04 May 2019, 22:20
ހެރިޓޭޖް މިނިސްޓްރީގެ ސިޔާސީ މުވައްޒަފުން އިސްވެ މާލޭގެ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ފަށައިފި އެވެ.
ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގް 'ސަން' އަށް ވިދާޅުވީ، ރޯދަމަހާ ދިމާކޮށް މިސްކިތްތަކުގެ ވަޅު ދިޔަ ހިއްކައި ގޯތި ތެރޭގައި ވެލި ލުމަކީ ޒަމާނުއްސުރެ ދިވެހީން ކުރަމުން އަންނަ ކަމެއް ކަމަށާއި އެގޮތުން އެ މިނިސްޓްރީން ނިންމީ ރާއްޖޭގެ އެންމެ ދުވަސްވީ އެއް މިސްކިތް ކަމަށްވާ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމަށް ކަމަށެވެ.
މިއަދު ފެށި އެ މަސައްކަތުގައި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވެސް ބައިވެރިވެވަޑައިގަތެވެ. މިނިސްޓަރުގެ އިތުރުން ޑެޕިއުޓީ މިނިސްޓަރު އަހްމަދު މުހުސިން އާއި ކަލްޗަރަލް ހެރިޓޭޖް މެނޭޖަރު އަހްމަދު ހާޝިމް އާއި ރިޝާޗް އެނަލިސްޓް އަލާ ދީދީ އާއި ނާޖިހު މުހައްމަދު އާއި އެންވައިރުމެންޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނަރަލް މުހައްމަދު ޒާހިރު (މޒ) އާއި މާފަންނު މެދު ދާއިރާގެ އިންތިހާބީ މެންބަރު އިބްރާހިމް ރަޝީދު (ބަންޑޭ) ވެސް ބައިވެރިވި ކަމަށް ތޯރިގް ވިދާޅުވި އެވެ.
"މި ޕްރޮގްރާމް މިރޭ ވެސް ކުރިއަށް ދާނެ މާދަމާ ވެސް ކުރިއަށް ދާނެ، ދެން އަޅުގަނޑުމެން ބޭނުންވަނީ ރަމަޟާން މަސް ފެށުމުގެ ކުރިން މާލޭގެ ހުކުރު މިސްކިތުގެ ގޯތިތެރެ ވެލި ކަހާ ދޮންވެލިލައި ވަޅު ދިޔަ ހިއްކައި ހަރިއްމަ ފާރުގަ ކުލަލައި މިސްކިތު ގަބުރަސްތާން ވެސް ސާފުކޮށް ކަންކަން ކޮށްލަން އަޅުގަނޑުމެން ބޭނުން ވަނީ،" ތޯރިގް ވިދާޅުވި އެވެ.

ހުކުރު މިސްކިތުގައި މިއަދު ކުރިއަށްގެންދިޔަ މަސައްކަތްތަކުގެ ތެރެއިން ---
މިއަދު ހެނދުނު ފެށި އެ މަސައްކަތުގައި ހުކުރު މިސްކިތުގެ ދެކުނު ފަރާތުގެ ވެލިގަނޑު އެއްވަރުކޮށް މަގު ފާރުގެ އެއްބައި ފެންޖަހައި ސާފު ކޮށްފައިވާ ކަން ތޯރިިގް ފާހަގަކުރެއްވި އެވެ. މިރޭ މަގުފާރުގައި ކުލަ ލާން ފަށާއިރު، ސާފުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ މަސައްކަތުގައި އާންމުންގެ ތެރެއިން ބަޔަކާއި ޕްލޭނިން މިނިސްޓްރީ އާއި އެޗްޑީސީ އަދި މާލޭ ސިޓީ ކައުންސިލުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ތޯރިގް ވިދާޅުވި އެވެ. އަދި ގޯތިތެރޭގައި ލުމަށް އެޗްޑީސީން މާދަމާ ދޮންވެލި ގެނެސްދޭނެ ކަން އޭނާ ވިދާޅުވި އެވެ.