05 May 2019, 11:50
އުރީދޫ މޯލްޑިވްސް އިން ފުވައްމުލަކުގައި ގާއިމްކޮށްފައިވާ ފައިބަ އޮޕްޓިކް ނެޓްވަރކް މެދުވެރިކޮށް، ސުޕަނެޓް ހިދުމަތް އެ ސިޓީއަށް ތައާރަފްކޮށްފި އެވެ.
އުރީދޫގެ ގިގަބިޓް ކޭޕަބަލް ފައިބާގެ އެހީގައި، ފުވައްމުލަކު ވެގެންދަނީ ރާއްޖޭގެ ފުރަތަމަ ގިގަބިޓް ސިޓީއަށެވެ.
ޓެކްނޮލޮޖީގެ ހަބެއް ގޮތުގައި ކުރިއަރަމުން އަންނަ ފުވައްމުލަކުގެ ޑިޖިޓަލް ބޭނުންތަކަށް ހާއްސަކޮށް ފަރުމާކުރެވިފައިވާ، 100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑު ލިބޭ ތަފާތު ބްރޯޑްބޭންޑް ޕެކޭޖުތަކެއް، އުރީދޫ ސުޕަނެޓް މެދުވެރިކޮށް ފޯރުކޮށްދޭނެ އެވެ.
މިގޮތުން، އުރީދޫ ސުޕަނެޓް ފައިބާ ބްރޯޑްބޭންޑް އިއްޔެ ފުވައްމުލަކުގައި ތައާރަފްކޮށްދެއްވީ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް އެވެ. އެ ހިދުމަތް ތައާރަފް ކުރީ، ފުވައްމުލަކު ތުނޑީގައި އިއްޔެ އުރީދޫ އިން ކުރިއަށް ދިޔަ ހާއްސަ މާހެފުމެއްގަ އެވެ.
މި ހަފްލާގައި، ކޮމިއުނިކޭޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހުމަދާއި ފުވައްމުލަކުގެ މޭޔަރު އަބްދުﷲ ފަލާހް ޝަރީފް އަދި އުރީދޫގެ ސީއީއޯ، ނަޖީބް ހާން ބައިވެރިވި އެވެ.
"ފުވައްމުލައް ސިޓީ އަކީ، ރާއްޖޭގެ އެންމެ ދެކުނުގައިވާ، ކުރިއަރަމުން އަންނަ ޑިޖިޓަލް ހަބެއް. މި ސިޓީގެ ޑިޖިޓަލް ކުރިއެރުންތަކަށް އިތުރު އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، އަޅުގަނޑުމެންގެ ގިގަބިޓް ކޭޕަބަލް ފައިބަރ ނެޓްވާކް ގާއިމްކޮށް، ހަލުވި ސްޕީޑުގެ ސުޕަރނެޓް ބްރޯޑްބޭންޑް ފޯރުކޮށްދެވުމީ، އަޅުގަނޑުމެންނަށް ލިބުނު ވަރަށްވެސް ބޮޑު އުފަލެއް." އުރީދޫގެ ސީއީއޯ ނަޖީބް ހާން ވިދާޅުވި އެވެ.
އުރީދޫއުން ބުނީ ފުވައްމުލައް ސިޓީގެ ސުޕަނެޓް ކަސްޓަމަރުންނަށް މިހާރު މާކެޓްގެ އެންމެ ރަނގަޅު އަގުތަކުގައި، ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓް ލިބޭނެ ކަމަށެވެ. ސުޕަނެޓްގެ ހިދުމަތް ފުވައްމުލަކަށް ތައާރަފްކުރުމުގެ އުފަލުގައި، އަންނަ މަހުގެ ފަހެއްގެ ކުރިން ހިދުމަތް ހޯދާ ކަސްޓަމަރުންނަށް އުރީދޫއުން ވަނީ އޮފާތަކެއް ތައާރަފްކޮށްފަ އެވެ.
ކޮންމެ ޕެކޭޖެއް ނެގިޔަސް ހަމަސް ދުވަހުގެ މުއްދަތަށް، މަދުވެގެން 20 އެމްބީޕީއެސް ޕެކޭޖުގެ ސްޕީޑު.
- ހަމަސް ދުވަހުގެ މުއްދަތަށް، އެމޭޒަން ޕްރައިމް ވީޑިއޯ މެމްބަރޝިޕް ހިލޭ.
އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭނީ، ކަނެކްޝަން ފީ އެއް ނުހިމަނާ ކަމަށް ވެސް އުރީދޫއިން ބުންޏެވެ.
ދެ އެމްބީޕީއެސް އިން ފެށިގެން 100 އެމްބީޕީއެސްއާ ހަމަޔަށް ކަސްޓަމަރުންގެ އެކި އެކި ބޭނުންތަކަށް އެކަށޭނެގޮތަށް ފަރުމާކުރެވިފައިވާ ތަފާތު ސުޕަނެޓް ބްރޯޑްބޭންޑް ޕެކޭޖްތައް އުރީދޫ އިން ފޯރުކޮށްދެ އެވެ. އަދި މި ޕެކޭޖުތައް ވަނީ ފޭސްބުކް، ޔޫޓިއުބް، ނެޓްފްލިކްސް ފަދަ ދިވެހިންގެ މެދުގައި މަޤްބޫލް އެޕްލިކޭޝަންތަކުގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކޮށްދޭގޮތަށް އޮޕްޓިމައިޒް ކުރެވިފަ އެވެ.
އުރީދޫގެ ސުޕަނެޓް ބްރޯޑްބޭންޑް މެދުވެރިކޮށް، އިންޓަނެޓް ޕެކޭޖުތަކުގެ ސްޕީޑު އިތުރު ކޮށްދޭ ޕެކްތައް ކަމަށްވާ ސުޕަނެޓް ޓާބޯ އާއި ދިގު މުއްދަތަކަށް ހިދުމަތް ނެގުމުން ވަރަށް ފުރިހަމަ ޑިސްކައުންޓުތަށް ލިބޭ ސޭވާ ޕްލޭން ފަދަ، ކަސްޓަމަރުންނަށް ބޭޏުންތެރި ހިދުމަތްތައް ވެސް ލިބޭނެ އެވެ.