ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގެންފިއެވެ.

ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގް "ސަން" އަށް ވިދާޅުވީ މިިއަދު ހަވީރު ކުރިއަށް ދިޔަ ހަރަކާތުގައި، ހުކުުރު މިސްކިތުގެ ގޯތިތެރެއަށް ވެލިލުމާއި މިސްކިތުގެ ވަޅުދިޔަ ހިއްކުމުގެ ހަރަކާތްތަކުގައި ރައީސް ސޯލިހް ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

ރައީސް ސޯލިހް މިއަދު ވަނީ ހުކުރު މިސްކިތުގެ މުންނާރުގެ އެންމެ މައްޗަށްވެސް އަރާވަޑައިގެންފައެވެ. މިއީ ރާއްޖޭގެ ރައީސަކު މުންނާރަށް އަރާވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ހުކުރު މިސްކިތް ބައްލަވާލައްވައި އާބާތުރަ ފިލުވުމުގައި އިތުރަށް ކުރަންވީ ކަންތައްތައްވެސް ރައީސް ވަނީ ފާހަގަކުރައްވައިފައެވެ.

ހުކުރު މިސްކިތުގެ ގޯތިތެރެއަށް ރައީސް ސޯލިހް ވެލިއަޅުއްވައި ދެއްވަނީ--- ފޮޓޯ: ހެރިޓޭޖް މިނިސްޓްރީ

ހުކުރުު މިސްކިތުގެ ކަންތައްތައް ބަލަހައްޓަމުންދަނީ މާލޭ ސިޓީ ކައުންސިލުންނެވެ. ނަމަވެސް ރޯދަ މަހާ ދިމާކޮށް، ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގައި ހެރިޓޭޖް މިނިސްޓްރީގެ ސިޔާސީ މަގާމްތަކުގައި ތިއްބެވި ބޭފުޅުން އިސް ނަންގަވައިގެން މި ރޯދަމަހު އަމިއްލައަށް އިސްނަގައިގެން ދަނީ މަސައްކަތްކުރަމުންނެވެ.

އެ މަސައްކަތުގައި ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރުގެ އޮފީސްތަކުގެ އިސް ބޭފުޅުން ދަނީ ބައިވެރިވެ ވަޑައިގަންނަވަމުންނެވެ.

ތޯރިގް ވިދާޅުވީ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ދެ ދުވަހެއްގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.