20 Oct 2011, 16:53
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން )އެސްޓީއޯ( އަށް ސަރުކާރުން ދައްކަންޖެހޭ ފައިސާގެ ބަދަލުގައި މިހާރުވެސް މާލެއިން އެސްޓީއޯއަށް ކުއްޔަށް ދޫކޮށްފައިވާ ފަސް ބިމެއް 642.6 މިލިއަން ރުފިޔާއަށް އެކުންފުންޏަށް ވިއްކަން ވަޒީރުންގެ މަޖިލީހުން ނިންމައިފި އެވެ.
މިއަދު ނެރުނު ސަރުކާރުގެ ގެޒެޓުގައިވާ ވަޒީރުންގެ މަޖިލީހުގެ ނިންމެވުންތަކުގައިވާ ގޮތުގައި، މިދިޔަ މަހުގެ 27 ވަނަ ދުވަހު ބޭއްވި ކެބިނެޓު ބައްދަލުވުމުގަ އެވެ. އަދި އެ ބިންތައް ވިއްކާލަނީ "ސަރުކާރުން އެކުންފުންޏަށް ދައްކަންޖެހޭ ފައިސާއިން އެޖަސްޓް ކުރާ ގޮތަށް އަކަފޫޓަކަށް 6000ރ.ގެ މަގުން" ކަމަށް ވެސް ބުނެފައިވެ އެވެ.
ފަސް ބިމުގެ ބޮޑުމިނުގައި ޖުމްލަ 87،155.2 އަކަފޫޓު އެބަހުއްޓެވެ. އެހެންކަމުން، އަކަފޫޓަކަށް 6000ރ.ގެ ރޭޓުން ބަލާއިރު ބިންތަކުގެ ޖުމްލަ އަގު 522.9 މިލިއަން ރުފިޔާ އަށް އަރަ އެވެ.
ސަރުކާރުން ވިއްކާލަނީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ހިންގާ 11،286 އަކަފޫޓުގެ ބިމާއި އެސްޓީއޯގެ ދަގަނޑު ގުދަން ހުރި 11،286 އަކަ ފޫޓުގެ ބިމާއި އެކުންފުނީގެ ވެހިކަލް ގަރާޖު ހުރި 19،938 އަކަފޫޓުގެ ބިމުގެ އިތުރުން 23،938 އަކަފޫޓުގެ ހަތް ނަންބަރު ކޮއްޓާއި އަދި 20،707 އަކަފޫޓުގެ ފަސް ނަންބަރު ކޮއްޓެވެ.
ސަރުކާރުން އެސްޓީއޯއަށް ދައްކަން ޖެހެނީ ކިހާވަރެއް ކަމެއް ފިނޭންސް މިނިސްޓްރީން އަދި އެސްޓީއޯ އިން ވެސް މިއަދު ސާފުވާގޮތެއް ނުވި އެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ މިއަދު ވިދާޅުވީ، ސަރުކާރުން އެކުންފުންޏަށް ދައްކަން ޖެހޭ ފައިސާގެ ބޮޑު ބައެއް ބިންތައް ވިއްކައިގެން ކަވަރުވާނެ ކަމަށެވެ. އަދި މިހާރުވެސް އެކުންފުނީގެ މުހިންމު މަސައްކަތަކެއް ކުރަމުންދާ ބިންތައް ގަންނަން ސަރުކާރަށް ހުށަހެޅީ ބޯޑުން ފާސްކޮށްގެން ކަމަށާއި އެ ބިންތައް ގަތުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ޝާހިދު ވިދާޅުވި އެވެ.