05 May 2019, 18:21
ހަލަބޮލި ވިޔަފާރި މާހައުލެކެވެ. ހަތަރު ފަރާތުން މީހުން ވަދެ ނުކުމެ، މުޅި ތަނުގައި ހިނގަނީ އެވެ. ދެ ފަރާތުގައި ހުންނަ ގޮޅިތަކުން އެކި ބާވަތުގެ މޭވާއާއި ތަރުކާރީއާއި ދިވެހި އުފެއްދުންތަކުގެ ވިޔަފާރި ކުރަނީ އެވެ.
މާލޭ ދަތުރުވެރިންގެ މާރުކޭޓުގެ ހުރިހާ ދިމާލެއްގައި މީހުން ތޮއްޖެހިފައި އޮތެއް ކަމަކު މާރުކޭޓްގައި ދިވެހި އުފެއްދުންތައް ވަރަށް "ފަޅެވެ". ރަމަޟާން މަހާ ދިމާކޮށް ދިވެހި ދަނޑުވެރިން ގިނަ ބާވަތުގެ މޭވާ، ތަރުކާރީ އަދި ކާނާ ބާޒާރަށް ނެރުނު ނަމަވެސް މިފަހަރު އަދި އެ ފޯރިއެއް ނުފެނެ އެވެ.
ރަމަޟާން މަހަށް އެންމެ ދުވަހެއް ދެން އޮތް އިރު، ދަތުރުވެރިންގެ މާރުކޭޓްގައި މީހުން ގިނަވުން ނޫން އަދި ހާއްސަކަމެއް ނެތެވެ. ދިވެހި އުފެއްދުންތަކުން ބާޒާރު މަތި ތިޔާގިވެގެނެއް ނުދެ އެވެ.
ރޯދައަށް ތައްޔާރުވުމަށްޓަކައި މިއަދަކީ ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ހަމަޖެއްސާފައި އޮތުމުން، ދެމަފިރިންނާއި އާއިލާތަކާއި އެކި އުމުރުގެ މީހުން ބާޒާރުމަތީގައި މިއަދު އުޅުނު އިރު، އޭގެ ތެރެއިން ގިނަ ބައެއްގެ ޝަކުވާ އަކީ އަތްނުފޯރާ ފަށަށް ތަކެތީގެ އަގުތައް އަރައިގެން ދިއުމެވެ.
ރަމަޟާން މަހުގެ "ނިޝާނުގެ" ގޮތުގައި ފާހަގަވާ ކަރާ، މާރުކޭޓުގައި ވަރަށް މަދެވެ. އަދި ކަރާގެ އަގު ވަނީ، މީގެ ދުވަސްކޮޅޭއް ކުރިން ހުރި އަގުގެ ދެގުނަ އިތުރަށް ބޮޑުވެ، ކިލޯއެއް 40 ރުފިޔާއިން މައްޗަށް ގޮސްފަ އެވެ. ކަރާގެ ސަޕްލައި ވަރަށް ބޮޑަށް އޮތީ ދަށަށް ގޮސްފަ އެވެ.

ލޯކަލް މާރުކޭޓް ގޮޅިއެއްފައި ގިނަ ބާވަތްތަކުގެ މޭވާއާއި ތަރުކާރީ -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް
ކަރާ އެންމެ ގިނައިން ހައްދާ އއ. ތޮއްޑޫގައި ގިނަ އަދަދެއްގެ ދަނޑުތައް ދޫކޮށްފައިވާ އިރު، އެއިން ކޮންމެ ދަނޑެއްގައިހެން ދަނީ ކަރާ ހައްދަމުންނެވެ.
ގޮޅިތަކުގައި ތިބި ބައެއް ވިޔަފާރިވެރިން ބުނި ގޮތުގައި މީގެ ދެތިން ދުވަސް ކުރިން ކަރާ ކިލޯއެއް އުޅުނީ 30 ހަކަށް ރުފިޔާއަށެވެ. އެހެން ނަމަވެސް ރޯދަ މަސް ފެށެން އެންމެ ދުވަހަކަށް ވެފައި ވާއިރު، ކަރާގެ އަގު ރަނަށް ވެގެން މި އުޅެނީ ޑިމާންޑް މާބޮޑަށް އިތުރުވުމުން އެވެ.
"އަދި ރަށްރަށުން އަންނަ ކަރާ ވެސް ނާދޭ. އެހެން އޮއްވާ މީހުން ވަރަށް ބޮޑަށް ކަރާ ގަންނަ ވަރު އިތުރު ބީމާ އޭގެ ޒާތުގައި އަގު މި އަރަނީ. އެ ހިސާބުން ކަރާގެ އަގު މައްޗަށް މި ޖެހުނީ،" މާރުކޭޓްގައި ކަރާ ވިއްކާ ވިޔަފާރިވެރިޔަކު ބުންޏެވެ. "ރޯދަ މަސް ފެށުނީމާ ހަމަ އަގު ދަށްވެސް ވެދާނެ. އެއީ އޭރަށް މި ކަރާގެ ސްޓޮކް ބާޒާރަށް އަންނާނީ،"
ކަރާގެ އަގުވެސް މައްޗަށް އަރައިގެން ގޮސްފައިވާ އިރު، އއ. ތޮއްޑޫއިން ވާހަކަދެއްކި ދަނޑުވެރިއަކު ބުނި ގޮތުގައި، އެ ރަށުން މާލެއަށް ކަރާ ފޮނުވަމުން ދަނީ ލިމިޓެއް ބާއްވައިގެން އެވެ. އަދި މިއީ ކަރާގެ އަގު އެއްވަރެއްގައި ހިފެހެއްޓުމަށް ކުރާ ކަމެއް ކަމަށް ދަނޑުވެރިޔާ ބުންޏެވެ.
"ކޮންމެ ރެއަކުވެސް މާލެއަށް ޝިޕްމެންޓުތައް ފޮނުވާނެ،" ތޮއްޑޫ ދަނޑުވެރިއަކު ބުންޏެވެ. "މާދަމާ 25،000 އެއްހާ ޓަނުގެ ކަރާ މާލެ ފޮނުވާނެ،"

ލޯކަލް މާރުކޭޓުގެ ގޮޅިއަކުން މީހަކު މިރުސް ގަންނަނީ --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް
ރޯދަ ވީއްލުމަށާއި، ހާރުދަމަށް ތަފާތު ކާނާ ތައްޔާރުކުރާ އިރު، އޭގެ ތެރޭގައި ބޭނުންކުރާ މުހިންމު އެއް ބާވަތަކީ ރާއްޖޭގައި އުފައްދާ މިރުހެވެ. ހާއްސަކޮށް ކަނޑޫދޫ މިރުހެވެ. އެކަމަކު މިރުސް ކިލޯއެއްގެ އަގުވެސް އުޅެނީ 1،000 ރުފިޔާއިން މަތީގަ އެވެ.
މީގެ ކުރިން 35 ރުފިޔާއަށް ވިއްކި އިނގުރު ކިލޯއެއްގެ އަގު ވަނީ 50 އަށް އަރާފައެވެ. ލޮނުމެދު ކިލޯއެއް ވިއްކަން ހުރީ 90 ރުފިޔާގަ އެވެ. އަދި ކުރިން 30 ރުފިޔާއަށް ވިއްކާ ލުނބޯ ކިލޯ 35 ރުފިޔާއަށް ވަނީ ބޮޑުވެފަ އެވެ. އަދި ކޮޕީފަތްވެސް ހުރީ، ދެ ފަތާއި ތިން ފަތް ހިމެނޭ ބޮނޑިއެއް، 10 ރުފިޔާއަށެވެ.
މީގެ އިތުރަށް، ރޯދަ މަހު ފަނިގިރުމުގައި ދިވެހިން އާންމުކޮށް ބޭނުން ކުރާ ޕެޝަންފުރުޓާއި ސަޓަނި ހަދަން ބޭނުން ކުރާ އެކި ޒާތުގެ ފަތްޕިލާވެލި ވެސް ބާޒާރުގައި އަދި ވަރަށް މަދެވެ. ހާއްސަކޮށް ލެޓިއުސް ފަތް އަދި ކަންކުން ފަތް ހުރީ ވަރަށް ވެސް މަދުން އެވެ.
ބާޒާރުގެ އަގުތައް:
- ކަރާ ކިލޯއެއް: 45 ރުފިޔާ
- ކާށްޓެއް: 8 ރުފިޔާ - 20 ރުފިޔާ
- ކުރުނބަލެއް: 20 ރުފިޔާ - 25 ރުފިޔާ
- ގަބުޅި: 30 ރުފިޔާ - 40 ރުފިޔާ
- މުރަނގަތޮޅި ކިލޯއެއް: 45 ރުފިޔާ
- ތޮޅި މިރުސް ކިލޯއެއް: 200 ރުފިޔާ
- ގިތެޔޮ މިރުސް ކިލޯއެއް: 1000 ރުފިޔާ
- ލުނބޯ ކިލޯއެއް: 35 ރުފިޔާއަށް
- ކެރެޓް ކިލޯއެއް: 25 ރުފިޔާއަށް
- ކިޔުކަމްބާ ކިލޯއެއް: 50 ރުފިޔާއަށް
- ލެޓިޔުސް ކިލޯ: 150 ރުފިޔާ
- ބީންސް ކިލޯ: 60 ރުފިޔާއަށް
- ފެޝަން ފުރުޓް: 50 ރުފިޔާ
- ފޭރު: 65 ރުފިޔާ
އަގުތައް މިހެން ހުރި ނަމަވެސް ވިޔަފާރިވެރިން އުންމީދެއްދެ އެވެ. އެއީ ރޯދަ މަސް ފެށުމުން ބާޒާރުގެ އަގުތައް ދަށްވެ ހަމަޔަކަށް އެޅޭނެ ކަމެވެ. އެކަމަކު އެކަން ވާން އޮތީ ދިވެހި އުފެއްދުންތަކުގެ ސަޕްލައިވެސް އިތުރުކޮށްގެން އެވެ. އާންމުން އެދިއެދި ތިބީ އަގުތައް ތިރިވުމަށެވެ.
"އަދި ރަށްރަށުން އެއްޗިހި ނާންނާތީ އެހެން މި ވަނީ. އެކަމަކު އަދި ރަނގަޅު ވާނެ. މި އޮތް ހަފްތާގެ ތެރޭގައި އަގުތައް ދަށްވުމުގެ ފުރުސަތު އޮންނާނެ،" މާރުކޭޓްގައި ހުރި ވިޔަފާރިވެރިޔަކު ބުންޏެވެ.