07 May 2019, 09:26
ޓީވީއެމްގެ ނޫސްވެރިއެއްގެ ގޮތުން އާންމުންގެ ތެރޭގައި މަގުބޫލުކަން ހޯދި ޝައުފާ ހުސެއިން (ޝައު)އަކީ މިއަދު ހަމައެކަނި ޖާނަލިސްޓެއް ނޫނެވެ. މީސްމީޑިއާގައި މަޝްހޫރު@mykitchenstorymvއަކީ އޭނާގެ ކަލްނަރީ ބްލޮގެވެ. ސަން ބަދިގެއިން މި ރޯދަމަހު ފެނިގެންދާ ފުރަތަމަ ހަ ރެސިޕީއަކީ ޝައު އަހަރެމެންނަށް ތައްޔާރުކޮށްލަދިން ރަހަމީރުު ރެސިޕީތަކެކެވެ.
އާންމު އެހެން މީހުންނާ ތަފާތުކޮށް ޝައުފާގެ ޝައުގުވެރިކަން ކެއްކުމުގެ ދާއިރާއަށް ދަމައިގަތީ އެކިއެކި ކަލިނަރީ ޝޯތަކުންނެވެ. ކުޑައިރުއްސުރެވެސް މަންމައަށް އެހީވުމަށް ބަދިގޭގެ އެކި މަސައްކަތްތަކުގައި އެހީތެރިވެދިން ނަމަވެސް، މިކަމަށް އޭނާގެ ހިތް ދޫވި އެންމެ ބޮޑު އެއް ސަބަބަކީ އެކި ޝޯތަކުން އޭނާއަށް ފެންނަ ކާއެއްޗެހި އަމިއްލައަށް ގޭގައި މޮޑިފައި ކޮށްގެން ނަމަވެސް ތައްޔާރުކުރަން ފެށި ހިސާބެވެ.
ޓީވީއެމްގައާއި އަދި ތަފާތު އޮފީސްތަކުގައިވެސް މީޑިއާގެ ދާއިރާއިގައި މަސައްކަތްކުރި ޝައު ވަނީ ކަލިނަރީ ދާއިރާއިންވެސް ތައުލީމު ހާސިލްކޮށްފައެވެ.
ދިވެހި ތަފާތު ރަހަތަކަށް ލޯބިކުރާ ޝައުފާގެ އެންމެ ބޮޑު އުންމީދަކީ އޭނާ އެންމެ ކުރާހިތްވާ ދެކަން ކަމުގައިވާ ނޫސްވެރިކަމާއި އަދި ކެއްކުމުގެ ހުނަރުތައް ބޭނުންކޮށްގެން އަމިއްލަ ރެސިޕީ ފޮތެއް ތައްޔާރުކޮށްލުމެވެ.
އޭނާގެ ރެސިޕީތަކުގެ އިތުރަށް ޝައު މި ވަނީ ކެއްކުމުގެ ތަޖުރިބާތަކުގެ ވާހަކަވެސް "ސަން"އާ ހިއްސާކޮށްފައެވެ. އެހެންކަމުން މިއީ ހަމަ ގައިމުވެސް ކެއްކުމުގެ ދާއިރާއަށް ޝައުގުވެރިކަން ހުރި އަދި އެމީހަކު ކުރާހިތްވާ ކަމަކުން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ވަރަށް ހާއްސަ އިންޓަވިއުއަކަށް ވާނެއެވެ.