ހުޅުމާލޭގައި އެޕާޓްމަންޓްތަކެއް ހަދައި ވިއްކާނެ ކަމަށް ބުނެ 200 އަށް ވުރެ ގިނަ މީހުންގެ އަތުން ފައިސާ ނެގި، ސީލައިފް ގްލޯބަލްގެ އެމްޑީ މުހައްމަދު އަހުމަދު މޫސާ، އައްމަޓީ ހޯދުމަށް ލަންކާ އާއި އިންޑިއާގައި ޕޯސްޓަރު ހަރުކުުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ.

ލަންކާގައި ފިލައިގެން އުޅޭ ކަމަށް ބެލެވޭ އައްމަޓީ ހޯދުމަށް މި މަހުގެ 18 ވަނަ ދުވަހު ވަނީ އިންޓަޕޯލުން ރެޑް ނޯޓިސް ވެސް ނެރެފަ އެވެ.

ފައިސާ ދެއްކި ފަރާތްތަކަށް އަދިވެސް އިންސާފު ނުލިބި ލަސްވަމުން ދާތީ، އިންސާފު ހޯދުން އަވަސް ކުރުމަށް ޕްރެޝަރު ކުރަން، އެ މީހުން އަންނަނީ އެކި ހަރަކާތްތައް ހިންގަމުން އެވެ.

އެ މަކަރުގައި ޖެހުނު އާއިލާތަކުން ބައިވެރިވެ އިއްޔެ ވަނީ ހުޅުމާލޭގައި ވެސް ހިނގާލުމެއް ބާއްވައި އެ މީހުންގެ ޝުއޫރުތައް ފާޅުކޮށްފަ އެވެ.

އެ ހަރަކާތުގައި އިސްކޮށް އުޅޭ ފަރާތަކުން ބުނީ، މާލޭގައި އިއްޔެ މުޒާހަރާ ހިނގި ވަގުތު ލަންކާގައި ހުންނަ އެމްބަސީ އާއި އިންޑިއާގެ ޓްރެވިންޑްރަމްގައި ހުންނަ ދިވެހި އެމްބަސީގެ ފާރުގަ އާއި ބައެއް އޮޓޯތަކުގައި އައްމަޓީ ހޯދަން ޕޯސްޓަރު ހަރުކޮށްފައިވާ ކަމަށެވެ. އަދި ލަންކާ އާއި އިންޑިއާގައި އުޅޭ ދިވެހިން ގިނައިން ދާ ތަންތަނުގައި ޕޯސްޓަރު ހަރުކުުރުމުގެ ހަރަކާތް ކުރިއަށް ގެންދާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

އިންޑިއާގައި ދުއްވާ އޮޓޯއެއްގެ ބޭރުގައި ސީލައިފްގެ އެމްޑީ، އައްމަޓީ ހޯދުމަށް ހަރުކޮށްފައި ޕޯސްޓަރެއް: އޭނާ އުޅެނީ ސްރީލަންކާގައި ކަމަށްވޭ.

"އައްމަޓީ ލަންކާގައި ފިލައިގެން އުޅޭ ކަމަށް މީހުން ބުނަނީ. އެހެންވެ. އަޅުގަނޑުމެން މި ހެދި ގޮތަކީ އޭނާ ހޯދާ މީހެއް ކަމަށް ބުނެ ޕޯސްޓަރު ހަދާފައި ތަންތާ މި ހިއްޕަނީ. އެގޮތުން ދިވެހި ހައިކޮމިޝަނާއި އެހެން ވެސް ދިވެހިން ގިނައިން ދާ ތަންތަނުގައި ފެންނަ ގޮތަށް ޕޯސްޓަރު ކަރުކުރުމުގެ ހަރަކާތް ކުރިއަށް ދާނެ،" އޭނާ ބުންޏެވެ.

ސީލައިފް އިން ގިނަ މީހުންގެ އަތުން ފައިސާ ނެގި މައްސަލަ ވަނީ އެ ހުރިހާ ފަރާތްތަކުން ކޯޓަށް ވެސް ހުށަހަޅައިފަ އެވެ. އެ މައްސަލަތައް މިދިޔަ ޖެނުއަރީ މަހުން ފެށިގެން އޮތީ ކޯޓްގެ ޑިސްޕިއުޓް މަރުހަލާގަ އެވެ.

ސީލައިފްގެ މަކަރުގައި ޖެހުނު މީހުން އިންސާފު އަވަސް ކޮށްދިނުމަށް ގޮވާލާ އަޑުއުފުލަން އިއްޔެ ހުޅުމާލޭގައި ބޭއްވި މުޒާހަރާ.

އިއްޔެ ބޭއްވި މުޒާހަރާގައި އެ ހީލަތާއި މަކަރުގައި ޖެހި ގެއްލުންވި އާއިލާތަކުން ވަނީ ސީލައިފްއިން ފްލެޓް އަޅަން ބަންދުކޮށްފައި އޮތް ބިމަށް ގޮސް، އެތަނުގައި ތިބެ ޝުއޫރު ފާޅުކޮށް، ބެނާ ފަދަ ތަކެތިވެސް އެތަނުގައި ދަމައިފަ އެވެ.

އެ ހަރަކާތުގައި އާއިލާތަކުގެ ކުޑަކުދިންނާއި ހުޅުމާލޭގެ އިންތިހާބީ މެންބަރު އަލީ ނިޔާޒު ވެސް ބައިވެރިވި އެވެ.

ސީލައިފް އިން މިފަހުން ނެރުނު ބަޔާނެއްގައި ބުނީ، އެ ކުންފުންޏަށް ފްލެޓް ނޭޅި ލަސްވެގެން ދިޔައީ އެޗްޑީސީއިން ލިބެން ޖެހޭ ހުއްދަތަކެއް ނުލިބި ލަސްވުމުން ކަމަށެވެ. އަދި އެ ކުންފުނިން މީގެ ކުރިން ހިންގި ޕްރޮޖެކްޓެއް ހުއްޓުވުމުން ދައުލަތުން ބަދަލުގެ ގޮތުގައި ދޭން ޖެހޭ ފައިސާ ލިބުނުހާ އަވަހަކަށް ފްލެޓް ގަތް މީހުންނަށް އަނބުރާ ފައިސާ ރައްދު ކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ސީލައިފްއަށް ފައިސާ ދެއްކި އާންމުން އެ މީހުންނަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ އިއްޔެ އަޑުއުފުލަނީ.

އެ ފައިސާގެ މައްސަލަ ވެސް ސިވިލް ކޯޓްގައި ކުރިއަށްދެ އެވެ.

ސީލައިފުން ހުޅުމާލޭގައި 3000 އެޕާޓްމެންޓު އެޅުމަށް ބޮޑު މަޝްރޫއެއް އިއުލާނު ކުރި އެވެ. އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ އެޕާޓްމެންޓްތައް ގަތުމަށް 280 މީހަކު، ކޮންމެ މީހަކު ބުކިން ފީގެ ގޮތުގައި 50،000 ރުފިޔާގެ ރޭޓުން 14 މިލިއަން ރުފިޔާ އަށް ވުރެ ގިނައިން އެ ކުންފުންޏަށް ވަނީ ފައިސާ ނަގައިފަ އެވެ.