05 May 2019, 00:16
ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗްގެ އޮޕަރޭޝަން ތިއޭޓަރެއްގެ އޭސީން ފެންފައިބައި، ބައެއް އޮޕަރޭޝަންތައް ޑިލޭ ކުރަން ޖެހިއްޖެ އެވެ.
އައިޖީއެމްއެޗުގައި މިއަދު ކުރުމަށް ޝެޑިއުލް ކޮށްފައިވާ ބައެއް އޮޕަރޭޝަންތައް ފަސް ކުރަން ޖެހުނު ކަމަށް ބަލި މީހުނަށް އެންގުމަށް އޭގެތެރެއިން ބައެއް މީހުން ވަނީ ހިތް ހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.
އައިޖީއެމްއެޗުގައި ޖުމްލަ ހަތަރު އޮޕަރޭޝަން ތިއޭޓަރު ހުންނައިރު އޭގެ ތެރެއިން އެއް ތިއޭޓަރު ވަނީ މަރާމާތަށް ބަންދު ކޮށްފަ އެވެ. އަނެއް ތިން ތިއޭޓަރުގެ ތެރެއިން އެއް ތިއޭޓަރަގެ އޭސީއަކަށް ދިމާވި މައްސަލައަކާ ގުޅިގެން އެ ތިއޭޓަރުގައި ކުރަން ހުރި އޮޕަރޭޝަންތައް ވަނީ ފަސްކޮށްފަ އެވެ.
އެކަމާ ގުޅިގެން އައިޖީއެމްއެޗުގެ އިންފޮމޭޝަން އޮފިސަރު މުހައްމަދު މުފީދު 'ސަން' ވިދާޅުވީ، މިއަދު ހެނދުނު ތިއޭޓަރަށް ދިމާވި މައްސަލަ ހައްލު ކުރުމަށްފަހު މެންދުރު ތިނެއް ޖަހަން އުޅެނިކޮށް އެ ތިއޭޓަރުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
"އެއް ތިއޭޓަރަށް މައްސަލަ ދިމާވި ނަމަވެސް އެނެއް ދެ ތިއޭޓަރުގެ އޮޕަރޭޝަންތަކަށް ބޫރުލެއް ނާރާ ކުރިއަށް ދިޔަ. ގާތް ގަނޑަކަށް ނުވަ ވަރަކަށް ސާޖަރީ މިއަދު ވެސް ވަނީ ހަދާފައި،" މުފީދު ވިދާޅުވި އެވެ.
އައިޖީއެމްއެޗުން ދޭ ހިދުމަތްތަކާ ގުޅިގެން ބައެއް ފަހަރު އާންމުންގެ ޝަކުވާތައް ވަރަށް ބޮޑުވެ އެވެ. އެގޮތުން މިހާރު ވެސް އެ ހޮސްޕިޓަލްގެ އެމަޖެންސީގައި ހުންނަ އޭސީތައް މަސައްކަތް ނުކުރާ ކަމަށް ބުނެ އާންމުން ޝަކުވާ ކުރެއެވެ. އެކަމާ ގުޅިގެން އައިޖީއެމްއެޗުން މިދިޔަ މަހު ފަހުކޮޅު ބުނެފައިވަނީ، އޭސީއަށް ދިމާވި މައްސަލަ މި މަހުގެ ފުރަތަމަ ކޮޅު ހައްލު ކުރެވޭނެ ކަމަށެވެ.