްޕަ ދެރަފުޅު ވާނެ އެއްވެސް ކަމެއް." ސަލްމާ ރޮވިފައި ހުރެ ބުންޏެވެ.
"އަހަރެންގެ އިޒުނަ ނެތި ގެއިން ބޭރަށް ދިއުމާއި، ފިރިހެން ހެދުން އަޅައިގެން ގޮސް ފުލުހުންގެ ތަމްރީނުތަކުގައި ބައިވެރިވީ އަންހެން ކުއްޖަކަށް ވެ ހުރެ. ދެން މީހުން ބުނާނީ އަމިއްލަ ދަރިފުޅު ތަރުބިއްޔަތު ނުކުރެވޭ އަދި އަމިއްލަ ގެޔަށް ހުކުމް ނުކުރެވޭ މީހަކު ކިހިނެއް ހޭ އެހެން މީހުންގެ މައްޗަށް ހުކުމް ކުރާނީ!" ގާޒީ ކޯފާގެ ރާގުގައި ވިދާޅުވިއެވެ.
"ތިހާ ހަރުކަށިކޮށް އޭނާއާ ވާހަކަ ނުދައްކަވާ! އެއީ މަނިކުފާނުގެ ހުރި ހަމައެކަނި ދަރިކަނބަލުން. އެއީ މަނިކުފާނަށް ދެރަވާނެ ހެން ކަމެއް ކުރާން ކުރި ކަމެއް ނޫން." ކޮޓަރިއަށް ވަންނަމުން ވަދީދާ ބުންޏެވެ.
"ތިހެން ވާހަކަ ދައްކައިގެން އޭނާ ތި ހަލާކު ކުރަނީ. އޭނާ ނުކުތް އިރު ކޮންތާކު ހުރީ." ގާޒީ ވަދީދާއާ ދިމާއަށް ބުންޏެވެ.
"އަޅުގަނޑަށް އޮތީ ނިދިފައި." ވަދީދާ ޖަވާބު ދިނެވެ.
"ތި އިހުމާލަށް އަދަބު ލިބޭނެ." ގާޒީ ވިދާޅުވިއެވެ.
"މެހުމާނު ހިނގައްޖެ ތަ؟" ފުލުހުންގެ ވެރިޔާއަށް ނިސްބަތް ކުރައްވައި ގާޒީ ވަދީދާއާ ސުވާލު ކުރެއްވިއެވެ.
"އޭނާ މަނިކުފާނަށް އިންތިޒާރު ކުރަނީ. އަދި އިތުރަށް ޖޫސް ބޭނުންވެފައި ހުރީ. މިހާތަނަށް ފަސް ތަށި ދީފިން."ވަދީދާ ބުންޏެވެ.
*****
"މި ޙަލްވާ ވަރަށް މީރު. މިޔަށް ކިޔައި އުޅެނީ ގާޒީގެ ސުވާ. މީގެ ކުރީން އެތައް ތަނަކުން މި ކެއިން. އެކަމަކު ގާޒީގެ ގެއިން މި ކާ އިރު މާ ތަފާތު." ފުލުހުންގެ ވެރިޔާ ވިދާޅުވިއެވެ.
"ހާދަހާ މަޖާ ބޭފުޅެކޭ ތިއީ. ކުރިޔަށް ގެންދަވާ. އުފާވެރިކާމައި ފުރިހަމަ ސިއްހަތަކާ އެކު." ގާޒީ ވިދާޅުވިއެވެ.
"ނޫން. މި ފަހަރު ފުދިއްޖެ." ފުލުހުންގެ ވެރިޔާ ވިދާޅުވިއެވެ.
"މިގެއަށް ވަޑައިގަތުން ވީ އަޅުގަނޑުމެންނަށް ލިބުނު ޝަރަފަކަށް." ގާޒީ ވިދާޅުވިއެވެ.
"ޝުކުރިއްޔާ! އަޅުގަނޑު އެދެނީ ސާހިބާގެ ވަގުތު އަދި އިތުރު ޒިޔާރަތަކަށް ފުރުސަތު ދިނުން. މަނިކުފާނުގެ ދަރިކަނބަލުން ސަރިޔަތަށް ފޮނުވާ ވާހަކަ ދެކެވޭ ކޮންމެ އިރަކު އަޅުގަނޑަށް ހެވޭ. ނަފްސު ކޮންޓްރޯލެއް ނުކުރެވޭ." ފުލުހުންގެ ވެރިޔާ ވިދާޅުވިއެވެ.
"އަޅުގަނޑަށް ވެސް އަޅުގަނޑުގެ ނަފްސު ބައެއް ފަހަރު ކޮންޓްރޯލެއް ނުކުރެވޭ. ސަލާމަތާ އެކު ވަޑައިގަންނަވާ!" ގާޒީ ވިދާޅުވިއެވެ. ގާޒީ އެހެން ވިދާޅުވުމުން ފުލުހުންގެ ވެރިޔާ ތެދުވެއްޖެއެވެ. އަދި ވިދާޅުވިއެވެ.
"ޝުކުރިއްޔާ!
*****
"ބާއްޖަވެރި ހެނދުނެއް. ޤަމަރު." ގާޒީ އެ މަނިކުފާނުގެ އަހާ މުހާތަބު ކުރައްވައި ވިދާޅުވިއެވެ. އެހެން ވިދާޅުވުމުން އަހުގެ ފަރާތުން އެއްވެސް އިޝާރާތެއް ނައުމުން ގާޒީ ވިދާޅުވިއެވެ.
"މިއަދު އެއްވެސް ޖަވާބެއް ނުދިނީ ކީއްވެ. ހިނގާ ފަނޑިޔާރުގެއަށް. ހިނގާ. ކިހިނެއް ވެފައި ތިޔަ އޮތީ." ގާޒީ އަނެއްކާ ވެސް ސުވާލު ކުރެއްވިއެވެ.
"ތި އޮތީ ރުޅި އައިސްފައި ދޯ؟ ތީގެ ސަބަބަކީ ސަލްމާ ތަ؟ އަހަންނަށް އެނގޭ އޭނާއަކީ ކަލޯގެ ރަހުމަތްތެރިއެއް ކަން. ކަލޯއަށް ހީ ކުރެވެނީ ތަ އަހަރެން އޭނާގެ ނިސްބަތުގައި ގޯހެއް ހަދައިފި ކަމަށް. ނޫން. އަހަރެން އަނިޔާވެރިއެއް ނުވަން. އިންސާފުން ބޭރެއް ނުވަން. ރުޅި އަންނަން ޖެހެނީ އަހަރެން. އޭނާގެ މުއާމަލާތްތަކަށް އަދަބު ލިބެން ޖެހޭ." ގާޒީ އަހާ ދިމާއަށް ބައްލަވާން ހުންނަވައިގެން ވިދާޅުވިއެވެ.
*****
"ސަލްމާ ދަރިފުޅާ! ދަރިފުޅާ ވާހަކަ ދައްކައިލަން ބައްޕަ ބޭނުން." ގާޒީ ވިދާޅުވިއެވެ.
"އަޅުގަނޑު ބައްޕައެއް އުނދަގޫ ކުރާ ކަށް އެއްވެސް ކަމެއް ނުކުރަން. އަޅުގަނޑުގެ ވާހަކަ ގަބޫލު ކުރައްވާ! އަޅުގަނޑަށް މައާފު ކުރައްވާ!" ސަލްމާ ވަރަށް ދެރަވެފައި ހުރެގެން ވާހަކަ ދެއްކިއެވެ.
"ބައްޕަ ހައިރާން ވީ ދަރިފުޅު ފިރިހެން ހެދުން އަޅައިގެން ދިޔައިމާ." ގާޒީ ވިދާޅުވިއެވެ.
"އަޅުގަނޑު ބޭނުންވީ ބައްޕަ ފަޚުރުވެރިވާނެ ފިރިހެން ދަރިކަލަކަށް ވާން." ސަލްމާ ވަރަށް މައުސޫމު ގޮތަކަށް ބުންޏެވެ.
"ތީ ކޮން ބޭކާރު ވާހަކައެއް. ބައްޕަ އަބަދުވެސް ދަރިފުޅާ މެދު ފަޚުރުވެރިވަން. ތި ނޫން ދަރިފުޅަކު ބޭނުން ވެގެން ބައްޕައެއް ނޫޅެން. ތިއީ ﷲ ބައްޕައަށް ދެއްވި ހަދިޔާއެއް. ﷲ ގެ ވަހީ ބަސްފުޅު އަޑެއް ނާހަންތަ؟ يَهَبُ لِمَنْ يَشَاءُ إِنَاثاً وَيَهَبُ لِمَنْ يَشَاءُ الذُّكُور މާނައީ އެކަލާނގެ އިރާދަކުރައްވާ މީހަކަށް އަންހެންދަރިން ދެއްވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފިރިހެންދަރިން ދެއްވަތެވެ." ގާޒީ ވިދާޅުވިއެވެ.
"މަތިވެރި ﷲ ގެ ބަސްފުޅު ތެދު."
"އެކަމަކު ފިރިހެނުން އަންހެނުންނަށް ވުރެ މަތިވެރި ނޫން ތޯ؟ ހަނގުރާމައިގައި އެމީހުންގެ ދައުރު ބޮޑު." ސަލްމާ ސުވާލުގެ ރާގެއްގައި އެހިއެވެ.
"ދަރިފުޅު ތިޔަ ދައްކަނީ ފިރިހެނުންނާ ހަވާލު ކުރެވިފައިވާ މަސްއޫލިއްޔަތުތަކުގެ ވާހަކަ. އަންހެނުންނާއި ފިރިހެނުންގެ މަސްއޫލިއްޔަތުތައް ތަފާތު. ކޮންމެ ބަޔަކު ވެސް ޚަލްޤު ކުރައްވައިފައިވަނީ އެ ބަޔަކާ ހަވާލު ކުރެއްވި މަސްއޫލިއްޔަތުތައް ޖިސްމާނީ ގޮތުން އަދާ ކުރުމަށް އެކަށޭނަހެން. ކޮންމެ ބަޔަކު ވެސް މަސްއޫލިއްޔަތު އަދާ ނުކޮށްފި ނަމަ ސުވާލު ކުރެވޭނެ." ގާޒީ ވިދާޅުވިއެވެ.
"ބައްޕަ ތިޔަ ގޮތަށް ތި ވާހަކަ ދައްކަވަނީ އަޅުގަނޑު ހިތްހަމަ ޖައްސަވައި ދެއްވާން. އަޅުގަނޑަކީ އަންހެން ކުއްޖަކަށް ވާތީ." ސަލްމާ ބުންޏެވެ.
"އަންހެނުން ނެތި އިންސާނީ ހަޔާތެއް އޮންނާނެތަ؟ ހުރިހާ އިންސާނުންގެ މަންމަ ޙައްވާގެފާނަށް ބަލަމާ. އާދަމުގެފާނު އެކަންޏަކު ނޫން ބިމުގައި ދިރިއުޅުއްވާން ފޮނުއްވީ. ޙައްވާގެފާނު ވެސް ފޮނުއްވި. އެ ދެކަނބަލުންނަކީ ދެ އިންސާނުން. އިންސާނުންގެ ގޮތުގައި އަންހެނުންނާއި ފިރިހެނުންނަކީ ދަރަޖަ ހަމަހަމަ ބައެއް. ތަފާތުވަނީ މަސްއޫލިއްޔަތުގައި." ގާޒީ ވިދާޅުވިއެވެ.
"ޙައްވާގެފާނު ނޫން ތޯ އާދަމުގެފާނު ޖަންނަތުން ބޭރުވުމުގެ ސަބަބަކީ؟" ސަލްމާ ބުންޏެވެ.
"ތިއީ ކޮންތާކުން ގެނައި ދަލީލެއްގެ މައްޗަށް ދައްކާ ވާހަކައެއް؟" ގާޒީ ސުވާލު ކުރެއްވިއެވެ.
"މީހުން އެހެން ކިޔާ އަޑު އަހަން." ސަލްމާ ބުންޏެވެ.
"އެ ގޮތަށް ވާހަކަ ދައްކާ މީހުންގެ ޖާހިލުކަން. ޤުރްއާނުން ދަލީލު ނުލިބޭ ގޮތަށް ވާހަކަ ދައްކައިގެން ނުވާނެ. ގާޒީގެ ދަރިފުޅަށް ވެ ހުރެ ޖާހިލުންގެ ވާހަކަތައް އުފުލާ މީހަކަށް ދަރިފުޅު ވެގެން ތިއުޅެނީ ކީއްވެ؟" ގާޒީ އެމަނިކުފާނުންގެ ދަރިފުޅަށް އޮޅުން ފިލުވައި ދެއްވަމުން ވިދާޅުވިއެވެ.
"އެހެންވިއްޔާ ހަގީގަތަކީ ކޮބައިތޯ؟" ސަލްމާ ސުވާލު ކުރިއެވެ.
"ހަގީގަތް އެ ވަނީ ﷲ ސުބްޙާނަހޫ ވަތަޢާލާ ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވާފައި. ﷲ އާދަމުގެފާނު ލެއްވި ބަގީޗާ ނުވަތަ ޖަންނަތުގައި އެކަލޭގެފާނު އެންމެ ފުރަތަމައަށް އުޅުއްވަމުން ގެންދެވީ ގިނިކަންޏާ. ދެން ﷲ ޙައްވާގެފާނު ޚަލްޤު ކުރައްވައި އިންސާނީ ޖޯޑު ފުރިހަމަ ކުރެއްވި. އާދަމުގެފާނަށް ޙައްވާގެފާނު ފެނިވަޑައިގަތުމުން އެކަމަނާ ދެކެ ވަގުތުން ލޯބިވެވަޑައިގެންނެވިއްޖެ. އަދި އެކަމަނާއަށް ޙައްވާއޭ ވިދާޅުވެ ނަންފުޅު ދެއްވި. ނަން ދެއްވުމުގެ ހުނަރާއި ޢިލްމަކީ މިއީ ﷲ އާދަމުގެފާނަށް ދެއްވި ގާބިލުކަމެއް. ޙައްވާއޭ ވިދާޅުވެ ނަން ދެއްވީ އާދަމުގެފާނުގެ ހަށިކޮޅު ދިރިދިރިވާ ޙާލުގައި އެ ހަށިކޮޅުން ޚަލްޤު ކުރެއްވި ދިރުމަކަށް އެކަމަނާ ވާތީ. ޙަޔާތު މި އަޞްލުން. އާދަމުގެފާނަށް ޓަކައި ޙައްވާގެފާނު ވެވަޑައިގަތީ ޙަޔާތް ކަމުގައި. ޠާހާ ސޫރަތުގެ 117 ވަނަ އާޔަތުން 122 ވަނަ އާޔަތުގެ ނިޔަލަށް ކިޔުމުން ކަން ހިނގި ގޮތް ސާފުވާނެ. އެ އާޔަތްތަކުގައި ވަނީ މި ގޮތަށް. ބިސްމި ﷲ. - ފަހެ، ތިމަންއިލާހު وحى ކުރެއްވީމެވެ. އޭ آدم ގެފާނެވެ! ހަމަކަށަވަރުން، މިއީ ކަލޭގެފާނާއި، ކަލޭގެފާނުގެ އަނބިކަނބަލުންނަށްހުރި عداوة ތެރިޔެކެވެ. ފަހެ، އެކަލޭގެ ތިޔަ ދެކަނބަލުން ސުވަރުގެއިން ނެރެލިޔަނުދެއްވާހުށިކަމެވެ! އޭރުން ކަލޭގެފާނު ދަތިތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފާނެތެވެ. (117) ހަމަކަށަވަރުން، ކަލޭގެފާނަކަށް އެތާނގައި ބަނޑުހައިވުމެއްނުވެތެވެ. އަދި އުނުއޮރިޔާންވުމެއްވެސް ނުމެވޭމެއެވެ. (118) އަދި ހަމަކަށަވަރުން، ކަލޭގެފާނަށް އެތާނގައި ކަރުހިއްކުމެއް ނުލިބޭނެތެވެ. އަދި ކަލޭގެފާނަށް އަވީގެ ހޫނެއްވެސް ނުމެވާނެމެއެވެ. (119) ފަހެ، شيطان އާ އެކަލޭގެފާނަށް ވަސްވާސްދީ ބުންޏެވެ. އޭ آدم ގެފާނެވެ! (އެ ގަހުން ފަރިއްކުޅުއްވައިފިނަމަ، ކަލޭގެފާނު އަބަދަށް ދެމިހުންނަވާނެ) شجرة الخُلد ގަހާއި، ފަނާވެގެންނުދާނޭ ވެރިކަމެއް، ކަލޭގެފާނަށް ތިމަން ދައްކަންތޯއެވެ؟ (120) ފަހެ، އެ ދެކަނބަލުން އެ ގަހުން ފަރިއްކުޅުއްވިއެވެ. ދެން އެ ދެކަނބަލުންގެ عورة، އެ ދެކަނބަލުންނަށް ފާޅުވިއެވެ. އަދި ސުވަރުގޭގެ ފަތްތަކުން عورة ނިވާކުރައްވަން ފެއްޓެވިއެވެ. އަދި آدم ގެފާނު އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް އުރެދިވަޑައިގަތެވެ. ފަހެ، އެކަލޭގެފާނުގެ مقصد حاصل ނުވެ މަގުގެއްލުނެވެ. (121) ދެން އެކަލޭގެފާނުގެ ވެރިރަސްކަލާނގެ، އެކަލޭގެފާނު خيار ކުރެއްވިއެވެ. ފަހެ، އެކަލޭގެފާނުގެ މައްޗަށް توبة ލައްވައި ތެދުމަގު ދެއްކެވިއެވެ. (122). މި އާޔަތްތަކުން އެބަ އެނގޭ އިބިލީސް ވަސްވާސް ދިނީ އާދަމުގެފާނަށް ކަމާއި އެ ވަސްވާހުގައި ޖެހިވަޑައިގަތީ އާދަމުގެފާނުކަން. " ގާޒީ އެމަނިކުފާނުގެ ދަރިކަނބަލުން ކިޔައިދެއްވަމުން ގެންދެވިއެވެ.
"އެހެންވީމާ ޙައްވާގެފާނު ވަސްވާހުގައި ޖެހި ވަޑައިގެން އާދަމުގެފާނު އަރިހުގައި އާދޭސްކޮށްގެން އެކަލޭގެފާނު ހައްލައިލެއްވީ ކީ ނޫން ތާ! އިބިލީހުގެ ވަސްވާހުގައި ޖެހިވަޑައިގަތީ ޚުދު އާދަމުގެފާނު. އެހެންނު؟" އޮޅުންފިލުވުމުގެ ޝައުގުވެރިކަމުގައި ސަލްމާ ބުންޏެވެ.
"ކަން އޮތީ ތިޔަ ހެން. އެކަމަކު މަނާ ކުރެއްވި ގަހުން އެ ދެބޭފުޅުން ވެސް ފަރީކުޅުއްވި. ވީމާ އެކަމުގައި އެކަމަނާ ވެސް ބައިވެރިވެވަޑައިގަތް. އެކަމަކު އެކަމަނާއެއް ނޫން އާދަމުގެފާނު މަގުފުރެއްދީ. އާދަމުގެފާނަށް ވަސްވާސް ދިނީ އިބިލީސް. ދެން އެ ދެކަނބަލުން ތިއްބެވި ބަގީޗާ ނުވަތަ ޖަންނަތުން ބޭރުވެ ބިމުގެ އެހެން ތަނެއްގައި ވަޒަންވެރިވާން އެންގެވީ." ގާޒީ އޮޅުންފިލުވައިދެއްވިއެވެ.
"ތިޔަ ވާހަކަ ނިމުނީ ތޯ؟" ސަލްމާ އެހިއެވެ.
"ނޫން. އާދަމުގެފާނާއި ޙައްވާގެފާނުގެ ވާހަކަ އަދި ކިރިޔާ މި ފެށުނީ." ގާޒީ ކިޔައިދިނެވެ.
"ދެން ވީ ކިހިނެއް ތޯ؟" ސަލްމާ ސުވާލު ކުރިއެވެ.
"މިހާރު ވަރަށް ލަސްވެއްޖެ ދަރިފުޅާ! މާދަމާ އިންޝާ ﷲ. އިންސާނީ ނައުޢުގެ މަންމަ ޙައްވާގެފާނުގެ ވާހަކައިގެ ދެން އޮތް ބައި ކިޔައިދޭނަން." ގާޒީ ޞަފިއްޔުއްދީން އެމަނިކުފާނުގެ ދަރިކަނބަލުން ގާތުގައި ވިދާޅުވިއެވެ.