ޣައްޒާ (މޭ 5) : ރަމަޟާންމަސް ބޯމަތިވެފައި ވަނިކޮށް އިސްރާއީލުން ޣައްޒާއަށް ދޭން ފަށާފައިވާ އުދުވާނީ ހަމަލާތަކުގައި ފަލަސްތީނުގެ މާބަނޑު އަންހެނަކާއި ކިރުބޯ އުމުރުގެ ތުއްތު އަންހެން ކުއްޖަކު ޝަހީދުކޮށްލައިފިއެވެ.

މީގެތެރެއިން އުމުރުން އެއް އަހަރުގެ ތުއްތު އަންހެން ކުއްޖާ ސަބާ މަހްމޫދު ޝަހީދުކޮށްލީ އިސްރާއީލުގެ ފައިޓާޖެޓްތަކުން ޣައްޒާގެ އިރުމަތީގައިވާ ޒައިތޫން އަވަށުގައިވާ އެ ކުއްޖާގެ ގެއަށް ހަމަލާދީގެންނެވެ. މާބަނޑު އަންހެން މީހާއަކީ އުމުރުން ތިރީސް ހަތްއަހަރުގެ މީހެކެވެ. އެމީހާ ޝަހީދުވީ ޣައްޒާގެ މެދުތެރެއަށް އިސްރާއީލުން ދިން ހަމަލާއެއްގައި ލިބުނު ބޮޑެތި ޒަޚަމްތަކަށް ފަރުވާދެމުން ގެންދަނިކޮށް ޣައްޒާގެ އައްޝިފާ ހޮސްޕިޓަލުގައެވެ.

އިސްރާއީލުން މިދިޔަ ހުކުރު ދުވަހުން ފެށިގެން ގެންދަނީ ޣައްޒާގެ އެތަންމިތަނަކަށް އެއްގަމާއި ވައިގެ މަގުން ވަރުގަދަ ޙަމަލާތަކެއްދީ ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނާ ދެކޮޅަށް ލާއިންސާނީ އުދުވާނެއް ހިންގަމުންނެވެ. މި އުދުވާންގައި މި ދެ މީހުންގެ އިތުރުން ހަތަރު މީހަކު އިސްރާއީލުންވަނީ ޝަހީދުކޮށްލާފައެވެ. އަދި އެތައް އިމާރާތެއްވަނީ ބިމާ ހަމަކޮށްލާފައެވެ.

އިސްރާއީލު ސިފައިންގެ މީހަކު ފަލަސްތީނުގެ އަންހެނަކަށް ބަޑިން ބިރުދައްކަނީ

އިސްރާއީލުގެ އުދުވާންގެ ރައްދުގައި ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރަ ޖަމާއަތްތަކުން ވަނީ ޣައްޒާގެ ސަރަހައްދީ ރޮނގުގެ ކައިރީގައި އިސްރާއީލުން ބިނާކޮށްފައިވާ ޔަހޫދީ އަވަށްތަކަށް ރޮކެޓް ހަމަލާތަކެއް ދީފައެވެ. ފަލަސްތީނުގެ ޖަމާއަތްތަކުން 90 ރޮކެޓް ޔަހޫދީ އަވަށްތަކަށް ފޮނުވާލިއިރު އޭގެތެރެއިން ބައެއް ރޮކެޓްތައް އަރައިގެން އަވަށްތަކުގެ ބައެއް ޔަހޫދީންވަނީ ޒަޚަމްވެފައެވެ.

ފަލަސްތީނުގެ ރޮކެޓް ހަމަލާތައް އެރި ޔަހޫދީ އަވަށްތަކުގެ ތެރޭގައި "އަސްގަލާން" "ކްރިޔާތް ޣާތް" ގެ ގެތައް ހިމެނޭކަމަށް އިސްރާއީލުން ބުނެއެވެ.

ފަލަސްތީނުގެ ރައްދު ހަމަލާތަކާގުޅިގެން ޔަހޫދީ އަވަށްތަކުގެ މީހުން ވަނީ ބިންގަރާސްތަކަށް ވަދެ ފިލާފައެވެ. އެމީހުން އިއްޔެއާއި މިއަދު މުޅިންވެސް އުޅެނީ ބިންގަރާސްތަކުގައި ކަމަށާއި އެ އަވަށްތަކުގައި އެއްވެސް ހަރަކާތެއް ނެތްކަމަށް މުރާސިލުން ބުނެއެވެ.

އަނެއްކޮޅުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ އިސްރާއީލުގެ އިސްތިއުމާރީ ސިފައިން ގެންދަނީ ޣައްޒާގެ ދަނޑުވެރިންނަށާއި ދަނޑުތަކަށްވެސް ހަމަލާތައް ދެމުންނެވެ. އެ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ބައެއް ދަނޑުތަކުގައި އަލިފާން ރޯވެފައިވާކަމަށް ޚަބަރުތައް ބުނެއެވެ. (ވަފާ ނޫސްއެޖެންސީ)