ރޯދަ މަހުގެ ދެވަނަ ދުވަހުން ފެށިގެން ފިތުރު ޒަކާތް ބަލައިގަންނަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، މި ފެށޭ ރޯދަ މަހުގެ ދެވަނަ ދުވަހުން ފެށިގެން އެ މަހުގެ 28 ވަނަ ދުވަހާ ހަމައަށް ފިތުރު ޒަކާތް ބަލައިގަންނާނެ ކަމަށެވެ.

އެ ދުވަސް ތަކުގައި ފިތުރު ޒަކާތް ބަލައިގަންނާނީ ބަންދު ނޫން ކޮންމެ ދުވަހަކު ވެސް ހެނދުނު 9:15 އިން ފެށިގެން މެންދުރު އެކެއް ޖެހުމާ ހަމައަށް ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ވިލިމާލޭގައި ފިޠުރު ޒަކާތް ބަލައިގަންނަމުންދާނީ ސިޓީ ކައުންސިލްގެ ވިލިމާލެ ޔުނިޓުންނެވެ. އަދި ހުޅުމާލޭގައި، ހުޅުމާލެ ކޮމިއުނިޓީ ސެންޓަރުންނެވެ. މާލެ ފިޔަވައި އެހެނިހެން ސިޓީތަކާއި ރަށްތަކުގައި ފިޠުރު ޒަކާތް ނެގުމާއި ބެހުމުގެ އިންތިޒާމް ހަމަޖައްސާނީ އެތަނެއްގެ ކައުންސިލް އިދާރާއިން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

"ފިޠުރު ޒަކާތުގެ ގޮތުގައި ނެރޭނީ އަހަރު ތެރޭގައި އެ ރަށެއްގައި ބަނޑުކެއުމުގެ ގޮތުގައި ޢާއްމުކޮށް ކައިއުޅުނު ބާވަތަކުން 2.4 ކިލޯގެ އަގެވެ. ރަސްމީކޮށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯ ގޮވާމުގެ އަގަށްވާ ފައިސާއިންނެވެ،" އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

މާލޭ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ޒަކާތް ދައްކަން ޖެހޭނީ އާދައިގެ ހަނޑުލުން ނަމަ، 15ރ.، ތައިލެންޑް ހުދު ހަނޑުލުން ނަމަ 45ރ.، ބާސްމަތީ ހަނޑުލުން ނަމަ، 95ރ.، ރަތް ހަނޑޫ 75ރ.، އާދައިގެ ފުށް 16ރ.، އަދި އާޓާ ފުށް ނަމަ 60 ރުފިޔާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.