ދިއްލީ (މެއި 5): އިންޑިއާއަށް ފަހު ބަންގުލަދޭޝްއަށް އަރަމުންދާ ސައިކްލޯން ފޯނީގެ ސަބަބުން ދެގައުމުން 28 މީހުން މަރުވެއްޖެ އެވެ.

މިދިޔަ ހުކުރު ދުވަހު އިންޑިއާގެ އޮޑީޝާއަށް އެރި ތޫފާނުގައި އެސްޓޭޓުން 16 މީހުން މަރުވެފައިވާ ކަމަށް އެގައުމުގެ މީޑިއާތަކުން ބުނެ އެވެ. އަދި އޭގެ ފަހުން ބަންގުލަދޭޝްއަށް އަރަމުންދާ އެތޫފާނުގައި 12 މީހުން މަރުވެފައިވާ ކަމަށް އެގައުމުން ބުންޏެވެ.

ބަންގުލަދޭޝްގެ ކިޝޮރުގަންޖް ޑިސްޓްރިކްޓުގެ ޑެޕިއުޓީ ކޮމިޝަނަރަކު ވިދާޅުވި ގޮތުގައި އެޑިސްޓުރިކްޓުން ހަތަރު މީހަކު މަރުވީ ހޮނު އެޅުމުގެ ސަބަބުންނެވެ. އަދި އެހެން ޑިސްޓްރިކްޓަކުން ދެ މީހަކު މަރުވީ ވައިގަދަވުމުގެ ސަބަބުން ގަހެއް ވެއްޓިގެންނެވެ.

ސައިކްލޯން ފޯނީ އޮޑީޝާއަށް އެރުމުގެ ކުރިން އެސްޓޭޓުން ވަނީ އެއް މިލިއަން މީހުން އެހެން ސަރަހައްދުތަކަށް ބަދަލުކޮށްފަ އެވެ. އެ ތޫފާނުގެ ސަބަބުން އެސްޓޭޓަށް ގެތަކަށް ގެއްލުން ލިބި، ކަރަންޓާއި ފެނުގެ ހިދުމަތް ކެނޑިފައިވެ އެވެ. އެއީ ފާއިތުވި ފަސް އަހަރު ތެރޭ އެގައުމަށް އެރި އެންމެ ނުރައްކާތެރި ތޫފާނެވެ.

އިންޑިއާގެ މޫސުމާ ބެހޭ އިދާރާ އިން ވަނީ ސައިކްލޯން ފޯނީ ބަންގުލަދޭޝްއަށް އެރި އިރު އޭގެ ބާރު ދަށްވެފައިވާ ކަމަށް ބުނެފަ އެވެ. ނަމަވެސް އެތޫފާނުގެ ސަބަބުން އެގައުމުގެ 1،000 އަށް ވުރެ ގިނަ ގެޔަށް ވަނީ ގެއްލުން ލިބިފަ އެވެ.

މީގެ 20 އަހަރު ކުރިން އޮޑީޝާއަށް އެރި ބާރުގަދަ ތޫފާނެއްގައި އެސްޓޭޓުން 10،000 މީހުން މަރުވި އެވެ. ނަމަވެސް އޭގެ ފަހުން އެގައުމުން ވަނީ ސަލާމަތީ ފިޔަވަޅުތަކާއި ސައިކްލޯން ވޯނިން ސިސްޓަމްތައް ވަރުގަދަކޮށްފަ އެވެ.