20 Oct 2011, 15:50
ހަ ވަނަ އައިސީއެފް ކެރަމް ކަޕް ގައި ބައިވެރިވާ ރާއްޖޭގެ ޤައުމީ އަންހެން ޓީމާއި ފިރިހެން ޓީމަށް ކުޅުންތެރިން ހޮވުމަށް ތައްޔާރުވަމުން އަންނަކަމަށް ކެރަމް އެސޯސިއޭޝަނުން ބުނެފި އެވެ.
މެލޭޝިއާގެ ކުއާލަލަމްޕޫރުގައި އަންނަ ނޮވެމްބަރު މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔލަށް ބާއްވާ މިމުބާރާތަކީ ކެރަމްގެ ވޯލްޑް ކަޕް ފިޔަވައި ދެންކުޅެވޭ ބައިނަލް އަޤްވަމީ އެންމެ ބޮޑު އެއް ކެރަމް މުބާރާތެވެ.
މި މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލުކުރާނެ ޤައުމީ ޓީމަށް ކުޅުންތެރިން ހޮވުމަށް މިހިނގާ އޮކްޓޯބަރު މަހުގެ 25 އަދި 26 ގައި ނޮކްއައުޓް އުސޫލުން ކުޅޭ ސިލެކްޝަނެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި ސިލެކްޝަންގައި ވާދަ ކުރުމަށްޓަކައި ނެގޭ ސްކޮޑަށް ކުޅުންތެރިން ނެގެނީ ކެރަމް ސީޒަނުގައި ބޭއްވޭ މައިގަނޑު ތިން މުބާރާތުން ފާހަގަކުރެވޭ ކުޅުންތެރިންނެވެ. މި ސިލެކްޝަންގައި ވާދަކުރާ ކުޅުންތެރިން ހިމެނޭ ސްކޮޑުގެ ޕްރެކްޓިސްތައް މިހާރު ކުރިއަށްދާކަމަށް ކެރަމް އެސޯސިއޭޝަނުން ބުނެއެވެ.
އައި.ސީ.އެފް ކަޕް ގައި ވާދަކުރާ ޤައުމުތަކުގެ ތެރޭގައި އިންޑިއާ، ޝްރީލަންކާ، ދިވެހިރާއްޖެ، ޖަރުމަން، އިޓަލީ، ފްރާންސް، އިންގްލެންޑް، ޔޫ.އެސް.އޭ، ޕޮލެންޑް، ސުވިޓްޒަލެންޑް، ޕޯޗުގަލް، އޮސްޓްރޭލިއާ، ޕާކިސްތާން، ބަންގްލަދޭޝް، ނޭޕާލް، ޖަޕާން، ކޮރެއާ، މެލޭޝިއާ، ޔޫ.އޭ.އީ ފަދަ ޤައުމުތައް ހިމެނެއެވެ. ދުނިޔޭގެ ރޭންކުގައި މިވަގުތު ރާއްޖެއޮތީ ތިން ވަނައިގަ އެވެ.