06 May 2019, 13:30
ހދ. ކޭލަކުނުން - ބޯ ކަނޑޫފަލުގެ ތެރެއިން ހިނގަން ޖެހުނީ ދަތި އުނދަގުލާ އެކު އެވެ. ފަޔަށް ލިބޭ ހަމައެކަނި ރައްކަލަކަށް ވެފައި އޮތީ އަރައިގެން ހުރި އާދައިގެ ފައިވާނެކެވެ. ފައިވާން ފޫ އަޅުވާލާފައި ކަނޑޫ ގަސްތަކުގެ ތޫނު ބުޑުތައް ވަދެ ފައިގެ އަރިމަތިން ތަންތަންގަނޑު ކަނޑަކަނޑައިގެންދެ އެވެ.
އެކަމަކު އެ ލިބެމުން ދިޔަ އަނިޔާއަކަށް ފަރުވާލެއް ނުބެހެއްޓުނެވެ. ވަށައިގެން ފެންނަމުން ދިޔަ ހދ. ކޭލަކުނުގެ އަޖައިބެއް ފަދަ ވެއްޓާއި، ހިތްގައިމު ގުދުރަތީ މަންޒަރުތަކުން އަހަރެން ހުރީ ޝޯޚުވެ، ހިތް ފުރިފަ އެވެ.
އުމުރުން އެއްފަހަރު ލިބޭ ނަސީބެއް
މި ރަށަކީ ރާއްޖޭގެ އެހެން ރަށްރަށާ މުޅިން ތަފާތު ރަށެކެވެ. ބައިނަލްއަގްވާމީ މިންގަނޑުތަކުން ބަލާ ނަމަ ރާއްޖޭގައި ބިޔަ ޖަންގައްޔެއް އޮތް ހަމައެކަނި ރަށަކީ މި އެވެ. މި ރަށް ބަލާލުމުގެ ޝައުގުވެރިކަން އަހަރެން ހިތުގައި އަބަދުހެންމެ އޮތީ މި ސަބަބާ ހުރެ އެވެ.
މި ރަށަށް އަންނަން ފުރުސަތު ލިބުނީ ހދ. ކުޅުދުއްފުއްޓަށް ކުރި ދެ ދުވަހުގެ ޒިޔާރަތެއްގެ ތެރެއިން، ކުރިން އުންމީދު ނުކުރާ ގޮތަކަށެވެ. އެ ރަށަށް ދިޔައީ އެ ރަށުގެ ކުޅިއާ ބެހޭ ދިރާސާއެއް ހެދުމަށް ސަރުކާރުން ފޮނުވި ބޭރުގެ މާހިރުންގެ މަސައްކަތް ބަލައިލާށެވެ.
މާހިރުންގެ ޓީމުގެ މަސައްކަތް ނިމުމުން، އެ މީހުންނަށް ކޭލަކުނު ދައްކާލަން ދަތުރެއް ރޭވި އިރު، ނަސީބު ރަނގަޅުކަމުން އަހަރެންގެ ނަން އެ ދަތުރު ލިސްޓްގައި ޖަހާފައި އޮތެވެ.

ހދ. ކޭލަކުނު: އެ ރަށަށް އަރާ ނަމަ ފައިބަން ޖެހޭނީ ރަށުގެ ފަޅު ތެރެއަށް -- ސަން ފޮޓޯ/ ނަޖާހު މަސްއޫދު
ދަތުރުގެ ފެށުން
މެންދުރުގެ ކެއުމަށް ފަހު ނުކުމެ، ކުޅުދުއްފުށިން ފުރައިގެން ލޯންޗެއްގައި ކަނޑުގެ ލޮނުގަނޑު ކަފަމުން، ފަނަރަ ވަރަކަށް މިނެޓު ތެރޭގައި، އަހަރުމެން އައިސް މިތިބީ ކޭލަކުނުގަ އެވެ. މި ރަށުގައި ފާލަމެއް ނުހުންނާތީ ލޯންޗުން ފައިބަން ޖެހުނީ، ރަށުގެ ފަޅު ތެރެއަށެވެ. އަތުގައި އޮތް ފޯނުގައި ފެން ނުޖެހޭނެ ގޮތެއް ބަލައިގެން މޫދަށް ފުންމާލައި އެއްގަމާ ދިމާލަށް މަޑު މަޑުން މިސްރާބު ޖެހީމެވެ.
މަގު ދައްކަމުން ދިޔައީ ކުޅުދުއްފުށީގެ ހަރު އުމުރުގެ ބޭބެއެކެވެ. އެއްގަމަށް އަރައިގެން ކަނޑާފައި އޮތް މަގަކުން އޭނާގެ ފަހަތުން ރަށު ތެރެއަށް ވަން އިރު އެންމެ ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ ވީރާނާވެފައިވާ ކުޑަ ކުޑަ ގެއެކެވެ.

ހދ. ކޭލަކުނު: އެ ރަށުގެ އަތިރިމައްޗާ ކައިރި ސަރަހައްދެއްގައި ގަލުން ހަދާފައި ހުރި "ގެއެއް": ބޮޑަށް ބެލެވެނީ އެއީ ޒިޔާރަތެއް ކަމަށް -- ސަން ފޮޓޯ/ ނަޖާހު މަސްއޫދު
މި ރަށަކީ މީގެ ކުރިން މީހުން ދިރިއުޅުނު ރަށެކެވެ. އަދި މީގެ ކުރިން އެ ރަށް ވަރުވާއަށް ވެސް ދޫކުރި އެވެ. އެހެންވީމާ، އެއީ އެކަމުގެ ނިޝާންތައްކަން ޔަގީންވި އެވެ.
މި ރަށުން މީހުން ފޭބީ، އައި ބޮޑު ތޫފާނެއްގައި އެ ރަށް ސުންނާފަތިވުމުން ކަމަށް ތާރީހުގައި ލިޔެފައިވެ އެވެ. އެޗްސީޕީ ބެލް ލިޔުއްވާފައިވާ ގޮތުގައި އެކަން ހިނގީ ހިޖުރައިން 1235 ވަނަ އަހަރު ރަބީއުލްއައްވަލް މަހުގެ ތެރޭގަ އެވެ. އެއީ މީލާދީ ގޮތުން 1820 ވަނަ އަހަރުގެ ތެރޭގަ އެވެ.
ގޮނޑުދޮށާ ސަތޭކައެއްހާ ފޫޓު ދުރުގައި ހަދާފައި ހުރި އެ ގޭގެ ތެރެއަށް ބޯކޮށްޕައި ރަނގަޅަށް ބަލާލި އިރު އެއީ އިންސާނަކަށް ދިރިއުޅެވޭނެ ވަރަށް ފުރާޅު ތިރި، ޖާގަ ވެސް ކުޑަ ގެ އެކެވެ.
ބެލެވޭ ގޮތުގައި އެތަނަކީ މީހަކު ވަޅުލާފައިވާ ޒިޔާރަތެކެވެ. ކޭލަކުނުގައި މީހުން ދިރިއުޅުނުު ޒަމާނުގައި މީހުން ދިރިއުޅޭ ގެތައް ހުންނާނީ ލަކުޑި އާއި ފަނުން ހަދާފައި ކަމަށް ތާރީހު ހެކިދެ އެވެ. ނަމަވެސް، ޒިޔާރަތްތައް ހަދާފައި ހުންނަނީ ގަލުންނެވެ. އެހެންވީމާ، އަހަރެންގެ ބުއްދި ވެސް ބޮޑަށް ބުރަވީ އެއީ ޒިޔާރަތެއް ކަމަށެވެ.

ހދ. ކޭލަކުނު: އެ ރަށުގައި ކަނޑާފައި ހުރި މަގެއް -- ސަން ފޮޓޯ/ ނަޖާހު މަސްއޫދު
އެ ޒިޔާރަތް ފަސްދީފައި ދަތުރުގެ ބައިވެރިން ހިނގައިގަތީ ރަށުގެ ޗަކަ ބިން ސަރަހައްދާ ދިމާލަށެވެ. އަހަންނަށް މިހާރު އެ ވަދެވެނީ މި ރަށުގައި އޮތް ބޮޑު ކަނޑޫ ފަލަށެވެ.
ކަނޑޫފަލުގެ ތެރޭގައި
ކުދި ރުއްތަކުގެ ފަނުންނާއި އެކި ބާވަތް ބާވަތުގެ ގަސްގަހުގެ ގޮފިތަކުން ރެކެމުން، ގުދުވަމުން ކަނޑޫ ފަލާ ހަމައަށް އާދެވިއްޖެ އެވެ.
ފެނުނީ ކަނޑޫ ގަހަކަށް ފަހު ކަނޑޫ ގަހެކެވެ. އެ ގަސްތައް ވަނީ ކައިރި ކައިރީގައި ހެދިފަ އެވެ. ލޮލުގެ ކޮޅަށް އޮބާލާ ހިސާބަށް ކަނޑޫ ފާ އޮތީ ފެތުރިފަ އެވެ. ބައެއް ގަސްގަހުގެ ދިގުމިން ތިރީހަކަށް ފޫޓަށް އަރާނެ އެވެ. ބައެއް ތަންތަނުގައި ބަނޑާ ހަމައަށް އަރާ ވަރަށް ކުދި ކުދި ކަނޑޫ ގަސްތައް ހެދިފައި ހުއްޓެވެ. އެއީ ހަޔާތުގައި ވެސް ކަނޑޫ ފަލެއްގެ ތެރޭގައި ހުރެވުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިން އަދި މިކަހަލަ ކަމެއް ނުދެކެމެވެ.

ހދ. ކޭލަކުނު: އެ ރަށުގެ ޗަކަބިމުގައި ކައިރި ކައިރީގައި ކަނޑޫ ހެދިފައިވޭ. އެއީ ހިތްގައިމު ތަނެއް -- ސަން ފޮޓޯ/ ނަޖާހު މަސްއޫދު
މޭނާ ހައްސާނުގެ ލަވައިގައި ބުނާ ހެން، "ކަނޑޫފާ ފަލުގެ ތެރެއިން ޖެހޭ ފިނި ރޯޅިން މޭ" ފުރިގެނެއް ނުދިޔަ އެވެ. އުންމީދު ކުރީ އެ ލަވައިން ބުނެދޭން އުޅޭ އިހުސާސުތައް އެ ދުވަހު ތަޖުރިބާ ކުރެވޭނެ ކަމަށެވެ. އެކަމަކު އެ ކަނޑޫފަލު ތެރެެއިން ފިނި ރޯޅިއެއް ނުޖެހެ އެވެ. މެއަށް ފިނިކަމެއް ނުލިބުނެވެ. އިރުވައި މޫސުމާ އެކު ފިނި ވައިރޯޅި ބަދަލުވުމުން ވައިގެ ތެރޭގައި ހުރީ ހޫނު، ތެތް ކަމެކެވެ.
ޗަކަ ބިމުގައި އެންމެ ގިނައިން ހެދިފައި ހުރީ ކަނޑޫ ނަމަވެސް، އެންމެ ބޮޑަށް އަޅައިގަތީ އެ ކަނޑޫ ގަސްތަކުގެ ތެރޭގައި ހެދިފައި ހުންނަ މާސިންގާ އަވިސެނިއާ މެރީނާ، ނުވަތަ ބަރު ގަހެވެ. މި ރަށުގެ ހައިބަތު ދައްކައިދެނީ އެ ބިޔަ ގަސްތަކުންނެވެ.

ހދ. ކޭލަކުނު: އެ ރަށުގައި ހެދިފައި ހުރި ބަރު ގަހެއް. އެ ރަށުގައި ގިނަ އަދަދެއްގެ ބަރުގަސް ހެދިފައި ހުރޭ -- ސަން ފޮޓޯ/ ނަޖާހު މަސްުއޫދު
ބަރު ގަހަކީ ރާއްޖޭގެ ނިސްބަތުން ވެސް މަދުން ފެންނަ ގަހެކެވެ. މި ރަށުން ފިޔަވައި ދެން އެ ގަސް ރާއްޖެއިން ފެންނާނީ ކުޅުދުއްފުށިން އެވެ.
ބްލޫޕީސް މޯލްޑިވްސް އިން ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ކޭލަކުނުގެ ބިމުގެ ސަރަހައްދުގައި ޖުމްލަ 110 ހެކްޓަރު ހުރެ އެވެ. އޭގެ ތެރެއިން ކަނޑޫފާ ހިމެނޭ ޗަކަބިން ސަރަހައްދުގައި ހުންނަނީ 10.8 ހެކްޓަރެވެ. އެއީ ރަށުގެ ބިމުގެ 9.8 ޕަސެންޓެވެ.

ހދ. ކޭލަކުނު: އެ ރަށުގެ ކަނޑޫފަލުގައި ކައިރި ކައިރީގައި ކަނޑޫ ހެދިފައިވޭ. އެތަގައި ހިނގުމަކީ އުނދަގޫ ކަމެއް -- ސަން ފޮޓޯ/ ނަޖާހު މަސްއޫދު
ހިތްގައިމު ދެ ކުޅިއެއް
ނިކަން ފަރުވާ ބަހައްޓައިގެން ޗަކަ ބިމުގައި ފިޔަވަޅު އަޅަމުން ގޮސް، ނުކުމެވުނީ މުށި ކުލައިގައި ހުރި ފެންގަނޑެއްގެ ތެރެއަށެވެ. އެ ފެންގަނޑަށް އެ ކުލަ ލިބިފައި ވަނީ އަޑީގައި ހުރި ޗަކައިގެ ސަބަބުންނެވެ.
މަގު ދައްކަމުން ދިޔަ ބޭބެ ބުނި ގޮތުގައި އަހަރުމެންނަށް އާދެވިފައި އެތިބީ ރަށުގެ ކުޑަ ކުޅި އަށެވެ.
ކޭލަކުނުގައި ދެ ކުޅިއެއް އޮވެ އެވެ. އެ ދެ ކުޅި ވެސް އޮންނަނީ ގާތްގާތުގަ އެވެ. ދެ ކުޅީގެ ތެރެއިން ކުޑަ ކުޅީގައި 0.07 ހެކްޓަރު ހުރެ އެވެ. ބޮޑު ކުޅީގައި ހުންނަނީ 0.09 ހެކްޓަރެވެ.
ބޮޑު ކުޅިއެކޭ އެއްގޮތަށް ކުޑަ ކުޅީގެ ފެންގަނޑާ ކައިރި ވަށާލާފައި ހުރީ، މުޅިން ވެސް ޓޯލް ސްޓިލްޓެޑް މެންގްރޫވް، ނުވަތަ ތަކަފަތި ގަސްތަކެވެ.

ހދ. ކޭލަކުނު: އެ ރަށުގައި ހުންނަ ދެ ކުޅީގެ ތެރެއިން ކުޑަ ކުޅި. ކުޅީގެ ފެންގަނޑު ވަށައިގެން ހެދިފައި ވަނީ ތަކަފަތި -- ސަން ފޮޓޯ/ ނަޖާހު މަސްއޫދު
ފެންގަނޑާ ހިސާބަށް ދެވުނު އިރު ފައިގެ އެކި ތަންތަނުން ހުރީ ކަނޑަކަނޑައިގެން ގޮސްފަ އެވެ. އަދި މީހާ ހުރީ އެހާމެ ވަރުބަލިވެފަ ލޮޑުވެފަ އެވެ. އެެހެންވެ، އަހަރެން ބެލީ ކުރިމަތިން ފެންނަން އޮތް ކުޅީގެ ފެންގަނޑުގެ ތެރެއަށް ފައި ކޮށްޕާލާށެވެ. ދުުރުގައި ފައިވާން ބަހައްޓާފައި ހަމަ ރަނގަޅަށް ވެސް ކުޅިއަށް އެރުނީ އެވެ.
ފެންގަނޑުގެ ފިނި ހޫނުމިން ހީކުރި ވަރަށް ވުރެ މައްޗެވެ. ފެނުގެ އަޑީގައި ހުރީ މަޑު ޗަކައެކެވެ. ނަމަވެސް، އަޑީގައި ބޮލިތަކެއް ހުރުމުން ހިނގަން ޖެހުނީ ބަލައިގެންނެވެ.
ރަށް ތަޖުރިބާކުރުމަށް ފަހު ފުރަން ލޯންޗަށް ދިޔަ އިރު ދުވާލުގެ އަލި ގެއްލެން އޮތީ ބައިގަޑިއެއްހާއިރެވެ. އެކަމަކު އެ ރަށުން ފައިބާ ހިތެއް ނުވި އެވެ. ބޭނުންވީ މި ބިޔަ ގަސްތަކުގެ ހިޔަލުގައި އަބަދަށް ނިދާށެވެ. ލޯންޗަށް އަރައިގެން އެނބުރި ކުޅުދުއްފުއްޓާ ދިމާލަށް ދަތުރު ކުރަމުން ދިޔަ އިރު ހިތުގައި އެއް ސުވާލެއް އެނބުރެމުން ދިޔަ އެވެ. ކޭލަކުނުހާ ގުދުރަތީ ގޮތުން މުއްސަނދި އެހެން ރަށެއް މި ރާއްޖޭގައި އޮންނާނެ ހެއްޔެވެ؟ ހަމަގައިމު ވެސް އަހަންނެއް ނުދެކެމެވެ.