05 May 2019, 16:15
މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު، ސަރުކާރުން އޭނާ އައްޔަނުކޮށްފައިވާ ތިން ބޯޑެއްގެ މެމްބަރުކަމުން އިސްތިއުފާ ދެއްވައިފިއެވެ.
އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓާން ޕެސިފިކް ކޮންޓްރެކްޓާސް އެސޯސިއޭޝަން (އިފޮޕްކާ)ގެ ރައީސްކަންވެސް ކުރައްވާ ޖަނާހު ވަނީ މިކަން "ސަން"އަށް ކަށަވަރުކޮށްދެއްވާފައެވެ.
ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާގައި އެންމެ ފުންނާބު އުސް ވިޔަފާރިވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޖަނާހު ހިމެނިވަޑައިގަންނަވާ ބޯޑުތަކަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ބޯޑު، މޯލްޑިވްސް ބިލްޑިންގް އެންޑް ކޮންސްޓްރަކްޝަން ބޯޑު އަދި ދާދި ފަހުން އުފެއްދި މުސާރަ އާއި އުޖޫރައާބެހޭ ގޮތުން ލަފާދޭ ބޯޑެވެ.
އެމްއެމްއޭގެ ބޯޑުގެ މެމްބަރެއްގެ ގޮތުގައި ޖަނާހު އައްޔަނުކުރީ ޕްރައިވެޓް ސެކްޓަރު ތަމްސީލުކުރާ މެމްބަރުގެ ގޮތުގައި، 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ. އަދި ހަމަ އެ މަހު ހައުސިންގް މިނިސްޓްރީން އުފެއްދި މޯލްޑިވްސް ބިލްޑިންގް އެންޑް ކޮންސްޓްރަކްޝަނުގެ ބޯޑުގެ ޗެއާމަންކަމަށްވެސް އޭނާ އައްޔަނުކުރެވިގެން ދިޔައެވެ.
ހޮޓެލްސް އެންޑް ރިސޯޓްސް ކޮންސްޓްރަކްޝަން (އެޗްއާރުސީ)ގެ ނަމުގައި ކޮންސްޓްރަކްޝަން ކުންފުންޏެއް ހިންގަވާ ޖަނާހު، މުސާރަ އާއި އުޖޫރައާބެހޭ ގޮތުން ލަފާދޭ ބޯޑަށް އައްޔަނުކުރީ 2019 މެއި މަހުގެ އެއްވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
ޖަނާ "ސަން"އަށް ވިދާޅުވީ ސަރުކާރުގެ ބޯޑުތަކުގައި އޭނާ އިސްތިއުފާދެއްވީ އަމިއްލަ ވިޔަފާރިއަށް ސަމާލުކަން ދިނުމަށް ކަމަށެވެ. އަދި މިހާތަނަށް އޭނާ ބޯޑުތަކުގެ މެމްބަރުކަމާއި މަގާމުތަކަށް ވަޑައިގެންނެވީ އަމިއްލައަށް އެދިގެން ނޫން ކަމަށެވެ. ނަމަވެސް އެއީ ސަރުކާރުތަކުން ހުށަހެޅި ހުށަހެޅުންތަކެއް ކަމަށާއި އެކަންކަން ގަބޫލުކުރައްވާފައިވާނީ ގައުމަށާއި ސަރުކާރަށް އަދި ރައްޔިތުންނަށް އެހީވުމަށްކަމަށް ވިދާޅުވިއެވެ.
މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން ފޯ ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ރައީސްކަންވެސް ގިނަ އަހަރުތަކެއް ވަންދެން ކުރެއްވި، އެ ޖަމިއްޔާގެ މިހާރުގެ ނައިބު ރައީސް މުހައްމަދު އަލީ ޖަނާހުގެ ކުންފުނިތަކުން ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ގިނަ މަޝްރޫއުތަކެއް ހިންގާފައެވެ.
އޭގެ ތެރޭގައި ރާއްޖޭގެ ބައެއް ރިސޯޓުތަކާއި، ގަތަރުގެ ދޯހާގައި އަނަންތާރާއިން ހިންގާ ބަނާނާ އައިލެންޑް ރިސޯޓު ހިމެނެއެވެ. މީގެ އިތުރުން ގއ. ކޫއްޑޫގައި ހުންނަ އެއާޕޯޓު އެޅީ ޖަނާހުގެ އެޗްއާރުސީ ކުންފުނިންނެވެ. އަދި އެ ކުންފުނިން ސީއެސްއާރުގެ ގޮތުގައި، ރަސްރަނި ބަގީޗާ ރީޑިޒައިންކުރުމަށް ކޮންސަލްޓަންސީ ފޯރުކޮށްދިން އިރު، އެތަނުގައި ހަދާފައިވާ ވިންޓަރ ޕާކަކީ އެޗްއާރުސީގެ ދަށުން ހިންގާ ކުންފުންޏަކުން އޮޕަރޭޓުކުރާ ތަނެކެވެ.