ލަންކާ އާއްމުން ގެންގުޅޭ ކަނޑިތަކާއި ބޮޑެތި ވަޅިތައް އަދި ތޫނު ހަތިޔާރުތައް ހަވާލު ކުރަން އެގައުމުގެ ފުލުހުން އަންގައިފިއެވެ.

ފުލުހުން ބުނީ ތޫނު ހަތިޔާރު ގެންގުޅޭ މީހުން އެ ހަތިޔާރުތައް އެންމެ ކައިރީ ހުންނަ ފުލުސް އޮފީހަށް މި ހަފްތާތެރޭ ހަވާލުކޮށް ނިންމަންޖެހޭ ކަމަށެވެ.

އެ އެންގުން ފުލުހުން އެންގީ މިދިޔަ މަހު ލަންކާގައި ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން އެގައުމުގެ އެކި ސަރަހައްދުތަކުގައި ފުލުހުން ސާޗް އޮފަރޭޝްންތައް ކުރިއަށްގެންދާ ދަނޑިވަޅެއްގަ އެވެ.

ސްރީލަންކާގައި މިދިޔަ މަހުގެ 21 ވަނަ ދުވަހު ދިން ހަމަލާތައް ރޭވީ ބޭރު ގައުމެއްގެ މީހަކަށްވުން އެކަށީގެންވާ ކަމަށް ރައީސް މައިތިރިޕާލާ ސިރިސޭނާ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ލަންކާގެ ފުލުހުން ބުނާ ގޮތުގައި އީސްޓާ ސަންޑޭގެ ހަމަލާތައް ދިނީ އެގައުމުގެ ހަނގުރާމަވެރި ދެ ޖަމާއަތް ކަމަށްވާ ނެޝަނަލް ތައުހީދު ޖަމާއަތް (އެންޓީީޖޭ) އާއި ޖަމިއްޔަތުލް މިއްލަތު އިބްރާހިމް (ޖޭއެމްއައި) ގުޅިގެން، ބޭރުގެ އެހީއާ އެކުގަ އެވެ.