05 May 2019, 14:35
ރޭ ސްޕެނިޝް ލީގުގައި ޗެމްޕިއަން ބާސެލޯނާއާއި ސެލްޓާ ވިގޯ ބައްދަލު ކުރި މެޗުން ސެލްޓާ ކުރި ހޯދައިފި އެވެ.
ސެލްޓާގެ އަމިއްލަ ދަނޑުގައި ކުޅެ ވަރުގަދަ ބާސެލޯނާގެ މައްޗަށް ރޭ އެ ޓީމުން ކުރި ހޯދީ 0-2 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާ އެކު ބާސެލޯނާގެ މަގާމަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. ސަބަބަކީ އެ ޓީމުން މިހިސާބަށް އައި އިރު ވަނީ 35 މެޗު ކުޅެގެން 83 ޕޮއިންޓް ހޯދާފަ އެވެ. އެ ޓީމާއި އެންމެ ގާތުން ވާދަ ކުރާ އެތުލެޓިކޯ މެޑްރިޑަށް 36 މެޗު ކުޅެގެން ލިބެނީ 74 ޕޮއިންޓެވެ.
ނަމަވެސް ރޭގެ ލިބުނު މޮޅަކީ ސެލްޓާ ވިގޯއަށް ވަރަށް މުހިއްމު މޮޅެކެވެ. ރެލިގޭޝަންގެ ހަނގުރާމައިގައި ފަސް ޓީމަކުން ތަޅާފޮޅަމުން އަންނަ އިރު ރޭގެ މޮޅާ އެކު ސެލްޓާ ވަނީ ރެލިގޭޝަން ޒޯނުން ބޭރުވެ ރެލިގޭޝަންގެ އެންމެެ މަތީ އޮތް ޓީމާއި ދެ ޕޮއިންޓުގެ ފަރަގެއް ގާއިމު ކޮށްފަ އެވެ.
ބާސެލޯނާއިން ރޭގެ މެޗަށް ނުކުތީ އެ ޓީމުގެ މުހިއްމު ގިނަ ކުޅުންތެރިންތަކެއް ޓީމުގައި ނުހިމަނަ އެވެ. ލީގު ޔަގީންވުމާއި ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެވަނަ ލެގު ކުރިއަށް އޮތުމާ އެކު ބާސެލޯނާގެ ކޯޗު ނިންމި ނިންމުމަކީ ލީގު މެޗުތަކުގައި ޒުވާން ކުޅުންތެރިންތަކަށް ފުރުސަތު ދޭށެވެ. އެގޮތުން އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ އާއި ލުއިސް ސުއަރޭޒް ޖޯޑީ އަލްބާ އަދި ޓާ ސްޓެގަންގެ އިތުރުން ސާޖިއޯ ބުސްކެޓްސްއާއި ޖެރާޑް ޕީކޭ ވެސް ރޭގެ މެޗު ކުޅެފައެއް ނުވެއެވެ.
ބާސެލޯނާގެ ޒުވާން ޓީމާ ދެކޮޅަށް ކުޅުނެ ނަމަވެސް އުސްމާން ޑެމްބެލޭއާއި އާތުރް ފަދަ ހުނަރުވެރި ކުޅުންތެރިން އެ ޓީމުގައި ތިބި އިރު ސެލްޓާ ވިގޯއިން އެ މެޗުގައި ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. މެޗުގައި ގިނަ ހަމަލާތައް އުފެއްދީ ވެސް ސެލްޓާ އިންނެވެ.
ރޭގެ މެޗުގައި ބާސެލޯނާގެ ފޯވާޑް ޑެމްބެލޭއަށް ވަނީ އަނިޔާވެ ދަނޑުން ބާލާފަ އެވެ. ސީޒަނުގައި ކުރިއަށް މުހިއްމު މެޗުތައް ހުރި އިރު ޑެމްބެލޭއަށް ރޭގެ މެޗުގައި ލިބުނު އަނިޔާއާ އެކު ސީޒަނުގެ ބާކީއޮތް ބައިގައި އޭނާ ފެނުމާ މެދު އެއްވެސް ޔަގީން ކަމެއް ނެތެވެ.
ސެލްޓާއިން ރޭގެ މެޗުގައި ޖެހި ގޯލުތައް އެ ޓީމަށް ޖަހައިދިނީ މެކްސީ ގޮމެޒްއާއި އިއާގޯ އަސްޕަސް އެވެ. ސީޒަނުގައި ބާކީ ދެ މެޗު ކުޅެން އޮތް އިރު ސެލްޓާއިން ދެން ބައްދަލު ކުރަން ޖެހޭނީ ރަނގަޅު ފޯމެއްގައި އޮތް އެތުލެޓިކް ބިލްބާއޯއާ އެވެ.