04 May 2019, 15:33
ރޯދަ މަހާ ގުޅުވައިގެން ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރި ކަދުރު ބެހުމުގައި ފަގީރުންނަށް އިސްކަން ދީގެން ކަދުރު ބެހުމަށް އިސްލާމިކް މިނިސްޓްރީއިން ކައުންސިލްތަކަށް އަންގައިފި އެވެ.
އެ މިނިސްޓްރީއިން ގެޒެޓްކޮށްފައިވާ އުސޫލުގައިވާ ގޮތުގައި ކަދުރު ބެހުމުގެ ހުރިހާ އިދާރީ ކަމެއް ކައުންސިލްތަކުން ކުރާއިރު، އެންމެ ފުރަތަމަ ކަދުރު ބަހާނީ ކޮންމެ ސިޓީއެއް އަދި ރަށެއްގައި މީހުން ދިރިއުޅޭ ގޭބިސީގެ ޖުމްލަ އަދަދު ބެލުމަށްފަހު، 2018ގެ ފަގީރުންގެ ދަފްތަރުގައިވާ ކޮންމެ ގޭބިސީއަކަށް އެއް ޕަކެޓް ކަދުރެވެ. އަދި އެ ގޭބިސީތަކަށް ކަދުރު ބެހުމަށް ފަހު ބާކީ ހުންނަ ކަދުރު ބަހާނީ، އެންމެ ފުރަތަމަ އަންނަ ފަރާތްތަކަށް އިސްކަންދީގެން ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓްގެ މަގުން ކަމަށް އުސޫލުގައިވެ އެވެ.
"ކުރިއަށްއޮތް ތަނުގައި ހެޔޮއެދޭ ދައުލަތްތަކުން ކަދުރު ލިބޭ މިންވަރަކުން ކައުންސިލްތައް މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދެވޭނެ އެވެ. ގޭބީސީތަކަށް ކަދުރު ބަހާނީ، އެ ގޭބީސީއެއްގެ ސައްހަކަން އަންގައިދޭ ލިޔުމެއް ގެންނެވުމުން، އެ ލިޔުމުގެ ސައްހަކަމަށް ބެލުމަށްފަހު އެވެ. މިގޮތުން، ކަދުރު ބެހުމުގައި ފަގީރުންނަށް އިސްކަންދީގެން ކަދުރު ހަވާލުކުރުމަށް ދަންނަވަމެވެ،" މިނިސްޓްރީގެ އުސޫލުގައިވެ އެވެ.
ބަހާ ކަދުރު ކައުންސިލްތަކާ ހަވާލުކުރަން މިނިސްޓްރީއިން މިހާރު ހަމަޖައްސާފައި ވަނީ ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 08:45 އިން މެންދުރު 1:00 އަށެވެ. އަދި އަދި ރޯދަ މަސް ފެށުމުން، ހެނދުނު 09:30 އިން މެންދުރު 12:00 އަށެވެ.
ކަދުރު ބަލާ ކައުންސިލްތަކަށް އަންނަ ފަރާތްތަކުން އައިޑީކާޑް ގެންދަން ޖެހެ އެވެ. އަދި އެ މީހާ އެ ގޭބިސީއެއްގައި ދިރިއުޅޭ ކަމުގެ ރަސްމީ ލިޔުމެއް ވެސް ގެންނަން ވަނީ އެދިފަ އެވެ.
މިނިސްޓްރީއިން އަދި ބުނީ ސައުދީއިން ރާއްޖެއަށް ހަދިޔާކުރި ހުރިހާ ކަދުރެއް ވެސް ބެހުމަށް ނިންމާފައިވާ ކަމަށެވެ. އަދި އިތުރު ކަދުރު ލިބިއްޖެ ނަމަ އެބައިވެސް އެކީ ބަހާ ހުސްކުރާނެ ކަމަށް މިނިސްޓްރީ އިން ބުންޏެވެ.
ސައުދީއިން މިފަހަރު ވެސް ރާއްޖެއަށް ހަދިޔާކުރީ 50 ޓަނުގެ ކަދުރެވެ.