05 May 2019, 19:51
ވަގުތީ ފައިދާއަަކަށް ރަމަޟާންމަހު ތަކެތި އަގުބޮޑުކޮށް ނުވިއްކުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގޮވާލައްވައިފިއެވެ.
މާދަމާ ފެށޭ ރަމަޟާން މަހާ ގުޅިގެން ރައީސް ސޯލިހް މިއަދު ދެއްވި ހިތާބުގައި ވަނީ ރަމަޟާން މަސް އަޅުގަނޑުމެންނަށް ލިއްބައިދޭ އެންމެ މަތިވެރި ފިލާވަޅުތަކުގެ މުހިންމު ކަންކަމަށް އަލިއަޅުވައިލައްވައިފައެވެ.
ރަމަޟާން މަސް އަޅުގަނޑުމެންނަށް ލިއްބައިދޭ އެންމެ މަތިވެރި ފިލާވަޅަކީ، އެކަކު އަނެކަކުގެ އިހްސާސްތައް ދެނެގަތުމާއި، އެއްބަނޑުއެއްބަފާކަމުގެ ގުޅުންތައް އިތުރަށް ވަރުގަދަކުރުމާއި، އެކަކު އަނެކަކަށް އަޅާލައި އުޅުމުގެ މުހިންމުކަން ކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން ކެތްތެރިވުމާއި އަނެކުންނަށް މަޢާފްކުރުމާއި، ހިތްތިރިކޮށް މަޑުމައިތިރިވުމަކީ، ރޯދައިގެ އަޅުކަން އަޅުގަނޑުމެންނަށް ބާރުއަޅާ އެންމެ މުހިންމު ކަންކަމަށާއި އަނެކުންނަށް އެހީތެރިވުމާއި ދީލަތިވުމަކީ، ރަމަޟާން މަހުގައި އަޅުގަނޑުމެންގެ ކިބައިގައި ކޮންމެހެން ހަރުލައްވަންޖެހޭ ސިފަތަކަން ރައީސް ވަނީ ފާހަގަކުރައްވައިފައެވެ.
"އަޅުގަނޑުމެންގެ ކޮންމެ ކަމެއްގައި މި ކަންކަމަށް ސަމާލުކަން ދިނުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. ކާބޯތަކެއްޗާއި އެހެނިހެން މުދާ، ބޮޑު އަގުގައި ވިއްކައިގެން، ލިބޭނެ ވަގުތީ ފައިދާއަކަށް އެކަނި އިސްކަން ދިނުމުގެ ބަދަލުގައި، އާޚިރަތުގެ ދަރުމައާއި ސަވާބަށް ވިސްނަވައި، ދީލަތިކަމާއި އޯގާތެރިކަން އިސްކުރުމަށް، ރާއްޖޭގެ އެންމެހައި ވިޔަފާރިވެރީންނަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ." ރައީސް ސޯލިހް ވިދާޅުވިއެވެ.
ކޮންމެ ރަމަޟާން މަހަކުވެސް ރަމަޟާން މަހާ ދިމާކޮށް ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު ބޮޑުވުމަކީ އާންމުކޮށް ދިމާވާ ކަމެކެވެެ. އަދި އެކަމާ ގުޅިގެން އާންމުންގެ ފާޑުކިޔުން ވިޔަފާރިވެރިންނަށް ވަރަށް ބޮޑަށް އަމާޒުވެއެވެ.