ތާވަލުގެ ފުލުގައި އޮތް ހަޑަލްސްފީލްޑް ގާތުން އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑުން އަންނަ އަހަރުގެ ޗެމްޕިއަންސް ލީގުގައި ކުޅުމަށް ދެކެމުން އައި ހުވަފެންތައް ނިމުމަކަށް އަތުވެއްޖެ އެވެ.

މިރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ހަޑަލްސްފީލްޑާއި ޔުނައިޓެޑު ބައްދަލު ކުރި މެޗު ނިމިގެން ދިޔައީ 1-1 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ. މި ނަތީޖާއާ އެކު ހަޑަލްސްފީލްޑްގެ މަގާމަށް ބަދަލެއް ނާންނާނެވެ އެވެ. ލީގުގައި ބާކީ އެއް މެޗު ކުޅެން އޮތް އިރު އެ ޓީމަށް މިހާތަނަށް ލިބުނީ އެންމެ 15 ޕޮއިންޓެވެ. އަދި ރެލިގޭޓް ވާނެ ކަން ވެސް ވަނީ ޔަގީން ވެފަ އެވެ.

ނަމަވެސް ގަދަ ހަތަރަކަށް އެރުމަށް މަސައްކަތް ކުރަމުން އައި ޔުނައިޓެޑަށް މިރޭގެ މެޗުގެ ނަތީޖާއާ އެކު ވަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ އުންމީދުތައް ފުނޑު ފުނޑު ވެފަ އެވެ. ނަމަވެސް އެ ޓީމަށް އަންނަ އަހަރުގެ ޔޫރަޕާ ލީގުގެ ޖާގައެއް ވަނީ ޔަގީން ވެފަ އެވެ.

މިރޭގެ މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ޔުނައިޓެޑުންނެވެ. އެ ޓީމުގެ ޒުވާން މިޑްފީލްޑަރު ސްކޮޓް މެކްޓޮމިނޭ ޖެހި ގޯލާ އެކު ޔުނައިޓެޑަށް ހިތަވަރު ލިބުނު ނަމަވެސް ދެވަނަ ހާފުގައި ހަޑަލްސްފީލްޑްއިން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އައިސާކް އެމްބެންޒާ އެވެ.

އެންމެ ފަހުން ރަށުން ބޭރުގައި ކުޅުނު ހަ މެޗުން ވެސް މޮޅެއް ނުލިބި މާޔޫސްކަމެއްގައި ޔުނައިޓެޑުގެ ސީޒަން ނިންމާލަން ޖެހުނު އިރު އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޮލްޝަޔާ އެ ޓީމުގައި މަޑު ކުރާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. ނަމަވެސް އެ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ޕޯލް ޕޮގްބާ އެ ޓީމުގައި މަޑު ކުރުމާ ދޭތެރޭ ވަނީ ޝައްކު އުފެދިފަ އެވެ.

ޔުނައިޓެޑް މި ސީޒަނުގައި ކުޅެން ޖެހޭ އެންމެ ފަހު މެޗުގައި ބައްދަލު ކުރާނީ ކާޑިފް ސިޓީއާއި ދެކޮޅަށެވެ. އެ މެޗުން ޔުނައިޓެޑް މޮޅުވި ނަމަވެސް އެ ޓީމަށް ގަދަ ހަތަރެއްގެ ޖާގައެއް ދެން ނުލިބޭނެ އެވެ.